Roadha Mihaaru
ލޭބާ ކުއާޓާގައި ހަމަނުޖެހުން ހިންގީ ކެއުން ލަސްވެގެން

ލޭބާ ކުއާޓާގައި ހަމަނުޖެހުން ހިންގީ ކެއުން ގެނައުން ލަސްވެގެން: އެޗްޑީސީ

25 މެއި 2020

ހުޅުމާލޭގެ ލޭބާ ކުއާޓާއެއްގައި ރޭ ހަމަނުޖެހުން ހިންގައި ފުލުހުންނާ ކުރިމަތިލާން ބިދޭސީން މަސައްކަތް ކުރީ ކެއުން ގެންދިއުން ލަސްވެގެން ކަމަށާއި އެކަން މިހާރު ހައްލުކޮށްފައިވާ ކަމަށް އެ ލޭބާ ކުއާޓާ ބަލަހައްޓާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގެ ލޭބާ ކުއާޓާއެއްގައި ރޭ ހަމަނުޖެހުން ހިންގައި ފުލުހުންނާ ކުރިމަތިލާން ބިދޭސީން މަސައްކަތް ކުރީ ކެއުން ގެންދިއުން ލަސްވެގެން ކަމަށާއި އެކަން މިހާރު ހައްލުކޮށްފައިވާ ކަމަށް އެ ލޭބާ ކުއާޓާ ބަލަހައްޓާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދަށުން، މާލޭގައި ތޮއްޖެހިގެން ކުދިކުދި ތަންތަނުގައި ދިރިއުޅެމުން އައި ބިދޭސީން ވަނީ އެކި ތަންތަނަށް ބަދަލުކޮށްފަ އެވެ. އޭގެތެރޭގައި ހިމެނޭ ހުޅުމާލޭ "އަމީން ހިޔާ" ލޭބާ ކުއާޓާގައި ތިބި ބައެއް ބިދޭސީން ވަނީ ރޭ ނުވައެއް ޖަހާކަންހާއިރު، އެ ތަނުގެ ބޭރުގައި ޑިއުޓީގައި ތިބި ފުލުހުންނާ ދިމާއަށް ގޮނޑި އާއި ދަގަނޑު ބުރި ފަދަ ތަކެތި އުކައިފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ލޭބާ ކުއާޓާގެ ތެރެއިން ބޭރަށް އެ ތަކެތި އުކަމުން އެ މީހުން ދިޔައީ ހަޅޭއްލަވަމުންނެވެ.

އެ ހަމަނުޖެހުން ފުލުހުން ހައްލުކުރީ އެއްވެސް މީހަކު ހައްޔަރުނުކޮށް، އެ މީހުންނާ ވާހަކަ ދައްކައިގެންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ވިދާޅުވީ އެ ލޭބާ ކުއާޓާގައި 100 އަށް ވުރެ ގިނަ ބިދޭސީން ތިބިއިރު އެމީހުންގެ ކެއުމުގެ ކަންކަން ހަމަޖައްސަމުން އައީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ.

އިއްޔެ އީދު ދުވަހަށް ވެ ބަންދު ވުނާ ގުޅިގެން އެ ބިދޭސީންނަށް ހެނދުނު ސަޔާއި ރޭގަނޑުގެ ކެއުން ގެންދިއުން ލަސްވި ކަމަށާއި ހަމަނުޖެހުން ހިންގީ އެހެންވެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

"ކާއެއްޗެހި ލިބުން ޑިލޭވުމުން ދިމާވި ކަމެއްކަމަށް ބެލެވެނީ. އަޅުގަނޑުމެން ވާނީ އެ މައްސަލަ ހައްލުކޮށްފައި. ރޯދަ ނިމި ފުރަތަމަ ދުވަސްވީމަ އެބޭފުޅުންނަށް ވެސް އެ ދަތިތަކާ ކުރިމަތިވީ،" ސުހައިލް ވިދާޅުވި އެވެ.

އެ ލޭބާ ކުއާޓާއިން ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެތަނުގެ ތެރެއިން ބޭރަށް މީހުން ނުކުތުން ވަނީ މަނާކޮށްފަ އެވެ. އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަނީ ފުލުހުންނެވެ.

އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާ ވެފަައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ތޮއްޖެހިގެން އުޅޭ ބިދޭސީން ބަދަލުކުރި ލޭބާ ކުއާޓާތަކުގައި އެ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.