Roadha Mihaaru
އައްޑޫގައި ފަގީރުންގެ ގޮތުގައި 1،031 މީހަކު

އައްޑޫގައި ފަގީރުންގެ ގޮތުގައި 1،031 މީހަކު

24 މެއި 2020

އަައްޑޫގައި މި އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްކުރީ 1،031 މީހުން ކަމަށާއި ފިތުރު ޒަކާތް 12،494 މީހުން ދެއްކި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަައްޑޫގައި މި އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްކުރީ 1،031 މީހުން ކަމަށާއި ފިތުރު ޒަކާތް 12،494 މީހުން ދެއްކި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން އާންމުކުރި ޒަކާތާ ބެހޭ ތަފުސީލު މައުލޫމާތުގައިވާ ގޮތުން ފިތުރު ޒަކާތުގެ ގޮތުގައި އައްޑޫން މި އަހަރު 349،079.37ރ. ދެއްކި އެވެ.

މި އަހަރު އައްޑޫން ފަގީރުންގެ ގޮތުގައި 1،031 މީހުން ރަޖިސްޓްކުރި އިރު އެއީ މިދިޔަ އަހަރަށް ވުރެ 138 މީހުންގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކުރީ 893 މީހުންނެވެ.

އައްޑޫން މި އަހަރު ފަގީރުންގެ ގޮތުގައި އެންމެ ގިނަ މީހުން ރަޖިސްޓްރީކުރީ އެންމެ ބޮޑު އާބާދީއެއް އޮތް ހިތަދޫންނެވެ. ފަގީރުންގެ ގޮތުގައި ޖުމްލަ 541 މީހުން ރަޖިސްޓްރީކުރި އިރު، ފައިސާ ދެއްކި މީހުންގެ އަދަދަކީ 6،348 މީހުންނެވެ. އެ އަވަށު ޖުމްލަ ލިބުނު ފައިސާގެ އަދަދު 182،430.61ރ. އަށް އަރާ އިރު، ބޮލަކަށް ބަހާފައި ވަނީ 337.21ރ. އެވެ.

މަރަދޫން 72 މީހަކު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކުރި އިރު، ފައިސާ ދެއްކީ 1،554 މީހުންނެވެ. އަދި ޒަކާތުގެ ގޮތުގައި އެ އަވަށުން ލިބުނު ފައިސާގެ އަދަދު 42،403.68ރ. އަރާ އިރު، ބޮލަކަށް ޖެހިފައި ވަނީ 588.94ރ. އެވެ.

މަރަދޫފޭދޫން ފަގީރުންގެ ގޮތުގައި 62 މީހުން ރަޖިސްޓްރީކުރި އިރު، ޒަކާތް ދެއްކީ 840 މީހުންނެވެ. އަދި ޖުމްލަ 21،494.39ރ. ލިބުނު އިރު، ބޮލަކަށް ޖެހުނީ 341.18ރ. އެވެ.

އައްޑޫގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ފޭދޫން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކުރީ 111 އެވެ. އަދި ޒަކާތް ދެއްކީ 2،118 މީހުންނެވެ. ޖުމްލަ އަދަދުގެ ގޮތުގައި 63،132.69ރ. ލިބުނު އިރު، ބޮލަކަށް ޖެހުނީ 568.79ރ. އެވެ.

ހުޅުދު އަށް ބަލާ އިރު އެ އަވަށުން ފަގީރުންގެ ގޮތުގައި 136 މީހަކު ރަޖިސްޓްރީކުރި އިރު، ޒަކާތް ދެއްކި މީހުންގެ އަދަދަކީ 560 އެވެ. އަދި ލިބުނު ފައިސާގެ އަދަދު 14،835ރ. އަށް އަރާ އިރު، ބޮލަކަށް ޖެހުނީ 109.08ރ. އެވެ.

މީދޫން ފަގީރުންގެ ގޮތުގައި ރަޖިސްޓްކުރީ 109 މީހުންނެވެ. ޒަކާތް ދެއްކީ 1،074 މީހުންނެވެ. ލިބުނު ފައިސާގެ އަދަދަކީ 24،783ރ. އެވެ. ބޮލަކަށް ޖެހުނީ 227.37ރ. އެވެ.

ކައުންސިލުން ބުނިގޮތުގައި ޒަކާތް ހައްގުވާ މީހުންނަށް ފައިސާ ދޫކުރީ އެ މީހުންގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްދީގެންނެވެ.

އައްޑޫގެ އާބާދީ 30،000 އާ ގާތްކުރެ އެވެ. އަދި މިއީ ވެރިރަށް މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް ސިޓީ އެވެ.