Roadha Mihaaru

ޔާމީން މިނިވަންކުރަން ގޮވާލައި ޖާބިރުގެ ގަރާރެއް

މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް، ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ޔާމީން މިނިވަންކުރަން ގޮވާލައި ޖާބިރުގެ ގަރާރެއް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

23 މެއި 2020

މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް، ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ޔާމީންގެ ވެރިކަމުގައި ވިޔަފާރި އަށް ބޮޑެތި ގެއްލުންތައް ދިން ކަަމަށް ކުރިން ތުހުމަތު ކުރެއްވި ޖާބިރުގެ ގަރާރުގައި ވިދާޅުވެފައި ވަނީ އޭނާގެ ބޭނުމަކީ ސިޔާސީ ވާދަވެރިކަން ނެތިކޮށް، ގައުމީ ރޫޙެއްގައި ރައްޔިތުން ސަލާމަތް ކުރުން ކަމަށެވެ.

ޖާބިރު ވިދާޅުވީ، ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި އެ ބަލި ރާއްޖެ އަށް ވެސް އައިސްފައިވާއިރު، އޭގެ ސަބަބުން ޓޫރިޒަމް ހުއްޓި، އިގްތިސާދު ހީނަރުވެ، ރައްޔިތުން ބިކަހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ، މިވަގުތު ޔާމީން މިނިވަންކޮށް، އެ މަނިކުފާނުގެ އެހީ ސަރުކާރުން ހޯދަންޖެހޭ ކަމަށް ވެސްް އެ ގަރާރުގައި ޖާބިރު ވިދާޅުވެފައި ވެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ގެންދަން މާލެއަށް ގެނައި ދުވަހެއްގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ގެންދަނީ.

މަނީ ލޯންޑްރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ގެންދަން މާލެއަށް ގެނައި ދުވަހެއްގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ގެންދަނީ.

"...އެ މަނިކުފާނާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ބައްދަލުކުރައްވާ، ރައީސް ޔާމީންގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށްޓަކައި މަޝްވަރާ ކުރުމަކީ މިވަގުތު ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި އަޅުގަނޑު ދެކޭތީ.." ކުރިން ޔާމީންގެ އެންމެ ގާތްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޖާބިރުގެ ގަރާރުގައި ވެ އެވެ.

ޔާމީންގެ ފަރާތްޕުޅުން ހޯދޭނެ އެހީތެރިކަމެއްގެ ގޮތުގައި ޖާބިރު ވިދާޅުވެފައި ވަނީ ޗައިނާ އާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން އެހީތެރިކަން ހޯދުމެވެ. ޔާމީން މެދުވެރިކޮށްގެން އެ ދެ ގައުމުން އެހީ ހޯދޭނެ ކަން ޔަގީންވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީން ވަނީ ނޮވެމްބަރު 28، 2019 ގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ބުނަމުންދާ ގޮތުގައި ޔާމީނަށް ދެނީ ނުހައްގު އަދަބެކެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔާމީން އެކަނި ޖަލަށް ލާފައި ވާތީ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.