Roadha Mihaaru
ގައުމަށް ދާން ބޭނުން ބަންގްލަދޭޝްގެ މީހުން ހޯދަނީ

އައްޑޫގައި އުޅޭ ބަންގްލަދޭޝްގެ މީހުން ގައުމަށް ދާން ބޭނުން ނަމަ ރަޖިސްޓަވާން ހުޅުވާލައިފި

21 މެއި 2020

އައްޑޫ ސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ގައުމަށް ދާން ބޭނުންވާ މީހުން ރަޖިސްޓްރީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އައްޑޫ ސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ގައުމަށް ދާން ބޭނުންވާ މީހުން ރަޖިސްޓްރީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން އަމިއްލަ ގައުމަށް ދާން ބޭނުންވާ މީހުން ތިބި ނަމަ އެ މީހުން އައްޑޫގެ އަވަށްތަކުގައި ގާއިމްކޮށްފައިވާ ސޯޝަލް ސަޕޯޓް ޑެސްކް ތަކުގައި ނަން ނޯޓު ކުުރުމަށެވެ. އަންނަ ހޯމަ ދުވަހުގެ ރޭ 8:00 ޖެހުމުގެ ކުރިން ރަޖިސްޓްރީ ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އައްޑު އަށް ބަންގްލަދޭޝް މީހުން ގެނެސްފައިވާ ކުންފުނިތަކާއި އަމިއްލަ މީހުންނަށް ވެސް އެ މީހުން ގެނެސްފައިވާ ބަންގްލަދޭޝް މީހުން ފޮނުވާލުމަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.

އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް މީހުންގެ ތެރެއިން ލިޔެކިޔުން ފުރިހަމަނުވާ މީހުންނަށް ވެސް ރަޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެ ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.

ރަޖިސްޓްރީ ކުރުމަށް ގުޅާނެ ނަމްބަރުތައް

- ހިތަދޫން 7789042

- މަރަދޫން 7789043

- މަރަދޫފޭދޫން 7789045

- ފޭދޫން 7789044

- މީދޫން 7789041

- ހުޅުދޫން 7789046

މާލޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ވަނީ ކޮވިޑް-19 އާ ގުޅިގެން އެ މީހުންގެ ގައުމަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބަންގަލަދޭޝްގެ 1،500 މީހަކު އަނބުރާ ފޮނުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރިން ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ މީހުން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކައިގެން ކަމަށެވެ.

ރާއްޖޭން ކޮވިޑް-19 އަށް 1,216 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

ސައްހަ ލިޔެކިއުންތައް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބަންްގްލަދޭޝް މީހުންނެވެ.