Roadha Mihaaru
ރިޕޯޓުތައް ޑިލީޓުކުރި މައްސަލަ ބަލަން ސައީދު އަންގަވައިފި

ބިދޭސީންގެ ރިޕޯޓުތައް ޑިލީޓްކުރި މައްސަލަ ބަލަން ސައީދު އަންގަވައިފި

18 ޑިސެމްބަރ 2023

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަދަދުތަކުގެ ތަފާސްހިސާބުތައް ހުރި ރިޕޯޓުތަކާއި ޕޯސްޓުތައް ޑިލީޓުކުރި މައްސަލަ ބަލަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އަންގަވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަދަދުތަކުގެ ތަފާސްހިސާބުތައް ހުރި ރިޕޯޓުތަކާއި ޕޯސްޓުތައް ޑިލީޓުކުރި މައްސަލަ ބަލަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އަންގަވައިފި އެވެ.

ސައީދު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ އެއްވެސް ޕޯސްޓެއް ޑިލީޓުކުރުމަށް އޭނާ އަންގަވާފައި ނުވާނެ ކަމަށެވެ.

"އެކަން ކުރި ސަބަބު ތަހުގީގުކުރަން މިހާރު ވާނީ އަންގާފައި،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ ނޮވެންބަރު މަހު އާންމުކޮށްފައިވާ ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގެން ހުރި އިކޮނޮމިކް މިނިސްޓްރީގެ އެންމެފަހުގެ ރިޕޯޓުތަކުގެ ވާހަކަތައް އިއްޔެ ފެންމަތިވީ ބަންގްލަދޭޝް މަސައްކަތްތެރިން އަލުން އެތެރެވާން މި ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެންނެވެ.

އެ ރިޕޯޓުތައް "އެކްސް" ގައި ހިއްސާ ކުރައްވައި، މިދިޔަ ސަރުކާރުގައި ބިދޭސީންގެ ކަންކަން ބެލެހެއްޓި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ބަންގްލަދޭޝް މަސައްކަތްތެރިން އަލުން އެތެރެވާން ހުއްދަ ދިނުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މިނިސްޓްރީން އެ ރިޕޯޓުތައް ޑިލީޓުކޮށްލާފައިވަނީ އެ މައްސަލައިގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއްގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނެ އަދަދަކީ 100،000 މީހުންނެވެ. މިގޮތަށް ކަނޑައެޅި އިރު ރާއްޖޭގައި ތިބި ބަންގްލާދޭޝް މީހުންގެ އަދަދު އެ އަށް ވުރެ އިތުރުވާތީ، ބަންގްލާދޭޝް މީހުން ގެނައުން އޮތީ މަނާކޮށްފަ އެވެ. އެކަމަކު މި ސަރުކާރުގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ހަވާލުވެފައިވާ ހޯމްލޭންޑް ސެކިއުރިޓީގެ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބީ ބަންގްލަދޭޝްގެ 90،620 މީހުން ކަމަށެވެ.