Roadha Mihaaru
ކުރީގެ އުސޫލުން ރޯދަ މަހު އިތުރުގަޑީގެ ފައިސާ ލިބޭނެ

އިތުރުގަޑީގެ ފައިސާ މި ރޯދަ މަހު ވެސް ކުރިއެކޭ އެއްގޮތަށް ލިބޭނެ: ފިނޭންސް މިނިސްޓްރީ

21 މެއި 2020

އެހެން އަހަރުތަކޭ ވެސް އެއް އުސޫލުން މި ރޯދަ މަހުގެ އިތުރު ގަޑީގެ ފައިސާ ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެހެން އަހަރުތަކޭ ވެސް އެއް އުސޫލުން މި ރޯދަ މަހުގެ އިތުރު ގަޑީގެ ފައިސާ ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅާފައިވާ ފިޔަވަޅުގެ ދަށުން، ސިވިލް ސާވެންޓުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފައި ވެ އެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުގައި، މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދެން ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުންނެވެ.

ފިނޭންސްގެ މި ނިންމުން ވީ، ކޮވިޑް-19 އާ ދެކޮޅަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ސިއްހީ ޚިދުމަތްތެރިންގެ ކަންބޮޑުވުމަކަށެވެ. އެއީ ބޭއިންސާފު ނިންމުމަކަށް ވާތީ، އެ ނިންމުން މުރާޖައާކޮށް، ކުރީގެ އުސޫލުން އިތުރު ގަޑީގެ ފައިސާ ދިނުމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ވެސް ވަނީ ގޮވާލާފައިފަ އެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނާއި އެކި އިނާޔަތްތަކަށް ބަދަލު ގެނައުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ސާކިއުލާ މެދު ސިއްހީ ހިދުމަތްތެރިން ކަންބޮޑުވުންފާޅުކޮށްފައި ވަނިކޮށް، އެ ސާކިއުލާ ތަފްސީލްކޮށްދީ ފިނޭންސް މިނިސްޓްރީން މިރޭ ވަނީ އާ ސާކިއުލާއެއް ނެރެފަ އެވެ.

އާ ސާކިއުލާގައި ބުނީ ރަމަޟާން މަހަކީ ހާއްސަ މަސައްކަތު ގަޑިތަކެއް ކަނޑައަޅާފައިވާ މަހަކަށް ވާތީ، އިތުރު ގަޑީގެ ފައިސާ ދިނުމުގެ އެ އުސޫލަށް އަމަލުކުރާނީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހަށް ފަހުގައި ކަމަށެވެ. އެހެންވެ ޝައްވާލް މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އަމަލުކުރާނީ ކުރީ އަހަރުތަކުގައި އަމަލުކުރަމުން އައި އުސޫލުން ކަމަށް ބުންޏެވެ.

"ވުމާއެކު، ޝައްވާލް 7، 1441 ގެ ނިޔަލަށް އިތުރުގަޑީގެ ފައިސާ ކަނޑައެޅުމުގައި އަމަލުކުރާނީ މީގެ ކުރިން ވެސް އަމަލުކުރަމުންދާ އުސޫލަށް ކަމަށާއި ޝައްވާލް 8، 1441 އިން ފެށިގެން އަމަލުކުރާނީ ހަވާލާދީފައިވާ ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ،" ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ވެ އެވެ.

ރޯދަ މަހު، ސިވިލް ސާވެންޓުންނާ އެއްގޮތަށް ސިއްހީ ހިދުމަތްތެރިން ވެސް ރަސްމީ މަސައްކަތު ގަޑިއަކީ ހަތަރު ގަޑިއިރެވެ. އެކަމަކު ހަ ގަޑިއިރު މަސައްކަތް ކުރަންޖެހެ އެވެ. އެ ވަގުތު ކަނޑައަޅާފައިވަނީ އޯޓީގެ ގޮތުގަ އެވެ. ނަމަވެސް ކުރިން ހަމަޖެއްސި އުސޫލުގެ ދަށުން އެ ދެ ގަޑިއިރުގެ އޯޓީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ނުލިބޭނެ އެވެ. ރޯދަ ނޫން މަސް މަހުގައި، މަސައްކަތު ގަޑިއަކީ ހަފުތާގެ ހަ ދުވަހު، ދުވާލަކު ހަ ގަޑިއިރެވެ.