Roadha Mihaaru
ރިސޯޓު ކުލި ހަ މަހަށް ފަސްކޮށްދޭން ނިންމައިފި

ރިސޯޓުތަކުގެ ކުލި ހަ މަހަށް ފަސްކޮށްދޭން ނިންމައިފި

20 މެއި 2020

ކޮވިޑް-19 އަށް ފަހު، ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާ އިރު، ރިސޯޓުތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން މި އަހަރުގެ ފަހު ހަ މަސް ދުވަހު ބިމު ކުލި ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދޭން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އަށް ފަހު، ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާ އިރު، ރިސޯޓުތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން މި އަހަރުގެ ފަހު ހަ މަސް ދުވަހު ބިމު ކުލި ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދޭން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މީގެ އިރުކޮޅެއް ކުރިން ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، އިގްތިސާދީ ހަރަކާތްތައް ފެށުމަށްޓަކައި އެކިއެކި ދާއިރާތަކަށް ވެސް ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށެވެ. އެގޮތުން ދަނޑުވެރިކަމުގެ ދާއިރާ އަށް ދޫކޮށްފައިވާ ބިމުގެ ކުލިން ވެސް ލުއިތަކެއް ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ވެސް ކުރިއަށް އޮތް ހަ މަހުގެ ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

ރިސޯޓުތަކުގެ ކުއްޔާއި ދަނޑުވެރި ކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ އިތުރުން ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައިވާ އެހެން ހުރިހާ ބިންތަކުގެ ކުލި ވެސް ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ.

އިގްތިސާދީ އަލުން ފަށައިގަތުމުގައި އާ ވިސްނުންތަކެއްގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމާއި ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އިސްނަގަން މުހިއްމު ވަގުތެއް ކަމަށެވެ. މީގެ އިތުރުން އާންމު ސިއްހަތަށް ފަރުވާތެރިވެ، މުޅި އިގްތިސާދު އާރާސްތުކުރުމަށާއި ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ މުހިއްމު ވަގުތެއްގެ ގޮތުގައި މިހާލަތު އެ މަނިފާނު ސިފަ ކުރެއްވި އެވެ.

"ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ވެސް ކުރިއަށް އޮތް ހަ މަހުގެ ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި،" ރައީސް

ސަރުކާރުން އިއުލާނުކޮށްފައިވާ ރިލީފް ފަންޑުގެ ދަށުން އެސްއެމްއީ ބޭންކާއި ބީއެމްއެލް މެދުވެރިކޮށް އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ބީއެމްއެލް މެދުވެރިކޮށް 98 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވާ އިރު ކުދި އަދި މެދުފަންތީގެ 134 ވިޔަފާރިއަކަށް ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ. ރިިލީފް ފަންޑުގެ ދަށުން ވިޔަފާރިތަކަށް 2.5 ބިލިއަން ރުފިޔާގެ އެހީވުމަށް ނިންމާފައިވާ އިރު އޭގެ ތެރެއިން 400 މިލިއަން ރުފިޔާ ހާއްސަކުރުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށެވެ.

ރައީސް ވިދާޅުވީ، ލޯނުތައް އަނބުރާ ފަސްކޮށްދިނުމަށް ކަނޑައެޅި އުސޫލުގެ ދަށުން އަށް ބޭންކެއް މެދުވެރިކޮށް 15،000 އަށް ވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފަ އެވެ. މި ލޯނުތަކުގެ ތެރެއިން 83 ޕަސެންޓް ނިސްބަތްވަނީ ބީއެމްއެލަށެވެ.