16 މެއި 2020
މައިންބަފައިން ބުރަ މަސައްކަތުން އޭނާ ބަލައި ބޮޑުކުރީ އަގަކާ ނުލަ އެވެ. ކިޔެވި އިރު އާއިލާ އާއި ޓީޗަރުންނާއި މުޖުތަމައުގެ އަޅާލުމާއި ލޯބި ލިބުނީ ވެސް ހިލެ އެވެ. ނަސީބު ރަނގަޅު ކަމުން، އޭނާ ހިމެނުނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ސަރުކާރުގެ ހަރަދުގައި ނަރުސްކަން ކިޔަވައިދިން އެންމެ ފަހު ބެޗުގެ ދަރިވަރުންގެ ތެރޭގަ އެވެ.
މައިންބަފައިން ބުރަ މަސައްކަތުން އޭނާ ބަލައި ބޮޑުކުރީ އަގަކާ ނުލަ އެވެ. ކިޔެވި އިރު އާއިލާ އާއި ޓީޗަރުންނާއި މުޖުތަމައުގެ އަޅާލުމާއި ލޯބި ލިބުނީ ވެސް ހިލެ އެވެ. ނަސީބު ރަނގަޅު ކަމުން، އޭނާ ހިމެނުނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ސަރުކާރުގެ ހަރަދުގައި ނަރުސްކަން ކިޔަވައިދިން އެންމެ ފަހު ބެޗުގެ ދަރިވަރުންގެ ތެރޭގަ އެވެ.
ކޮވިޑް-19ގެ ރެޕިޑް ރެސްޕޯންސް ޓީމު (އާރުއާރުޓީ)ގައި މަސައްކަތްކުރާ މަރިޔަމް ޝިފާނާ ހުސެއިން ގަބޫލުކުރާ ގޮތުގައި، ގައުމު އޭނާ އަށް ބޭނުންވި ދުވަހު އިޖާބަ ދިނުން ފިޔަވައި ދައްކާނެ އުޒުރެއް ނެތެވެ.
"މި ހިސާބަށް އަހަރެން ގެނެސްދިނީ މަންމަ އާއި ގައުމު،" ޝިފާނާ 32، ބުންޏެވެ.
އޭނާ އަކީ ކޮވިޑް-19އާ ދެކޮޅަށް އެންމެ އިސް ސަފުގައި ވޮލަންޓިއާކޮށް އާރުއާރުޓީގައި މަސައްކަތް ކުރާ 100 އަށް ވުރެން ގިނަ މީހުންގެ ތެރެއިން އެކެކެވެ.
ޝިފާނާ: ނަރުހެއްގެ ގޮތުން އޭނާ ވަޒީފާ އަދާކުރަމުން އަންނަނީ އިސްކަންދަރު ސްކޫލްގައި.
އިސްކަންދަރު ސްކޫލްގައި ނަރުހެއްގެ ވަޒީފާ އަދާކުރާ ޝިފާނާގެ ދިރިއުޅުމުގެ ބޮޑު ބައަކީ ދަރުމަވެރިކަމެވެ. މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ)ގެ މެމްބަރެއްގެ ގޮތުން ހިލޭ ސާބަހަށް އޭނާގެ ޚިދުމަތް ގިނަ ދާއިރާތަކަށް ފޯރަ އެވެ. ގާލް ގައިޑް އެސޯސިއޭޝަނާއި ނަރުހުންގެ ޖަމިއްޔާ އާއި ކެއާ ސޮސައިޓީގެ ވެސް މެމްބަރެއްގެ ގޮތުން ހަރަކާތްތެރިވެ އެވެ.
ޝިފާނާ ބުނިގޮތުގައި ވޮލަންޓިއަރެއްގެ ގޮތުގައި އެކި ކަންކަމުގައި ބައިވެރިވާން ފެށީ އެހެން މީހަކަށް ހެޔޮ ކަމެއް ކޮށްދީގެން ލިބޭ ހިތްހަމަޖެހުން ކިތަންމެ ބޮޑު އަގެއް ދީފައި ވެސް ނުގަނެވޭނެ ކަމަށް ދެކޭތީ އެވެ. މަސައްކަތުގެ ފަހަތުގައި އޮތީ އެ ހިތްހަމަޖެހުމެވެ.
"އެހެން މީހަކަށް ހެޔޮކަމެއް ކޮށްދީގެން އެ ލިބޭ ހިތްހަމަޖެހުމަކީ ފައިސާއަކުން ގަނެވޭނެ އެއްޗެއް ނޫން. މިއީ، ވަރަށް ތަފާތު އުފަލެއް،" ޝިފާނާ ބުންޏެވެ.
ދަރުމަވެރިކަމުގައި އޭނާގެ ފެށުމަކީ އައިސީއާރުސީން ބޭއްވި އެކި ހަރަކާތްތަކެވެ. ސުނާމީ ސާވޭ އިން ފަށައި އުފެދުނު ޝައުގުވެރިކަމުގައި މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅި، މިހާތަނަށް އޭނާ ވަނީ ހިލޭ ސާބަހަށް އެ ޖަމާއަތުން ހިންގި ގިނަ ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ. މިއީ މި މަސައްކަތުގައި އޭނާގެ 10 ވަނަ އަހަރެވެ.
މޯލްޑިވްސް ރެޑް ކްރެސެންޓުގެ ހަރަކާތެއްގައި ޝިފާނާ ބައިވެރިވަނީ.
ގާލް ގައިޑުގައި ވެސް ޝިފާނާ އަކީ ފާހަގަކުރެވޭ މެމްބަރެކެވެ. ކޭމްޕްތަކުގައި، ނަރުހެއްގެ ގޮތުން ދަރިވަރުންނާ އެކު ބައިވެރިވާން ލިބޭ ފުރުސަތުތައް ދޫކޮށެއް ނުލަ އެވެ.
"އެހީއަކަށް ބޭނުންވެގެން ކޮންމެ ތަނަކުން ވެސް ބުނެލައިފިއްޔާ ދަން،" ޝިފާނާ ބުންޏެވެ.
އާރުއާރުޓީއާ ގުޅުނީ ކޮވިޑަށް ޚާއްސަކޮށްގެން އެޗްޕީއޭ އިން އެމްއާރުސީގެ ވޮލަންޓިއަރުން ތަމްރީންކުރިއިރު އޭގައި ބައިވެރިވެ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން (އެންއީއޯސީ)ގެ މަސައްކަތަށް މިދިޔަ ފެބުއަރީ މަހު ނުކުމެވުމުންނެވެ. އެޗްޕީއޭގެ ތަމްރީންގައި ޝިފާނާ ބައިވެރިވީ އޭނާ އަކީ އެމްއާރުސީގައި ފަސްޓް އެއިޑް ޓްރެއިނަރަކަށް ވާތީ އެވެ.
ވަކި ތަމްރީނެއް ފުރިހަމަކޮށް، އާރުއާރުޓީގައި މަސައްކަތް ފެށީ، ކޮވިޑް ފެތުރިދާނެ ކަމުގެ ބިރަށް ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކުރުމުންނެވެ.
ގާލް ގައިޑް އެސޯސިއޭޝަނުގެ ހަފުލާއެއްގައި ޝިފާނާ އަށް، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ހަނދާނީ ފިލައެއް އަރުވަނީ.
އިންފެކްޝަން ކޮންޓްރޯލްކުރަން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ)ގައި ދުވާލަކު އެތައް ގަޑިއިރެއް ހޭދަކުރުމަކީ އުނދަގޫ ކަމެކެވެ. އާރުއާރުޓީގެ މީހުން ތިބެނީ ސްކްރަބާއި ގައުންގައި ފޭސް ޝީލްޑާއި އެން95 މާސްކް އަޅައި އަތަށް ތިން އަންގި ލައްވައި ގަން ބޫޓަށް އަރައިގެންނެވެ. އެ ވަގުތުތަކުގައި ކެއުމާއި ބުއިމާއި ޒަރޫރީ އެހެން ބޭނުންތަކާ ވެސް ދުރުގަ އެވެ.
ޕީޕީއީ އަޅައިގެން ބަލި މީހާއާ ގާތްވިޔަސް ހެދޭ ކުޑަ ގޯހަކުން ވެސް ނުރައްކަލަކަށް ހުށަހެޅިދާނެ ކަމުގެ ބިރު އޮވެ އެވެ. އެކަމަކު އެ ޓީމުގެ އެހެން މީހުންނެކޭ އެއްގޮތަށް ޝިފާނާ ވެސް ޖެހިލުމެއް ނުވެ އެވެ.
އާރުއާރުޓީގައި މި ހޭދަކުރި މުއްދަތުގައި ޝިފާނާ ވެސް ދުވާލަކު އެތައް ސާމްޕަލެއް ނަގައިފި އެވެ. އަލާމާތްތައް ފެނިގެން ގުޅުމުން މާލޭގެ ގެތަކަށް ގޮސްގެންނާއި މަގުމަތިންނާއި ބައެއް ފަހަރަށް ކައިރި ރިސޯޓްތަކަށް ގޮސްގެން ވެސް ސާމްޕަލް ނަގަން ޖެހެ އެވެ. މިއިން ކޮންމެ މީހެއްގެ ވެސް ސާމްޕަލް ނަގަނީ ބަލި ޖެހިފައި ހުރެދާނެ މީހެއްގެ ގޮތުގައި ދެކިގެންނެވެ.
އޭނާ ބިރު ނުގަންނަނީ، ޝިފާނާ ބުނިގޮތުގައި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާއިރު އިންފެކްޝަނަށް ހުށެހެޅިދާނެ ކަމުގެ ބިރު ކޮންމެވެސް އެއް ސިފައެއްގައި އަބަދުވެސް އޮންނާތީ އެވެ.
"ސާމްޕަލް ނެގުމަކީ އެހާ އުނދަގޫ ކަމެއް، އަދި ބިރުވެރި ކަމެއްގެ ގޮތުގައި ވެސް ނޫން ދެކެނީ. މިހާތަނަށް ފުދޭވަރަކަށް ގިނަ ޕޮޒިޓިވް ކޭސްތަކަށް ވެސް އެޓެންޑްވިން. ހަމައެކަނި ސާމްޕަލް ނެގުމެއް ނޫން، ޕޮޒިޓިވް މީހުން އައިސޮލޭޝަން ފެސިލިޓީއަށް ވެސް ބަދަލުކުރަން އަހަރެމެން ދަން،" ޝިފާނާ ބުންޏެވެ.
އާރުއާރުޓީ އެންމެންނަކީ އެއް އާއިލާއެއް، ވަަރަށް ކެތްތެރިކަމާއި އެކު ގަޔާވެގެން ނޫނީ ނުކުރެވޭނެ ކަމެއް މިއީ. އެންމެން ވެސް މިކަމުގައި އުޅެނީ އެހެން މީހުންގެ ސިއްހަތަށް އިސްކަންދޭތީ، --ޝިފާނާ
އޭނާ ބުނީ މި މަސައްކަތުގައި ހިތްދަތި ކަންކަމާ ވެސް ކުރިމަތިލާން ޖެހޭ ކަމަށެވެ. ދިރިއުޅުމުގެ އެކި ހާލަތްތަކުގައި އުނދަގޫކޮށް އުޅޭ އެތައް ބަޔަކާ ކޮންމެ ދުވަހަކު ދިމާވާތީ އެވެ. އޭގެތެރޭގައި ލޮކްޑައުންގައި ބަންދުވެ ތިބުމުން ހާސްވެފައި ތިބޭ މީހުންނާއި ކުޑަ ތަންކޮޅުގައި އާއިލާގެ އެންމެން ދިރިއުޅުމާއި ދަރިން ގޮވައިގެން އެކަނިވެރި މައިން އުޅޭ ހާލާއި ތޮއްޖެހި، ގޮތެއް ނެތިފައި ތިބޭ ބިދޭސީން ވެސް ހިމެނެ އެވެ.
"ވަރަށް ހިތްދަތިވާ ވަގުތުކޮޅު އާދޭ،" ޝިފާނާ ބުންޏެވެ.
ޝިފާނާ ސާމްޕަލް ނަގަން ޕީޕީއީގައި.
އޭނާ ބުނިގޮތުގައި، އެންމެންނަށް މިއީ އުނދަގޫ ވަގުތަކަސް ޓެސްޓްކޮށް ބަލި ނެތްކަން ކަށަވަރު ކުރުމަކީ މިވަގުތަށް ކުރަން އޮތް އެންމެ މުހިއްމު ކަމެވެ. އާރުއާރުޓީ އޮތީ އެ މަސައްކަތުގައި ކަމަށް އޭނާ ބުންޏެވެ.
މި މަސައްކަތުގައި ޝިފާނާ އަށް އެންމެ އުނދަގޫވަނީ ދަރިންނާ ދުރުގައި އުޅެން ޖެހިފައިވާތީ އެވެ. މާލެ ލޮކްޑައުންކޮށް، ގޭގައި ބަންދުވެ ތިބެން ޖެހިފައިވާ މި ވަގުތަކީ ޝިފާނާގެ 11 އަހަރާއި އަށް އަހަރު އަދި ހަތަރު އަހަރުގެ ތިން ދަރިންނަށް އޭނާ އެންމެ މުހިއްމުވާނެ ވަގުތެވެ. ސްކޫލް އޮންނަ ނަމަ، ކިޔެވުމާ އެކު އިތުރު ހަރަކާތްތަކުގައި ތަންތަނަށް ދިއުން ފަދަ ކުދިން ހިތްހަމަޖެހޭ ކަންކަން ވެސް ކުރެވޭނެ އެވެ. އެކަމަކު އެހާ ގިނަ ދުވަސްތަކެއް ބަންދު ތަނެއްގައި ތިބެން ޖެހުމަކީ ނަފްސާނީ ގޮތުން ކުދިންނަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަން އޭނާ ގަބޫލުކުރެ އެވެ.
"ކުދިން ވީމަ ފޫހިވެސް ވާނެ. ޕާކަށް ވެސް ދާން ބޭނުންވާނެ، އާއިލާގެ އެހެން މީހުންގެ ގެއަށް ވެސް ދާން ބޭނުންވާނެ. އެކަމަކު މި ދުވަސްކޮޅުގެ ގޮތުން ކުދިން ބަންދުވެ ތިބެން ޖެހިފައިވާއިރު ދުރުގައި ހުންނަން ޖެހުމުން ވަރަށް ހިތްދަތިވޭ. ވީޑިއޯ ކޯލް އިން ބައްދަލުވަނީ،" ޝިފާނާ ބުންޏެވެ.
ހިތްދަތި ދުވަސްތަކެއް ގުނަން ޖެހިފައިވިޔަސް އުމުރުން ދުވަސްވީ މަންމަ އާއި ދަރިންނާއި އާއިލާގެ އެހެން މީހުން އޭނާގެ ފަރާތުން ވައިރަސް އަރައި ފަރުވާ ހޯދަން ޖެހުނަ ނުދޭން ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.
ޝިފާނާ: އޭނާގެ ވިސްނުމަކީ ހިލޭސާބަހަށް ގައުމީ މަސައްކަތުގައި ދެމިހުރުން.
އިސްކަންދަރު ސްކޫލާ ގުޅުނީ ވެސް ހޮސްޕިޓަލްގައި ޝިފްޓް ޑިއުޓީ އަށް ނުކުންނަން ޖެހޭތީ ކުދިންގެ ކަންކަމަށް ވަގުތު ނުދެވޭނެތީ އެވެ.
އާއިލާއާ ދުރުގައި މިވަގުތު ހުންނަން ޖެހުނަސް ޝިފާނާ ފާހަގަކުރި ގޮތުގައި، ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިން ފަހަތަށް ޖެހިއްޖެ ނަމަ މިކަން ކުރާނެ އިތުރު ބަޔަކު ވެސް މިވަގުތަކު ގައުމުގައި ނުތިބޭނެ އެވެ.
"މިއީ ފަސޭހަ ކަމެއް ނޫން، އެކަމަކު އެންމެން ގާތުގައި ވެސް ބުނާނީ ވެވެން އޮތް ވަރަކުން އެހީތެރިވެދިނުމޭ މިވަގުތު އެންމެ މުހިއްމީ. އެންމެން އެކުގައި ނޫނީ ކަމުން އަރައެއް ނުގަނެވޭނެ. މިކަން ނިންމާލަން އެންމެން އެއްބާރުލުން ދީފިއްޔާ ކާމިޔާބުވާނެ،" ޝިފާނާ
"މިކަން ނިމެންދެން އިރާދަކުރެއްވިއްޔާ މިގޮތުގައި ދެމިތިބެން އާރުއާރުޓީގެ ވެސް ހުރިހާ އެންމެން މަސައްކަތް ކުރަނީ،" އޭނާ ބުންޏެވެ.
މަންމަގެ ހިތްވަރާ އެކު ޝިފާނާ އެ ހުރީ އެންމެ ބޭނުންވި ދުވަހު ވެސް ގައުމަށްޓަކައި އެކަކަށް ނުކުމެ އެވެ.
ޑެންގީ ހުން އިތުރުވާތީ މަދިރި މަރަން މާލެ ފޮގް ކުރަނީ
ކޮވިޑް ޓެސްޓު ހެދުން ތާޖުއްދީން ސްކޫލަށް
ހިލޭ ޓެސްޓް ހެދޭނެ ގޮތްތައް އިތުރު ކުރަނީ
50 އަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފި
މާލެއިން ދަތުރުކުރުމުގައި ފިޔަވަޅުތައް ހަރުކަށިކޮށްފި
2،000 ސާމްޕަލުން މާލެ އިން ޕޮޒިޓިވްވީ 36 މީހެއް
މާލެ އިން ކޮވިޑް ޖެހުނީ އެންމެ 15 މީހަކަށް
މާލެއިން ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 13 މީހުން
ފަތިސްނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރެވޭނެ
ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި