Roadha Mihaaru
ޗައިނާގެ ޕެންޑާތަކަށް ކެނެޑާގައި ކާންދެވޭކަށް ނެތް

ޗައިނާ އިން ކެނެޑާ އަށް ގެންދިޔަ ޕެންޑާ އަށް ކާންދެވެން ނެތިގެން ފޮނުވާލަނީ

14 މެއި 2020

ޗައިނާ އާއި ކެނެޑާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކެނެޑާގެ ޒުލެއްގައި ގެންގުޅެމުން އަންނަ ދެ ޕެންޑާ އަށް ކާންދޭނެ އޮނުގަސް ނުލިބޭތީ އެސޮރުމެން ޗައިނާ އަށް އަލުން ފޮނުވައިލަން ނިންމައިފި އެވެ

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާ އާއި ކެނެޑާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކެނެޑާގެ ޒުލެއްގައި ގެންގުޅެމުން އަންނަ ދެ ޕެންޑާ އަށް ކާންދޭނެ އޮނުގަސް ނުލިބޭތީ އެސޮރުމެން ޗައިނާ އަށް އަލުން ފޮނުވައިލަން ނިންމައިފި އެވެ

ކެނެޑާގެ އަލްބާޓާ ޕްރޮވިންސް ކަލްގޭރީ ޒޫ އިން ބުނީ ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ ހެދި ދަތުރުފަތުރަށް އެރި ބުރުލުމުގެ ސަބަބުން ޗައިނާ އިން އޮނުގަސް އެތެރެކުރުން ހުއްޓިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން، ދެ ޕެންޑާ އަށް އެކަށީގެންވާ ވަރަށް ކާން ނުލިބި، އެ އެއްޗެހީގެ ފުރާނަ އަށް ނުރައްކާވަމުން ދާތީ ޗައިނާ އަށް ފޮނުވައިލަން ނިންމީ ކަމަށެވެ. ކަލްގޭރީ ޒުލުގައި، އާ ޝަން އާއި ޑަ މާއޯ ނަމަކަށް ކިޔާ ދެ ޕެންޑާ ގެންގުޅެނީ އެ އެއްޗެހި ކާނެ އޮނުގަސް ޗައިނާ އިން އެތެރެކޮށްގެންނެވެ.

ޒުލުން ބުނި ގޮތުގައި ޗައިނާ އިން 2014 ގައި ގެންދިޔަ ދެ ޕެންޑާ އާންމުކޮށް ދުވާލެއްގެ މައްޗަށް 40 ކިލޯގެ އޮނު ކާލަ އެވެ. ޖަޔަންޓް ޕެންޑާގެ ކާނާގެ 99 ޕަސެންޓަކީ ތާޒާ ރޯ އޮނެވެ.

ދެ ޕެންޑާ ޗައިނާ އިން ކެނެޑާ އަށް ފޮނުވީ 2023 އާ ހަމައަށް ގެންގުޅޭށެވެ.

ކަލްގޭރީ ޒުލުގެ ރައީސް އަދި ސީއީއޯ ޑރ. ކްލެމަންޓް ލެންތިއާ ވިދާޅުވީ އޮނުގެ ދަތިކަން ކުރިމަތިވާން ފެށުމާ އެކު، އާ ސަޕްލަޔަރުންތަކެއް މެދުވެރިކޮށް އޮނުގަސް ކެނެޑާ އަށް އެތެރެކުރެވޭތޯ ވެސް މަސައްކަތްކުރެއްޖެ ކަމަށާއި ނަމަވެސް މި ދަނޑިވަޅުގައި ކުރިމަތިވެފައިވާ ލޮޖިސްޓިކް ދަރިތަކާ ހެދި އެކަން ވާން ނެތް ކަމަށެވެ.

"އެހެންވެ މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ޕެންޑާންތައް ޗައިނާ އަށް ފޮނުވާލުން ކަމަށްވާތީ އެ މަސައްކަތް ވީހާ ވެސް އަވަހަށް ކުރެވޭތޯ މި މަސައްކަތްކުރަނީ." އޭނާ ވިދާޅުވި އެވެ.

ޖަޔަންޓް ޕެންޑާ އަކީ ދުނިޔޭން ހުސްވެދާނެކަމުގެ ބިރު ހީވެފައިވާ ޖަނަވާރުންގެ ތެރެއިން ބާވަތެކެވެ. ވޯލްޑް ވައިޑްލައިލް ފަންޑުން އަންދާޒާކުރާ ގޮތުގައި މި ވަގުތު ދުނިޔޭގައި އޮތީ 1,864 ޕެންޑާ އެވެ. މި އެއްޗެހީގެ ބޮޑު އާބާދީއެއް އޮތީ ޗައިނާގަ އެވެ.