Roadha Mihaaru
"ގޭބަންދު"ގައި މައިންގެ ފިކުރާއި ބޮލުގެ ރިހުންތައް

"ގޭބަންދު"ގައި މައިންގެ ފިކުރާއި ބޮލުގެ ރިހުންތައް

11 މެއި 2020

މީގެ ކުރިން، އައިޝަތު ޝަރޫނާ، 34، އަށް އޭނާގެ ކޮންމެ ދުވަހެއްގެ ޒިންމާތައް ވަރަށް ސާފެވެ؛

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މީގެ ކުރިން، އައިޝަތު ޝަރޫނާ، 34، އަށް އޭނާގެ ކޮންމެ ދުވަހެއްގެ ޒިންމާތައް ވަރަށް ސާފެވެ؛

ފަތިހު ތެދުވެ، ނިދާފައި ތިބި ދަރިން ނަގުވައި ނަމާދު ކުރުވުމެވެ. ސައި ދީ، ހަތެއް ޖެހުމުގެ ކުރިން ސްކޫލަށް ފޮނުވަ އެވެ. ހެނދުނު ނުވައެއް ޖަހާއިރު އޮފީހަށް ދިޔުމާއި މެންދުރު ފަހު ކުދިން ބަލައި ސްކޫލު ދޮށަށް ދިޔުމެވެ. އަދި އޮފީސް ނިންމާފައި، ދަރިންގެ ކަންތައްތައްކޮށް، ގޭގެ މަސައްކަތްތަކަށް ފަހު އަމިއްލަ ކަންކަމަށް ވެސް ވަގުތު ހޭދަކުރެ އެވެ.

އެކަމަކު ހާލަތު މިއަދު ބަދަލުވެއްޖެ އެވެ ހަލުއިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ބިރަށް ގޭގައި މަޑުކުރަން ޖެހުމާ އެކު، ކޮންމެ ދުވަހެއްގެ ރޫޓިން ވެސް މިހާރު ވަނީ އޮޅުންބޮޅުން ވެފަ އެވެ. ސްކޫލުތަކާއި އޮފީސްތައް ބަންދުކޮށް، އެންމެން "ގޭބަންދު"ވެފައި ތިބެން ޖެހިފައިވާއިރު، ދަރިން ފޫހިވެގެން ހަލާކުވިޔަސް ބޭރަށް ނުކުމެލުމުގެ ފުރުސަތެއް ނެތެވެ. މި ހުރިހާ ކަމެއްގެ ޒިންމާ ބޮލު އަޅައިގެން، ދަރިންގެ ކަންކަމާ ހަވާލުވެ ތިބެނީ، ކޮންމެ ގެއަކުހެން މައިންބަފައިންނެވެ. ހާއްސަކޮށް މަންމަ އެވެ. ދަރިން ރޯ އަޑާއި އެ ކުދިން ފޫހިވެގެން ކުރާ ޝަކުވާތަކުުގެ އަޑުއަހައި، އެކުދިން މުނިފޫހިފިލުވައިދޭން މައިން ތިބޭއިރު، އެ މީހުންގެ ފިކުރާއި ނަފްސާނީ ގޮތުން ކުރާ އަސަރުގެ ވާހަކައެއް ގިނަ މީހުން ނުދައްކަ އެވެ.

ދަރިން ގެންގުޅޭ ގޮތާއި އެ ކުދިންގެ ތަރުބިއްޔަތުގެ ވާހަކަ ޝަރޫނާ މީގެ ކުރިން ދައްކަނީ ފަހުރުވެރިކަމާ އެކު އެވެ. އެކަމަކު ކުދިންނާ ގުޅޭ ގޮތުން މި ފަހަރު ސުވާލުކޮށްލުމުން އޭނާގެ ފަރާތުން ފެނުނީ މަޑުމޮޅިކަމެކެވެ. އެ ވާހަކަ ދައްކާކަށް އެހާ ފަސޭހައެއް ނުވި އެވެ.

"ކުދިންގެ ކަންތައްތަކާ ޝަކުވާ ކުރާކަށް ނުވާނެދޯ. މިއީ އަހަރުމެންގެ ޒިންމާއެއްނު؟،" އޭނާ ބުންޏެވެ.

މައުލޫގެ ގޮތުން ވާހަކަ ކުރިއަށް ގެންދަން ޝަރޫނާއަށް އުނދަގޫވުމުން، ދެން ޖެހުނީ މައިންބަފައިން އެފަދަ ފިކުރު ކުރުމާއި ނަފްސާނީ ގޮތުން އަސަރު ކުރުމަކީ ވެދާނެ ކަމެއްކަން ވިސްނައިދޭށެވެ. ކޮރޯނާވައިރަސްއާ ހެދި ގޭގައި ބަންދުވެގެން އުޅެން ޖެހުމުން، މައެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ތަހައްމަލުތައް އޭނާއަށް ބޭރުކޮށްލެވުނީ އެ ހިސާބުންނެވެ.

ޝަރޫނާ ބުނިގޮތުގައި ކުރިން ކޮންމެ ދުވަހަކު ސްކޫލަށް ނުވަތަ ބައެއް ދުވަސްދުވަހު ޕާކަށް ގެންދިޔަ ނަމަވެސް، ހުރިހާ ވަގުތެއް ގޭގައި މަޑުކުރަން ޖެހުމުން ކުދިންގެ އުޅުމަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ކުދިން ފޫހިވިޔަ ނުދިނުމަށް ގޭގައި ތިބެ ތަފާތު ކުޅިވަރުތައް ކުޅެ، އެކި ކަހަލަ މަސައްކަތްތައް ހަވާލުކޮށް، އެކަންކަން ކައިރިން އޭނާ ބަލަހައްޓަ އެވެ. ކުދިން ފޫހިވިޔަނުދީ، ނޫނީ ނުރޮއްވާ ގެންގުޅުމަކީ އުނދަގޫ ކަމެކެވެ. ކުރިން އަމިއްލަ ނަފްސަށް ދެމުން އައި ވަގުތު ގެއްލި، މިހާރު އޭނާ ހުރީ، ޝަރޫނާގެ ބަހުން ނަމަ "ބޯގޮވާފަ" އެވެ.

"ކުރިން ސްކޫލު ނިންމުމަށް ފަހު ކުދިން ގޮވައިގެން ޕާކަށް، ނޫނީ ކޮންމެވެސް އެކަހަލަ ތަނަކަށް ގޮސްލަން. އެ ކުދިން ނިދީމައި، އަޅުގަނޑުމެން ވެސް ބޭރަށް ނުކުމެލަން،" ފިރިމީހާއާ ވަކިން، އެކަނި ދިރިއުޅެމުން އަންނަ ތިން ކުދިންގެ މަންމަ ބުންޏެވެ.

"މިހާރު އެ ކުދިން ގޭތެރޭގައި ފޫހިވެގެން އެނބުރޭއިރު އަޅުގަނޑު އެބަ ޖެހޭ އެ މީހުން އެންޓަޓައިންކޮށްދޭން. ގޭތެރޭގެ ކަންކަން ކުރަން. ހަވީރު ވާއިރު މީހާ ހުންނަނީ ގޮތް ހުސްވެފައި."

ކުދިންތަކެއް ކުޅެނީ

ކުދިންތަކެއް ކުޅެނީ

އަރޫޝާ ބުނިގޮތުގައި، މާލޭގައި ކުޑަ ތަންކޮޅެއްގައި ކުޑަކުދިންތަކެއް ގޮވައިގެން އުޅޭއިރު އެ ކުދިން ފޫހިވިޔަ ނުދީ ހިފެހެއްޓުމަކީ ވެސް ބޮޑު ގޮންޖެހުމެކެވެ. އަބަދު ޓީވީ ނުވަތަ ފޯނުން ގޭމު ކުޅެން ދީގެން ކުދިން މަސަލަސްކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންވެ، އޭނާގެ ހުރިހާ ވަގުުތެއް ހުސްކުރަން ޖެހިފައިވަނީ ދަރިން ފޫހިވިޔަނުދީ، އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށެވެ. އޮފީހަށް ދާން ނުޖެހޭތީ، އެ ފިކުރު ކުރަން ނުޖެހުނު ނަމަވެސް އަމިއްލަ ނަފްސަށް އެއްވެސް ވަގުތެއް ނުލިބުމަކީ، އަރޫޝާގެ ބަހުން ނަމަ، ބޯގޮވާވަރު ކަމެކެވެ.

މިކަން އޭނާގެ ދިރިއުޅުމުން މިހާރު ފެންނަން ވެސް ފަށައިފި އެވެ. ރުޅި ގަދަވުމާއި ހާސްވެ ފިކުރު ބޮޑުވުމާއި ދަރިންގެ ކަންކަމަށް އެންމެ އެދެވޭ ސަމާލުކަން ނުދެވުމެވެ. މިއީ އޭނާގެ އަނެއް ބޮލުގެ ރިހުމެވެ.

"ވަރަށް، ވަރަށް ދެރަވޭ އެހެންވެ،" އަރޫޝާ ބުންޏެވެ.

ދަރިންގެ ޝަކުވާތައް، އަޅާނުލެވުމުގެ އިހުސާސް

ސާރާ ހަމީދާއި މަރިޔަމް ރިޝާނާ (އަސްލު ނަމެއް ނޫން) އަކީ އޯޓިސްޓިކް ކުދިން ބަލަމުން އަންނަ ދެ މައިންނެވެ. އެހެން ކުދިންނާ ހިލާފަށް، އެ ކުދިންގެ ކޮންމެ ދުވަހެއްގެ ރޫޓިން ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެ ބަދަލުތައް ގެންނަން ޖެހުނު ސަބަބާއި ބޭރަށް ނުދެވެނީ ކީއްވެގެން ކަމެއް، އެހެން ކުދިންނާ އެއްވަރަށް އެފަދަ ކުދިންނަކަށް ނުވިސްނެ އެވެ.

އެ ފަދަ ކުއްޖެއް ގެންގުޅުމަކީ ފަސޭހަކަމެއް ނޫން. އަހަރުމެން ދެމަފިރިން ތިބެނީ ހަދާނެ ގޮތް ހުސްވެފައި

ރިޝާނާ ބުނިގޮތުގައި މާމަގެ ގެއަށް ދިޔުމަކީ، ފަސް އަހަރުގެ ދަރިފުޅު ކޮންމެ ދުވަހަކު ވެސް ކުރާ ކަމެކެވެ. ބޭރަށް ނުދެވެނީ ކީއްވެގެންކަން، އެ ދަރިފުޅަކަށް ވިސްނައެއް ނުދެވުނެވެ. އެހެންވެ، ބޮޑާހޭކުމާއި ޝަކުވާތަކުން ދުރުކުރުމަށް އޭނާއަށް ޖެހުނީ ދަރިފުޅުގެ ނިދާ ވަގުތު ބަދަލުކުރާށެވެ. ރޭގަނޑުގެ ބަދަލުގައި ދުވާލު ނިންދެވުމުން މާމަގެ ގެއަށް ދިޔުމުގެ ބޮޑާ ހޭކުމަށް ނިމުމެއް އައި ނަމަވެސް، ރޭގަނޑު ހަތަރުދަމު ހޭލާ ކުޅެން އުޅޭތަން ބަލަން ވެސް ރިޝާނާއަކަށް ފަސޭހައެއް ނުވި އެވެ.

"އެހެން އުޅޭތަން ފެނުމުން ހީވަނީ [ފިރިމީހާ މިއުޒިކް ކުޅޭ] ސްޓޫޑިއޯ ތެރޭގައި ޓްރެޕްވެފައި ހުންނަހެން،" އޭނާ ބުންޏެވެ.

ދަރިފުޅުގެ މި ފޫހިކަމުން ދުރުކުރުމަށް، އާއިލާގެ އެހެން މީހުންނާ ވީޑިއޯ ކޯލް ކުރި ނަމަވެސް އެއީ އެ ކުއްޖާ ގަޔާވާ ކަމަކަށް ނުވެ އެވެ. އެ ކުދިން ފެނުމުން، ކުޅެން ދާން ބޭނުންވެ ރޮއިހަދަ އެވެ. ރިޝާނާ ބުނި ގޮތުގައި، މި ލޮކްޑައުންގައި ހޭދަވި މުއްދަތުގައި ދަރިފުޅު ގެންގުޅެނީ ނިދާ ހެދުމުގަ އެވެ. ހެދުން ބަދަލުކޮށްފި ނަމަ، ބޭރަށް ދާން ބޭނުން ވެ އެވެ. އެކަމަކު އެކަނި ދިރިއުޅޭ އެ ދެމަފިރިންނަށް، އެ ނޫން ގޮތެއް ނެތެވެ.

"އެ ފަދަ ކުއްޖެއް ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫން. އަހަރުމެން ދެމަފިރިން ތިބެނީ ހަދާނެ ގޮތް ހުސްވެފައި،" ރިޝާނާ ބުންޏެވެ.

ދިހަ އަހަރުގެ އޯޓިސްޓިކް ކުއްޖެއް ގެންގުޅޭ ސާރާގެ ދުވަސްތައް ވެސް ފެށެނީ ހަމަ މިފަދަ ގޮތަކަށެވެ. "ސްކޫލަށް، ބޭރަށް، މޫދަށް" ދާން ބޭނުން ވެގެން ކުރާ ޝަކުވާތަކާ އެކު އެވެ. ހާލަތުގެ ގޮތުން ބޭރަށް ދެވެން ނެތްކަން، ހަގު ދަރިފުޅަށް ވިސްނުނު ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ އަނެއް ދަރިފުޅަށް ކިޔައިދިނުމަކީ އުނދަގޫ ކަމެކެވެ. އެހެންވެ، ދެ ދަރިންނާ އެކު ގޭގައި އެކަނި ދިރިއުޅެމުން ދާ ސާރާއަށް ކޮންމެ ދުވަހު ވެސް ގޮންޖެހުން ބޮޑެވެ.

އޯޓިޒަމް ފަދަ ހާއްސަ ބަލިތަކުގެ ކުދިން ވަކި ކަހަލަ އެއްޗެއް ނޫނީ ނުކަ އެވެ. އެހެންވެ، އެ ކުދިން ކާން ބޭނުންވާ އެއްޗެހި ހޯދުމަކީ ވެސް މިހާރު ސާރާއަށް އުނދަގޫ ކަމެކެވެ. ފިރިމީހާ ރަށުގައި ހުރެ ކުރަމުން އަންނަ މަސައްކަތާއި އާމްދަނީ ހޯދުމަށް ސާރާ ގޭގައި އިނދެ ކުރަމުން އަންނަ މަސައްކަތް ވެސް، ބަލިމަޑުކަމާ ހުރެ ވަނީ ހުއްޓިފަ އެވެ. އެހެންވެ ފައިސާ ލިބޭނެ އިތުރު ގޮތެއް ނެތުމަކީ ވެސް އެ މީހުންނަށް ކުރިމަތިވެފައިވާ އިތުރު ބޮލުގެ ރިހުމެކެވެ.

"24 ގަޑިއިރު ކުދިން ގޮވައިގެން ގޭގައި އެކަނި އިންނަން ޖެހުނީމައި ވަރަށް ބޯ ހާސްކޮށްދަނީ. ވަރަށް ވިސްނޭ،" ސާރާ ބުންޏެވެ.

"އެންމެ ފުރިިހަމަކޮށް ހުރިހާ ކަމެއް ނުވާނެ"

ކޮރޯނާވައިރަސްގެ ބިރުވެރިކަން މުޅި ރާއްޖެއަށް މިހާރު މިވަނީ ފެތުރިފަ އެވެ. މާލެއެކޭ އެއްގޮތަށް ގިނަ ރަށްރަށުގައި ވެސް ބޭރަށް ނުކުމެ އުޅުން މަނަ އެވެ. ގިނަ ދުވަސްތަކެއް ވާންދެން ގޭގައި ބަންދުވެފައި ތިބެން ޖެހުމުން ކުރިމަތިވާ ނަފްސާނީ މައްސަލަތައް މިހާރު ދެ ގުނައަށް އިތުރުވެއްޖެ އެވެ.

ނަފްސާނީ ބަލިތަކާ ބެހޭ ޑރ. އާރިފް މުހައްމަދު ވިދާޅުވި ގޮތުގައި މިދިޔަ މަހު އެކަނި ވެސް އެފަދަ މައްސަލަތަކާ ގުޅިގެން 715 މީހަކަށް އައިޖީއެމްއެޗުން ވަނީ ފަރުވާ ދީފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއދަތާ އަޅާބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުވާނެ ކަމަށް ވެސް އޭނާ ލަފާކުރައްވަ އެވެ.

ތިބާ ސައިކޮލޮޖީގެ ފައުންޑާ އަދި ސައިކޮލަޖިސްޓް ނަދާ ޝަރީފް ވެސް އެއްބަސްވެވަޑައިގެން ގޮތުގައި މިއީ ބެލެނިވެރިންނަށް، ހާއްސަކޮށް މައިންނަށް ހާސްކަން ބޮޑު ދުވަސްވަރެކެވެ. ކުދިންގެ އާއްމު ރޫޓިންއިން ބޭރުވެ، އެ ކުދިންނަށް ތައުލީމު ފޯރުކޮށްނުދެވި، ކުޅިވަރަށް މާ ބޮޑަށް ދެވިހިފައިފާނެ ކަމުގެ ބިރު، މައިންނަށް ހީވެ އެވެ. އޮންލައިންކޮށް ކިޔަވައިދިނުމާ އެކު، ގޭގައި އުޅޭ ވަގުތުގައި ވެސް މާ ގިނައިން ސްކްރީން (ޓީވީ/ޓެބްލެޓް/ފޯނު) ބޭނުން ކުރުމަކީ ވެސް މައިންބަފައިންގެ ކަންބޮޑުވުމެކެވެ.

މި އަހަރުގެ ކިޔެވުން ފެށުނު ދުވަހު ކަލާފާނު ސްކޫލްގެ އެސަމްބްލީ: ކޮރޯނާވައިރަހާ ހެދި ރާއްޖޭގެ ހުރިހާ ސްކޫލެއް ވަނީ ބަންދުކޮށްފައި --ފައިލް ފޮޓޯ

މި އަހަރުގެ ކިޔެވުން ފެށުނު ދުވަހު ކަލާފާނު ސްކޫލްގެ އެސަމްބްލީ: ކޮރޯނާވައިރަހާ ހެދި ރާއްޖޭގެ ހުރިހާ ސްކޫލެއް ވަނީ ބަންދުކޮށްފައި --ފައިލް ފޮޓޯ

އެފަދަ މަންމައިންނަށް އޭނާ ދެއްވަން އޮތް ނަސޭހަތަކީ އެންމެ ފުރިހަމައަށް ހުރިހާ ކަމެއް ނުދާނެ ކަމާއި ދަރިންނަށް މި ދުވަސްވަރު ލުއިތަކެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމެވެ.

"ބެލެނިވެރިން ބޭނުންވާނީ ހުރިހާ ކަމެއް ވެސް ޕާފެކްޓްކޮށް ކުރަން. އެކަމަކު މި ވަގުތު ޕާފެކްޓް ކުރަން އުޅޭ ނަމަ އިތުރު ސްޓްރެސްއަކަށް ވާނީ،" ނަދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާލަތުގެ ގޮތުން މި ވަގުތު ދަރިން ބޭރަށް ނުނެރެވޭތީ، މައިންނަށް ފަސޭހަވާނެ ގޮތަކަށް، އެ ކުދިންގެ އާއްމު ޝެޑިއުލަށް ބަދަލު ގެނައުން ހަމަ ރަނގަޅެވެ. ކުދިން އާއްމުކޮށް ނިދާ ގަޑި ލަސްވިޔަސް، ކުޅުން ގިނަވިޔަސް އެއީ މައްސަލައެއްގެ ގޮތުގައި ނުދެކުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުދިންނަށް ކޮންމެވެސް ވަރެއްގެ ފްލެކްސިބިލިޓީއެއް ދީފައި، ޕޭރެންޓުން ވެސް ހުސް ވަގުތުކޮޅެއް ހޯދަން ޖެހޭނެ. މިސާލަކަށް ކުދިން ނިދީމައި، ސެލްފް ކެއާއަށް 15 ވަރަކަށް މިނިޓް ނަމަވެސް ބޭނުންވާނެ،" ނަދާ ވިދާޅުވި އެވެ.

"އެކަން ނުވާ ނަމަ، ދުވާލަކު ދެތިން މިނިޓް ވެސް ހޯދާލެވޭނެ ނޫންތޯ. ނަމާދުކޮށް ނިންމާލާފައި ނަމަވެސް ދެތިން މިނިޓް ފުންކޮށް ނޭވާލާ ހަދާލަން ޖެހޭނެ."

ކުދިން ބައިވެރިކޮށްގެން، އެކި ކުޅިވަރުތައް ކުޅުމާއި ކަސްރަތުތައް ކުރުމަކީ ވެސް ހާސްކަން ކުޑަކުރަން ބެލެނިވެރިންނަށް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަލިމަޑުކަމާއި އޭގެ ހާލަތު އަދި ރައްކާތެރިވާންވީ ގޮތް ކުދިންނަށް ކިޔައިދިނުން މުހިއްމެވެ. އަދި އެކަމުގައި ކުދިން ދެކޭގޮތާއި އެ މީހުންގެ އިހުސާސްތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ބިރުވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅު އެންމެ ރަނގަޅު ގޮތަކީ ވީހާވެސް ޕޮޒިޓިވްކޮށް ވިސްނުން ގެންގުޅުމެވެ. ހާއްސަކޮށް ދަރިން ބަލަހައްޓަމުން، ގޭގެ މަސައްކަތުގައި ބިޒީވެފައި ތިބި މައިންނެވެ. ނަފްސާނީ ދުޅަހެޔޮކަން އެންމެންނަށް ވެސް މުހިއްމެވެ.