Roadha Mihaaru
ފުރަތަމަ ބުރުގައި 700 މީހުން އިންޑިއާ އަށް ގެންދާނެ

ފުރަތަމަ ބުރުގައި 700 މީހުން އިންޑިއާ އަށް ގެންދާނެ: ހައި ކޮމިޝަން

04 މެއި 2020

ރާއްޖޭގައި ތިބި އިންޑިއާ މީހުން ގެންދަން އަންނަ ބޯޓުގެ ފުރަތަމަ ދަތުރުގައި 700 މީހުން ގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިރޭ ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގައި ތިބި އިންޑިއާ މީހުން ގެންދަން އަންނަ ބޯޓުގެ ފުރަތަމަ ދަތުރުގައި 700 މީހުން ގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިރޭ ބުނެފި އެވެ.

ރާއްޖޭގައި ވެސް ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާ އިރު، މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. މިހާތަނަށް އިންޑިއާގެ 52 ރައްޔިތަކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ އިރު، ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދަން ބޯޓެއް ފޮނުވަން އެ ގައުމުން ވަނީ ނިންމައިފަ އެވެ.

އިންޑިއާ ހައި ކޮމިޝަނުން ކުރި ޓްވީޓެއް

ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ، ފުރަތަމަ ދަތުރު ކުރާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. މާބަނޑު އަންހެނުންނާއި މެޑިކަލް އިމަޖަންސީތަކަށާއި ވަޒީފާ ގެއްލިފައިވާ މީހުންނަށާއި އެނބުރި އިންޑިއާ އަށް ނުދެވިފައިވާ ޓޫރިސްޓުންނަށް މި ދަތުރުގައި އިސްކަންދޭނެ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.

ޑެޕިއުޓީ ހައި ކޮމިޝަނަރު ޝްރީ ރޮހިތު ރަތިޝް "މިހާރު" އަށް ވިދާޅުވީ، މިއީ މި މަސައްކަތުގެ ފުރަތަމަ މަރުހަލާ ކަމަށެވެ.

"އަޅުގަނޑުމެން އަދި ނުނިންމަން، ކިތައް ދަތުރު ކުރާނެ ކަމަކަށް. ނަމަވެސް ގިނަ މީހުން ބޭނުންވާ ނަމަ އެ ގޮތަށް ކަންތައް ކުރަން މަޝްވަރާ ކުރަން،" ރޮހިތު ވިދާޅުވި އެވެ.

ކުރިއަށް އޮތް ދެ ތިިން ދުވަހުގެ ތެރޭގައި އެ ބޯޓު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ މީހުން ބަލާ އަންނަ ބޯޓު ފުރަތަމަ ދާނީ ކޮޗިން އަށެވެ. އަދި އެތަނުގައި 14 ދުވަސް ކަރަންޓީން ކުރުމަށް ފަހު، އެ މީހުން ބޭނުންތަނަކަށް ދިއުމުގެ ފުރުސަތު ދޭނެ އެވެ.

ލަފާ ކުރެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 30،000 މީހުން ދިރިއުޅެ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ޑޮކްޓަރުން ފަދަ ޕްރޮފެޝަނަލް މަސައްކަތު މީހުންގެ އިތުރުން ލޭބަރުން ހިމެނެ އެވެ.