ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެ ގައުމަށް ގެންދަން މަނަވަރެއް މިއަދު އަތުވެއްޖެ އެވެ.
07 މެއި 2020
ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެ ގައުމަށް ގެންދަން މަނަވަރެއް މިއަދު އަތުވެއްޖެ އެވެ.
ކޮވިޑް-19 މާލޭގައި ފެތުރެން ފެށީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. މި ބަލި މިހާތަނަށް އެންމެ ގިނައިން ޖެހިފައި ވަނީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެން މަޖުބޫރު ވެފައިވާ ބިދޭޭސީންނަށެވެ. މިހާތަނަށް 52 އިންޑިއާ ރައްޔިތަކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ. ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުން އެ ގައުމަށް ގެންދަން ބޯޓެއް ފޮނުވަން އެ ގައުމުން ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނަރު ރޯހިތު ރަތިޝް "މިހާރު" އަށް މިއަދު ވިދާޅުވީ، މިއަދު އައި މަނަވަރުގައި 752 މީހުން އެ ގައުމަށް ގެންދާނެ ކަމަށެވެ. ރޮހިތު ވިދާޅުވީ، މި ދަނޑިވަޅުގައި ވަޒީފާ ގެއްލިފައިވާ މީހުންނަށާއި މާބަނޑު އަންހެނުންނާއި މެޑިކަލް އިމަޖެންސީތަކުގައި އަނބުރާ ދާންޖެހޭ މީހުންނަށާއި އެނބުރި ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ޓޫރިސްޓުން އެ ގައުމަށް ގެންދަން އިސްކަން ދޭނެ ކަމަށެވެ. އެ މީހުންނާ އެކު އެ މަނަވަރު ފުރާނީ މާދަމާ އެވެ.
"ރާއްޖޭގައި މި ވަގުތު މަސައްކަތްކުރަމުން އަންނަ އިންޑިއާގެ ސިއްހީ މަސައްކަތްތެރިންނެއް ނުދޭ އަނބުރައެއް، އަނބުރާ ދަނީ ރިޒައިންކޮށްފައިވާ ނުވަތަ ވަޒީފާ ގެއްލިފައިވާ ސިއްހީ މަސައްކަތްތެރިން،" ރޮހިތު ވިދާޅުވި އެވެ.
އެ މަނަވަރު ކޮޗިންނަށް ދާން 24 ގަޑިއިރާއި 36 ގަޑިއިރުގެ ވަގުތެއް ނަގާނެ ކަމަށް ރޮހިތު ވިދާޅުވި އެވެ. އެ މީހުން ކޮޗިންއަށް ގެންދިއުމަށް ފަހު 14 ދުވަސް ވަންދެން އެ ސިޓީގައި ކަރަންޓީން ކުރާނެ އެވެ. އެ މީހުން ދާން ބޭނުން ތަނަކަށް ދިއުމުގެ ފުރުސަތު ލިބޭނީ އޭގެ ފަހުންނެވެ.
މީގެ އިތުރުން، ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެ ގައުމަށް ގެންދަން އިތުރު މަނަވަރެއް ދެ ދުވަހެއްގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަނަވަރު ހަމަ އެ ދުވަހު، ނުވަތަ އޭގެ އަނެއް ދުވަހު ފުރާނެ ކަމަށް ރޮހިތު ވިދާޅުވި އެވެ. އެ ދަތުރުގައި ގެންދާނީ 200-250 އެއްހާ މީހުންނެވެ.
އިތުރު މީހުން ގެންދަން ވިސްނަވާ ކަމަށް މީގެ ކުރިން ވެސް ރޮހިތު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ކުރާނީ ކިތައް ދަތުރު ކަމެއް އަދި ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތް ކުރަން އިންޑިއަން ހައި ކޮމިޝަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ރޯހިތު ޝުކުރު އަދާ ކުރެއްވި އެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފް އާއި އެމްޕީއެލް އާއި އެމްއޭސީއެލް އަދި އިމިގްރޭޝަަން ފަދަ އިދާރާތަކުން އެ ކޮމިޝަނަށް ވަމުން އަންނަ އެހީއަށް ވެސް އޭނާ ޝުކުރު އަދާ ކުރެއްވި އެވެ.
"ދެ ގައުމުގެ ދެމެދުގައި އޮންނަ އަހުވަންތަކަމާ ގުޅިގެން އަޅުގަނޑުމެންނަށް ސަރުކާރުން ދޭ އެއްބާރުލުމުގެ ސަބަބުން މި މަސައްކަތް މިހާ ފަސޭހަ ކަމާ އެކު މި ކުރެވެނީ. އެކަމަށް އަޅުގަނޑު ވަރަށް ޝުކުރުވެރިވަން،" ޑެޕިއުޓީ ކޮމިޝަނަރު ވިދާޅުވި އެވެ.
ލަފާ ކުރެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 30،000 މީހުން ދިރިއުޅެ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ޑޮކްޓަރުން ފަދަ ޕްރޮފެޝަނަލް މަސައްކަތު މީހުންގެ އިތުރުން ލޭބަރުން ހިމެނެ އެވެ.
އިތުރު 202 މީހުންނާއެކު އިންޑިއާގެ މަނަވަރު ފުރައިފި
ފުރަތަމަ ބުރުގައި 700 މީހުން އިންޑިއާ އަށް ގެންދާނެ
އިންޑިއާގެ އިތުރު 155 މީހަކު ގައުމަށް ފޮނުވައިފި
އިންޑިއާގެ އިތުރު 719 މީހަކު ފުރައިފި
ޗާޓަރު ފްލައިޓުތަކުގައި 342 އިންޑިއާ މީހަކު ފުރައިފި
އިތުރު 588 މީހުންނާ އެކު އިންޑިއާ މަނަވަރު ފުރައިފި
މަރާމާތަށްފަހު ސިފައިންގެ މަނަވަރު "ހުރަވީ" ރާއްޖެއަށް
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
އިންޑިއާގެ ލޭބަރުންގެ މައްސަލަ އެލްއާރުއޭ އިން ބަލަނީ
ހާލުގައި ޖެހުނީ އިންޑިއާގެ ރެނާޓަސްގެ ލޭބަރުން!