Roadha Mihaaru
މިނިވަން ނޫސްވެރިކަމުގެ މުސްތަގުބަލް ފެންނަނީ އުޖާލާކޮށް

ކުރިއެރުންތަކާއި މިނިވަން ނޫސްވެރިކަމުގެ މުސްތަގުބަލް ފެންނަނީ އުޖާލާކޮށް: އެމްއެމްސީ

03 މެއި 2020

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އިން ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އިން ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބުނެފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައި، އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އިން ކުރިއެރުންތަކެއް ހޯދަމުން އައުމަކީ އެ ކައުންސިލުން އުފާކުރާ ކަމެއް ކަމަށެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް މި އަހަރު ހޯދައިފަ އެވެ. މިދިޔަ އަހަރު 98 ވަނައިގައި އޮތުމަށް ފަހު މި އަހަރުގެ އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ 79 ވަނައިގަ އެވެ. މިދިޔަ އަހަރު 22 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައި ވެ އެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ ވަނީ 22 ދަރަޖައިިގެ ކުރިއެރުމެއް ހޯދައިފަ އެވެ. އަދި މިއަހަރު މި ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައި މުޅި ދެކުނު އޭޝިއާ އިން ވެސް ދެވަނަ ދަރަޖައިގައި ކަމަށްވުމާ އެކު، ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ މުސްތަގުބަލް މި ފެންނަނީ ވަރަށް އުޖާލާކޮށެވެ،" ހިތޯބުގައި ވިދާޅުވި އެވެ.

"މުސްތަގުބަލުގައި ވެސް މި ކުރިއެރުން އިތުރު ހަރުފަތަކަށް ގެންދިއުމުގައި ދިވެހި މީޑިއާތަކާ އެކު މޯލްޑިވްސް މީޑިއާ ކައުންސިލް އަބަދު ވެސް އޮންނާނެކަން މި ފުރުސަތުގައި ހަނދާންކޮށްދެމެވެ،"

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި ރަސްމިއްޔާތުގައި އެ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި ރަސްމިއްޔާތުގައި އެ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރެއާއި ދުވާލު ނޫސްވެރިން މަސައްކަތް ކުރަމުންދާއިރު މިއަދު ފާހަގަކުރަމުން އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ 27 ވަނަ އިހުތިފާލެވެ. މި އަހަރަށް ޔުނެސްކޯ އިން ކަނޑައަޅާފައިވާ ޝިއާރަކީ "ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން" އެވެ.

ހިދާޔަތުﷲ ވިދާޅުވި ގޮތުގައި މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރުން ދޭހަކޮށްދެނީ ނޫސްވެރިން މަސައްކަތްކުރަންވާނީ ނޫސްވެރިންނަށް ލިބިދީފައިވާ މިނިވަންކަމުގެ އިމުގެ ތެރޭގައި ބިރެއް ފަސްޖެހުމެއްނެތި ހަމަހަމަކަމާއި އިންސާފުން ކަމަށެވެ. އެފަދަ މާހައުލެއް ގާއިމްކޮށްދިނުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މަސައްކަތްކުރަމުންދާއިރު، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ނޫސްވެރިން ވެސް ފަރުދީ ޒިންމާ އަދާކުރަން އިސްކަންދިނުމާ އެކު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުން މުހިއްމުކަމަށް ވިދާޅުވި އެވެ. މި ބިރުވެރި ހާލަތުގައި ވެސް ނޫސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވައި އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ގާނޫނު އަސާސިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން، އޭގެ އެންމެ ތަނަވަސް އިމުގެ ތެރޭގައި ބޭނުން ހިފައި ކުރިއަށް އޮތް ޖީލުތަކަށް ވެސް ވާސިލްވެގެން ދިއުމަކީ އުއްމީދެއް ކަމަށް ހިދާޔަތުﷲ ވިދާޅުވި އެވެ.