Roadha Mihaaru
ނޮޓިފިކޭޝަނަކާ ހެދި އައިފޯން ކްރޭޝްވަނީ

ނޮޓިފިކޭޝަނަކާ ހެދި އައިފޯން ކްރޭޝްވަނީ

27 އެޕްރީލް 2020

އައިފޯން އަދި އައިޕެޑް ބޭނުންކުރާ މީހުންނަށް ނޮޓިފިކޭޝަނެއްގެ އުނދަގޫޖެހިއްޖެ އެވެ. އައިއޯއެސް 13 އަދި އައިޕެޑް އޯއެސް 13 ބޭނުންކުރާ ޑިވައިސްތައް ގަނޑުވެ، ހުއްޓެން މެދުވެރިވާ ސަބަބެއް ކަމަށް، އެޕަލް އިންސައިޑާގައި ބުނެފައި ވަނީ، މެސެޖިން އެޕްލިކޭޝަނަކުން ލިބޭ ނޮޓިފިކޭޝަނެއް ކަމަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އައިފޯން އަދި އައިޕެޑް ބޭނުންކުރާ މީހުންނަށް ނޮޓިފިކޭޝަނެއްގެ އުނދަގޫޖެހިއްޖެ އެވެ. އައިއޯއެސް 13 އަދި އައިޕެޑް އޯއެސް 13 ބޭނުންކުރާ ޑިވައިސްތައް ގަނޑުވެ، ހުއްޓެން މެދުވެރިވާ ސަބަބެއް ކަމަށް، އެޕަލް އިންސައިޑާގައި ބުނެފައި ވަނީ، މެސެޖިން އެޕްލިކޭޝަނަކުން ލިބޭ ނޮޓިފިކޭޝަނެއް ކަމަށެވެ.

އިޓަލީ ދިދަ ރަމްޒުކޮށްދޭ އިމޯޖީއެއް ޓެލެގްރާމް ނޮޓިފިކޭޝަނަކުން ފާޅުވި ހިސާބުން، އެ އިމޯޖީ ނޮޓިފިކޭޝަން ލިބޭ ކޮންމެ ފަހަރަކު އައިފޯން އަދި އައިޕެޑް ކްރޭޝްވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ޕާކިސްތާންގައި ވާހަކަދައްކައި އުޅޭ ބަހުރަވައެއް ކަމަށް ވާ "ސިންދީ"ގެ ވަކި އަކުރެއް އިންނަ ނޮޓިފިކޭޝަކުން ވެސް، އައިފޯން އަދި އައިޕެޑް ކެރޭޝްވާ ކަމަށް ވެ އެވެ. މިއީ ދޭތެރެ ދޭތެރެއިން އައިފޯނަށް ޖެހޭ ބަލިމަޑުކަމެކެވެ.

ދުވަސްތަކެއް ކުރިން، ފެބްރުއަރީ 2018 ގައި، އައިމެސެޖެއް ލިބޭ ކޮންމެ ފަހަރަކު އައިފޯނު ކްރޭޝްވާން މެދުވެރިވި ހާދިސާ އަދި ހަނދާންނެތޭހައި ނުވެ އެވެ. އައިފޯން ހުއްޓެން ދިމާވާ މެސެޖު ރަނގަޅަށް ބެލުމުން އެނގުނީ، އައިފޯން ހުއްޓެން މެދުވެރިވަނީ، އިންޑިޔާގެ އަންދުރަ ޕްރަދޭޝް އަދި ޓެލަންގަނާ ގައި ވާހަކަދައްކާ ބަހުރުވަ، ޓެލުގޫގެ އަކުރެއް އިނުމުން ކަމަށެވެ. މިކަން މި ގޮތަށް ވާކަން މީހުންނަށް އެނގެން ފެށުމުން، އަނެކުންނަށް ޖެއްސުންކުރުމަށް ޓެލުގޫގެ އެ އަކުރު ހިމަނައި މެސެޖު ފޮނުވައި އުޅުނެވެ. އެޕަލް އިން މި މައްސަލަ ހައްލުކުރީ އޯއެސް އަޕްޑޭޓަކުންނެވެ.

އިޓަލީ ދިދަ އިމޯޖީ ޓެލެގްރާމް މެސެޖްތަކުން އުފެދުނު ކަމަށް ބުނި ނަމަވެސް، މި މައްސަލަ މިހާރު ޓްވީޓާ އަށް ވަނީ ފޯރާފަ އެވެ. ބުނެވޭ ގޮތުގައި ޓްވިޓާ ނޮޓިފިކޭޝަނަކުން މި އިމޯޖީ ފާޅުވި ނަމަ ވެސް، އައިފޯން އަދި އައިޕެޑް ހުއްޓެ އެވެ. އެޕަލް އިން އަދި މިކަމަށް އާންމު ހައްލެއް ބުނެނުދެ އެވެ.