Roadha Mihaaru
ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ވިއްކާނަމަ ރިޕޯޓްކުރޭ

ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް މުދާ ވިއްކާ ނަމަ ރިޕޯޓް ކުރަން އެދިއްޖެ

23 އެޕްރީލް 2020

ސަރުކާރުން އަގު ކޮންޓްރޯލް ކޮށްފައިވާ މުދާ ބޮޑު އަގުގައި ވިއްކާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށާއި އަދި އެ ފަދަ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓް ކުރަން އިކޮނޮމިކް މިނިސްޓްރީން އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސަރުކާރުން އަގު ކޮންޓްރޯލް ކޮށްފައިވާ މުދާ ބޮޑު އަގުގައި ވިއްކާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށާއި އަދި އެ ފަދަ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓް ކުރަން އިކޮނޮމިކް މިނިސްޓްރީން އެދިއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ ގުޅިގެން ސަރުކާރުން ވަނީ ބައެއް ބާވަތްތަކުގެ މުދަލުގެ އަގު ކޮންޓްރޯލްކޮށް، އެ ތަކެތި ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މުދާ ގަންނަ މީހުންނާއި ޚިދުމަތް ލިބިގަންނަ މީހުން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މުދާ ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވާ މުދާ އެ އަށް ވުރެ ބޮޑު އަގުގައި ވިއްކާ ނަމަ، އެ ފަރާތެއް ޖޫރިމަނާ ކުރާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު ގިނަވެގެން 100،000ރ. އިން ޖޫރިމަނާކޮށް އަދި އެ އަށް ފަހު އެކަން ތަކުރާރު ކުރާ ކޮންމެ ފަހަރަކު ގިނަވެގެން 100،000ރ. އިން ޖޫރިމަނާ ކުރުމާ އެކު، އެ ވިޔަފާރިއެއް ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ބަންދު ކުރަން އެންގިދާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އަގު ބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކުގެ މައުލޫމާތު އެ މިނިސްޓްރީ އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން އެދޭ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި ޓްވީޓް

އެ މިނިސްޓްރީން އެގޮތަށް ބުނިއިރު، ސަރުކާރުން ކުރިން އޮތީ ކާޑުގެ ބާވަތްތަކާއި ފިޔާ އާއި އަލުވީގެ އިތުރުން ބިސް އަދި މުގު ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅައިފަ އެވެ. އެގޮތުން ފިޔާ އާއި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގުގެ ގޮތުގައި 20ރ. ކަނޑައަޅާފައި ވާއިރު، ކުކުޅު ބިސް ވިއްކޭނީ އެންމެ ބޮޑުވެގެން 1.80ރ. އަށް ކަމަށް ވެސް އޮތީ ކަނޑައަޅައިފަ އެވެ. އަދި މުގު ކިލޯއެއް ވިއްކޭނީ 45ރ. އަށް ކަމަށް ވެސް އޮތީ ކަނޑައަޅައިފަ އެވެ.