Roadha Mihaaru
ބީއޯސީން ހިދުމަތްތައް ދެނީ އީމެއިލް މެދުވެރިކޮށް އެކަނި

ބީއޯސީން މިވަގުތު ހިދުމަތްތައް ދެނީ އީމެއިލް މެދުވެރިކޮށް އެކަނި

22 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް ސިލޯން (ބީއޯސީ) އިން މި ވަގުތު ހިދުމަތް ދޭނީ އީމެއިލް މެދުވެރިކޮށް އެކަނި ކަމަށް އެ ބޭންކުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް ސިލޯން (ބީއޯސީ) އިން މި ވަގުތު ހިދުމަތް ދޭނީ އީމެއިލް މެދުވެރިކޮށް އެކަނި ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއޯސީން ބުނީ މި ހާލަތުގައި ބޭންކުގެ ހިދުމަތްތައް ހޯދުމަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ. އެގޮތުން އީ-ކޭޝްގެ ހިދުމަތްތައް ހޯދުމަށް ecashmale@boc.lk އަށް މެއިލް ކުރުމަށް އެދިފައިވެ އެވެ. ސެޓްލްމެންޓްތައް ހެދުމަށްޓަކައި rtgsmale@boc.lk އަށް މެއިލްކޮށްގެން ހިދުމަތް ލިބޭ އިރު މުސާރަ ޖަމާ ކުރުމަށްޓަކައި clg@bocmale.lk އީމެއިލް ކުރުމުން އެ ހިދުމަތް ލިބޭނެ އެވެ.

ހިދުމަތް ހޯދަން މެއިލްކޮށް ހިދުމަތް ނުލިބޭ ނަމަ، އަނެއްކާ ވެސް ހިދުމަތަށް އެދި ރިކުއެސްޓް ކުރުމަށް ބީއޯސީން އެދެ އެވެ. ބީއޯސީގެ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލުމާތު ސާފުކުރަން ބޭނުން ނަމަ 7782347 އަށް ގުޅައިގެން އޮޅުން ފިލުވޭނެ އެވެ. މީގެ އިތުރުން ކްރެޑިޓް އެންޑް މޮރިޓޯރިއަމްއާ ގުޅޭ މައުލުމާތު ހޯދުމަށް 7789600 / 7529600 އަށް ގުޅުމަށް އެ ބޭންކުން އެދެ އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ހާލަތުގައި އޮތުމާ އެކު ބީއޯސީގެ ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމާފައިވާ އިރު ބޭންކުގެ މުވައްޒަފަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 86 އަށް އަރައިފަ އެވެ.