Roadha Mihaaru
ނެދަލެންޑްސްގެ ލީގު ކެންސަލްކުރުމުގެ ފުރުސަތު ބޮޑު

ނެދަލެންޑްސްގެ ލީގު ކެންސަލްކުރުމުގެ ފުރުސަތު ބޮޑު

22 އެޕްރީލް 2020

އެމްސްޓަޑަމް (އޭޕްރީލް 22) - ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ނެދަލެންޑްސްގެ ސަރުކާރުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ނެދަލެންޑްސްގެ ފުޓްބޯޅަ ލީގު ކެންސަލްކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެމްސްޓަޑަމް (އޭޕްރީލް 22) - ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ނެދަލެންޑްސްގެ ސަރުކާރުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ނެދަލެންޑްސްގެ ފުޓްބޯޅަ ލީގު ކެންސަލްކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

ނެދަލެންޑްސްގެ ސަރުކާރުން ނިންމާފައިވަނީ ސެޕްޓެމްބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް ގިނަ ބަޔަކު އެއްވެ އުޅޭ ގޮތަށް ކުރިއަށްދާ އެއްވެސް އިވެންޓެއް ކުރިއަށް ނުގެންދަން އަންގައިފަ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ މެޗުތަކާއި ކޮންސެޓް ފަދަ ހަރަކާތްތައް ހިމެނެ އެވެ.

ސަރުކާރުގެ މި ނިންމުމާ އެކު ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ އެ ގައުމުގެ ފުޓްބޯޅަ ލީގާއި ފުޓްބޯޅަ ސީޒަން އެއްކޮށް ހުއްޓާލުމަށެވެ. އަދި މިހާރު އޮތްގޮތުން ކުރިއަށްގެންދެވޭނެ މާހައުލެއް ނެތް ކަމަށް ފެޑެރޭޝަނުގެ މެމްބަރުން ވެސް އިއްތިފާގުވެ އެވެ.

"މިހާތަނަށް ވެސް މި ފެޑެރޭޝަނުން މުބާރާތްތައް ކެންސަލްނުކޮށް އޮތީ ކްލަބްތަކަށް މާލީ ގޮތުން ލިބޭނެ ގެއްލުންތަކުގެ ސަބަބުން. އެކަމަކު މިހާރު ހުރިހާ ކަމެއް ބަދަލުވެގެން މިިދިޔައީ ސަރުކާރުގެ ނިންމުމުގެ ސަބަބުން. އަހަރެމެން މި ނިންމުން ޔުއެފާއާ މަޝްވަރާ ކުރުމަށް ފަހު ރަސްމީކޮށް ވަރަށް އަވަހަށް ގޮތްތަކެއް ނިންމާނަން،" ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ހުއްޓާލާފައިވާ ފުޓްބޯޅަ ސީޒަން ކުރިއަށްގެންދަން މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭނީ ރަނގަޅު އުސޫލުގެ ތެރެއިން ކަމަށާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަމަލުކުރައްވާ ގޮތަށް އަވަސްއަރުވާލައިގެން އަމަލުނުކުރަން އަޔަކްސްގެ ސްޕޯޓިން ޑިރެކްޓަރު މާކް އޯވަމާސް ވަނީ މީގެ ކުރިން ގޮވާލައިފަ އެވެ. އޭރު ވެސް އޯވަމާސްގެ އެދުމަކީ މާލީ ކަންތައްތަކަށް ވުރެ އެންމެންގެ ސިއްހީ ކަންތައްތަކަށް ވިސްނައި ސީޒަން މިހާރު އޮތް ހިސާބުން ނިންމާލުމެވެ.

ހާއްސަ ހާލަތްތަކުގައި ބައެއް ގައުމުތަކުގެ ސީޒަން ކެންސަލްކޮށްފާނެ: ޔުއެފާ

ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔުއެފާއާ އެކު ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުން އެންމެ ފަހުން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި މަޝްވަރާކުރެވުނު ޝެޑިއުލާ އެއްގޮތަށް ލަސްވެގެން ފުޓްބޯޅަ ސީޒަން ޖޫން މަހުގެ މެދު ތެރޭގައި ފަށައި އޮގަސްޓް މަހުގެ ނިޔަލަށް ސީޒަން ނިންމާލުމަށް ވާހަކަ ދެކެވުނެވެ. މި ބައްދަލުވުމުގައި ޔުއެފާ އިން ވަނީ ސީޒަން އެއްކޮށް ނިންމަން ގައުމުތަކަށް ވަރަށް ބޮޑަށް ބާރުއަޅައިފަ އެވެ. އެހެން ފަހަރުތަކާ ހިލާފަށް ޔުއެފާ އިން ވަނީ ހާއްސަ ހާލަތްތަކުގައި ސީޒަން ކެންސަލްކުރަން ގައުމުތަކުން ނިންމާއިރު ޔުއެފާއާ އެކު މަޝްވަރާކޮށްގެން ކުރިއަށްދާން އަންގައިފަ އެވެ.

"އެންމެ ބޮޑު ވިސްނުމަކީ އެއްވެސް މުބާރާތެއް ކެންސަލްނުކޮށް ކުރިއަށް ދިއުން. ހުރިހާ މުބާރާތެއް ފުރިހަމަކުރުން. އެކަމަކު ބައެއް ހާލަތްތަކަށް އެބަޖެހޭ ހާއްސަ ނަޒަރަކުން ވިސްނަން. އެއީ މީގައި އަންނާނެ ބައެއް ސަރުކާރުތަކުގެ ނިންމުމާ ގުޅިގެން އަންނަ ބަދަލުތައް. އެ ފަދަ ހާލަތްތަކުގައި ލީގުތައް ކެންސަކޮށްފާނެ. އެ ފަދަ ގައުމުތަކާ އެކު ޔުއެފާގެ މަޝްވަރާތައް ކުރިއަށްދާނެ،" ޔުއެފާގެ އޮފިޝަލަކު މީޑިއާގައި ބުނެފައިވެ އެވެ.

ނެދަލެންޑްސްގެ އިތުރުން ސްކޮޓްލެންޑާއި ބެލްޖިއަމުން ވަނީ އެ ގައުމުގެ ލީގު ނިންމާލަން އަމާޒުހިފައިފަ އެވެ. ބެލްޖިއަމުން ވަނީ ލީގު ކެންސަލްކޮށް އެއް ވަނައިގައި އޮތް ބްރޫޖަށް ތަށި ދޭން ނިންމައިފަ އެވެ. ސްކޮޓްލެންޑުން ވަނީ ފުރަތަމަ ޑިވިޝަން ފިޔަވައި ދަށް ލީގުތަށް ނިންމާލަން ކްލަބްތަކުގެ މެދުގައި ނެގި ވޯޓަކުން ފާސްކޮށްފަ އެވެ. އަދި އެ ގޮތަށް ސްކޮޓްލެންޑްގެ ފުރަތަމަ ޑިވިޝަން ވެސް ނިންމާލަން އެ ގައުމުގެ ޕްރޮފެޝަނަލް ލީގުގެ ބޯޑުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު މި ހުރިހާ ނިންމުމެއް ވެސް ރަސްމީކޮށް އިއުލާންކުރާނީ ޔުއެފާ އިން ވަކި ގޮތެއް އެންގުމުންނެވެ.

ޗައިނާގެ ވުހާން އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 ބަލި މިހާތަނަށް ދުނިޔޭގެ 210 ގައުމަކުން ވަނީ ފެނިފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 2.5 މިލިއަނަށް އަރާފައިވާއިރު، ހަ ލައްކަ އަށް ވުރެން ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި މަރުވި މީހުންގެ އަދަދު އުޅެނީ ލައްކަ އަކަށް ވުރެ މަތީގަ އެވެ.