Roadha Mihaaru

ކޮވިޑް-19: މަގުމަތީގައި އުޅޭ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ފުލުހުން ފަށައިފި

މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ލޮކްޑައުންގެ މުއްދަތުގައި މަގުމަތީގައި އުޅޭ މީހުންނާ ދެކޮޅަށް މިރެއިން ފެށިގެން ފުލުހުން ހަރުކަށި ފިޔަވަޅު އަޅަން ފަށައިފި އެވެ.

މަގުމަތީގައި އުޅޭ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

17 އެޕްރީލް 2020

މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ލޮކްޑައުންގެ މުއްދަތުގައި މަގުމަތީގައި އުޅޭ މީހުންނާ ދެކޮޅަށް މިރެއިން ފެށިގެން ފުލުހުން ހަރުކަށި ފިޔަވަޅު އަޅަން ފަށައިފި އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ލޮކްޑައުން ކޮށްފައިވަނިކޮށް ބޭރުގައި އުޅޭ އެންމެންނާ ދެކޮޅަށް މިރޭ 8:30 ން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ. ލޮކްޑައުންގެ މުއްދަތުގައި މަގުމަތީގައި އުޅޭ މީހުން ފުރަތަމަ ފަހަރަށް ކުރާނީ ޖޫރިމަނާ އެވެ. ދެވަަނަ ފަހަރަށް އެކަން ތަކުރާރުކޮށްފި ނަމަ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން މީހުން ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ ބޭރުގައި ތިބި އެންމެން ގެއަށް ވަނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަންނަ މަހުގެ 1 އާ ހަމައަށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭ ލޮކްޑައުން ކުރުމަށް އެޗްޕީއޭ އިން މިއަދު ވަނީ ނިންމައިފަ އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ތިން ދުވަހު ވެސް ބައެއް ގަޑިގަޑީގައި މާލޭގެ މަގުތަކުގައި މީހުން މަދެއް ނުވެ އެވެ. ފުލުހުން ވެސް މިހާތަނަށް ފިޔަވަޅެއް ނާޅަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ ބުދަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެންގުންތަކާ ހިލާފުވާ މީހުން ކަރަންޓީން ކުރަންޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށް، ވަރުގަދަ ފިޔަވަޅުތަކެއް އަޅަން މިދިޔަ ބުދަ ދުވަހު ފެށީ މާލެ އިން ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެހެންވެ، މާލެ ސަރަހައްދު "ރެޑް އެލާޓް" އަށް ގެނެސް ކޮންޓެކްޓް ޓްރޭސިން ހެދުން ވަނީ ވަރުގަދަ ކޮށްފަ އެވެ. މިއަދާ ހަމައަށް މާލެ އިން ވަނީ ކޮވިޑް-19 ގެ އަށް މީހަކު ފެނިފަ އެވެ.