Roadha Mihaaru
މުދާ ލިބުން ދައްޗެއްނުވާނެ: އެމްޕީއެލް/ކަސްޓަމްސް

މުދާ ލިބުން ދައްޗެއް ނުވާނެ: އެމްޕީއެލް/ކަސްޓަމްސް

17 އެޕްރީލް 2020

ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުން ކޮށްފައި ވިޔަސް ރާއްޖެ އަށް އެތެރެކުރަން ޖެހޭ މުދާ އެތެރެކޮށް ފިހާރަތަކަށް ދޫކުރުމުގައި އެއްވެސް ދަތިކަމެއް ނާންނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކަސްޓަމަސް އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުން ކޮށްފައި ވިޔަސް ރާއްޖެ އަށް އެތެރެކުރަން ޖެހޭ މުދާ އެތެރެކޮށް ފިހާރަތަކަށް ދޫކުރުމުގައި އެއްވެސް ދަތިކަމެއް ނާންނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކަސްޓަމަސް އިން މިއަދު ބުނެފި އެވެ.

ނެޝަނަލްް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންރަރެންސެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ރާއްޖެ އަށް މުދާ ހިފައިގެން އަންނަ ބޯޓްފަހަރު ކުރިއެކޭ ވެސް އެއް ގޮތަށް އަންނަ ކަމަށާއި މިހަފުތާގައި ވެސް އިތުރު ބޯޓުތައް އަންނާނެ ކަމަށެވެ. އޭނާ ވިދާޅުވި މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައިި 2،000 ކޮންޓެއިނާގެ މުދާ ރާއްޖެ އަށް އައިސްފައިވާ ކަމަށެވެ. މާލެ ލޮކްޑައުންކުރި ދުވަހާ ޖެހެންދެން ވެސް މުދާ ނެރުމަށްް 100 އާއި 150 އާ ދެމެދުގެ އަަދަކަށް ޑެކްލަރޭޝަން ހުށަހަޅަމުން އައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިހަފުތާގައި 8 ބޯޓެއް ވަންނާނެ ކަމަށާއި އޭރުން ދުވާލަކު ހުށަހަޅާ ޑެކްލަރޭޝަންގެ އަދަދު 200 އަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ޔަގީންކަން މި ދެނީ އަޅުގަނޑުމެންނާއި އެމްޕީއެލްއާ މިކުރެވޭ މަސަައްކަތްތަކުގެ ތެރެއިން ހާއްސަކޮށް ކްލިއާކުރަން ޖެހޭ މުދާތައް ކްލިއާ ކުރެވިގެން މާލޭގައި މިހިރަ ފިހާރަތަކާ ކަންމަތީ ފިހަރަތަކަށާއި އެހެން، ޑިޕާޓްމަންޓް ސްޓޯރުތަކަށާއި އެ ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން މި ލޮކްޑައުން ދުވަސްވަރުގެ ތެރޭގައި މަސައްކަތް މިކުރަނީ،" ޝަރީފް ވިދާޅުވި އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ލޮލްޑައުންއާ ގުޅިގެން މަޑުޖެހުމަކަށް ފަހު މާދަމާ މުދާ ދޫކުރަން ފަށާ އިރު އިސްކަން ދޭނީ ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތަކަށް ކަމަށެެވެ. އޭނާ ވިދާޅުވި ގޮތުގައި ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތަކުގެ އިތުރުން ވެސް ކޮންމެހެން މުހިއްމު ބާވަތްތަަކަށް އިސްކަންދޭނެ ކަަމަށާއި އެނޫން މުދާ ނެރުން ލަސްކޮށްލުމަށް މުދަލުގެ ވެރިންނަށް އިލްތިމާސްކުރައްވާ ކަަމަށެވެ.

"އެއީ މިހާރު މި ލޮކްޑައުން ހާލަތުގައި އަޅުގަނޑުމެންނަށް އާއްމު ހާލަތެއްގައި ދޫކުރާ އުސޫލުން އެ ވަގުތުތަކުގައި އެއްކޮށް އަޅުގަނޑުމެންނަށް މުދާ ދޫކުރުމުގެ ކަންތައް ކުރިއަކަށް ނުގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ޒަރޫރީ ބާވަތްތައް ބަނދަރުން ނެރެވޭކަން ކަށަވަރުކުރަން، މުދާ އެެތެރެކުރާ ފަރާތްތަކާ އެކު ވަރަށް ގާތުން މަސަައްކަތްކުރާނެ ކަަމަށެވެ. އެގޮތުން ކްލިއާ ކުރަން ހުރި ބާވަތްތަކަކީ ކޮބައިކަން އެމްޕީއެލް އިން ވަރަށް ރަނގަޅަށް ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރި އިރު ބާލާފައިވާ މުދަލާއި މީގެ ފަހުން އަންނަ މުދަލުގެ ތެރެއިން ބަނދަރުގައި ނުނެރެވި ލަސްވާ މުދަލަށް ޑެމަރޭޖް (ލަސްވުމުގެ ސަބަބުން ދައްކަން ޖެހޭ ޖޫރިމަނާ) ދައްކަން ނުޖެހޭނެ ކަަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އެހެންވީމާ ކޮންމެހެން ތިޔަ ބޭފުޅުން ޑެމަރޭޖް އަރާފާނެތީ ތެޅިގަނެގެން އެހާ މުހިއްމު ނޫން މުދަލެއް ކޮންމެހެން ނެެރޭކަށް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭތީ ގިނަ މީހުން އެއްތަން ނުވުމުގެ ގޮތުން، ކަސްޓަމްސްއާއި އެމްޕީއެލްގެ ހިދުމަތް ހޯދަން ވީހާ ވެސް މަދު އަދަދެއްގެ ބަޔަކު ދިއުމަށް ޝާހިދާއި ޝަރީފް ވެސް އިލްތިމާސް ކުރެއްވި އެވެ. އަދި އޮންލައިންކޮށް ހޯދޭ ހިދުމަތްތައް ބޭނުންކުރުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.