Roadha Mihaaru
އެމިރޭޓްސްގެ ފަސިންޖަރުން ކޮވިޑް-19 އަށް ޓެސްޓުކުރަނީ

އެމިރޭޓްސްގެ ފަސިންޖަރުން ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށައިފި

16 އެޕްރީލް 2020

އެމިރޭޓްސް އެއާލައިނުން ދަތުރުކުރާ މީހުން މިއަދުން ފެށިގެން ވަގުތުން ކޮވިޑް-19 އަށް ޓެސްޓު ކުރަން އެ އެއާލައިނުން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމިރޭޓްސް އެއާލައިނުން ދަތުރުކުރާ މީހުން މިއަދުން ފެށިގެން ވަގުތުން ކޮވިޑް-19 އަށް ޓެސްޓު ކުރަން އެ އެއާލައިނުން ފަށައިފި އެވެ.

މި ޓެސްޓުތައް ހަދަން ފަށާފައިވަނީ މިއަދު ދުބާއީން ޓިއުނީޝިއާ އަށް ދިޔަ ފަސިންޖަރުން ފުރުމުގެ ކުރިންނެވެ. ދުބާއީގެ ހެލްތު އޮތޯރިޓީގެ ސިއްހީ އޮފިޝަލުންގެ އެހީއާއެކު ހަދާ މި ޓެސްޓަށް ހޭދަވާނީ 10 މިނެޓެވެ. މިއީ މިގޮތަށް ފަސިންޖަރުން ޓެސްޓު ކުރަން ފެށި ފުރަތަމަ އެއާލައިނެވެ.

އެމިރޭޓްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު އާދިލް އަލް ރިދާއާ ހަވާލާދީ އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ޓެސްޓުތައް ހެދުމަށް ކުރި ފުރަތަމަ މަސައްކަތް ކާމިޔާބު ކަމަށެވެ. އަދި އެއާލައިންގެ ދަތުރުތައް އިތުރު ކުރުމަށް ކުރިއަށް އޮތް ތަނުގައި ޓެސްޓު ހަދާ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އާދިލް ވިދާޅުވީ މި ނިންމުމަކީ އެ އެއާލަންގެ ހުރިހާ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި މި ޓެސްޓުތަކުގެ ސަބަބުން، އެމިރޭޓްސް އިން ދަތުރުކުރާ މީހުންނަކީ ދަތުރުކުރި އިރު ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ މީހުންކަން ޔަގީން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން، އެ އެއާލަނުން ދަތުރު ކުރާ ކޮންމެ މީހަކަށް ކޮވިޑް-19 އަށް ނެގެޓިވްވި ކަމުގެ ސެޓްފިކެޓެއް ލިބޭނެ އެވެ.

ކޮވިޑް-19 ފެތުރޭތީ އެމިރޭޓްސް އިން ވަނީ އެއެއާލައިންގެ ދަތުރުތައް ވަރަށް ބޮޑަށް މަދު ކޮށްފަ އެވެ. ނަމަވެސް މި ޓެސްޓުތައް ހަދާ ކެޕޭސިޓީ އިތުރު ކުރެވިއްޖެ ނަމަ ދަތުރުތައް މެދުކަނޑާލަފައިވާ މަންޒިލްތަކަށް ވަރަށް އަވަހަށް ދަތުރު ފެށޭނެ ކަމަށް އެ އެއާލައިނުން ލަފާ ކުރެ އެވެ.

މީގެ އިތުރުން ވެސް އެމިރޭޓްސް އިން ވަނީ އެ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އަޅައިފަ އެވެ. މީގެ ތެރޭގައި ކޮންމެ ދަތުރަކަށްފަހު ފްލައިޓުތައް ޑިސް އިންފެކްޓު ކުރުމާއި މެގަޒިންތަކާއި ލީފްލެޓުތް ބެހެއްޓުން ވަގުތީ ގޮތުން މެދުކަނޑާލުން ހިމެނެ އެވެ.