Roadha Mihaaru

ބިރުވެރިކަން އުފައްދާކަށް ޖާގައެއް ނެތް: އިމްރާން

ކޮވިޑް-19އާ ގުޅިގެން މުޅި ގައުމު ކުއްލި ހާލަތަކަށް އައިސްފައިވާ މި ދަނޑިވަޅު ދައުލަތާއި ރަައްޔިތުންގެ މުދަލަށް ގެއްލުންދީ މުޖުތަމައުގައި ބިރުވެރިކަން އުފެއްދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބިރުވެރިކަން އުފައްދާކަށް ޖާގައެއް ނެތް: އިމްރާން
ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު

15 އެޕްރީލް 2020

ކޮވިޑް-19އާ ގުޅިގެން މުޅި ގައުމު ކުއްލި ހާލަތަކަށް އައިސްފައިވާ މި ދަނޑިވަޅު ދައުލަތާއި ރަައްޔިތުންގެ މުދަލަށް ގެއްލުންދީ މުޖުތަމައުގައި ބިރުވެރިކަން އުފެއްދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ އެކަކު އަނެކަކަށް އަޅާލާ އިންސާނިއްޔަތު ކަމުގެ ސިފަތައް އެންމެ ބޮޑަށް ދައްކަންވީ ވަގުތު ކަމަށެވެ. އަދި މިފަދަ ދަަނޑިވަޅެއްގައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަކީ ނުބައިކަން ބޮޑު އަމަލެއް ކަމަށާއި އެފަދަ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މހެން ވިދާޅުވެފައި ވާއިރު، އދ. މަހިބަދޫގައި އަޅާފައި އޮތް ލޯންޗުތަކެއްގައި މިއަދު ހެނދުނު ހިނގައިދިޔަ އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ސަލާމަތީ ހިދުމަތްތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވެއެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެކޭ ބުނެވިދާނެ ފަދަ އަމަލަކާ ވަރަށް ގާތް އަމަލެއް ކަމަށް ވެސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.

މަހިބަދޫގައި ރޯކޮށްލާފައި ވަނީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އަމިއްލަ ފަރާތެއްގެ ދެ ލޯންޗު ކަމަށްވާ އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްއައި 2 އަދި ދެ ޑިންގީއެއްގަ އެވެ. މިއީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައި ހުރި އުޅަނދުތަކެކެވެ.