Roadha Mihaaru
ބަންގްލަދޭޝްއިން ދޭ އެހީ ހިފައިގެން މަނަވަރު ފުރައިފި

ރާއްޖެ އަށް 100 ޓަނުގެ އެހީ ހިފައިގެން ބަންގްލަދޭޝް އިން މަނަވަރެއް އަންނަނީ

15 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެ އަށް ދޭ 100 ޓަނުގެ ހިލޭ އެހީ ހިފައިގެން އެ ގައުމުގެ މަނަވަރެއް މިއަދު ފުރައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެ އަށް ދޭ 100 ޓަނުގެ ހިލޭ އެހީ ހިފައިގެން އެ ގައުމުގެ މަނަވަރެއް މިއަދު ފުރައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މަނަވަރުން ގެންނަ ތަކެތީގެ ތެރޭގައި ރާއްޖެ އަށް ހަދިޔާކުރާ ކާޑުގެ ބާވަތްތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ އަދި ބޭހުގެ ބާވަތްތައް ވެސް ހިމެނެ އެވެ. އަދި މި ބައްޔާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ބައެއް މެޑިކަލް އިކުއިޕްމެންޓް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެ ހުރިހާ ތަކެތީގެ ބަރުދަނުގައި 100 ޓަނު އެބަހުރި ކަމަށާއި އެ ތަކެތި ރާއްޖެ އަށް ގެންނަ މަނަވަރު ފުރީ މިއަދު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބަންގްލަދޭޝް ވެސް ވަނީ ލޮކްޑައުންކޮށް، އެ ގައުމުގެ ބޯޑަރު ބަންދުކޮށްފަ އެވެ. އެ ގައުމު ލޮކްޑައުން ކުރި އިރު، އެ ގައުމުގައި ކިޔަވަން ތިބި 40 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން މިހާރު ވަނީ އަނބުރާ އަންނާނެ ގޮތެއް ނެތި އެ ގައުމުގައި ތާށިވެފަ އެވެ. އެ ދަރިވަރުން އަނބުރާ ރާއްޖެ ގެންނަން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑޮކްޓަރު އަބްދުލް މޯމެންއާ ދެ ފަހަރެއްގެ މަތިން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި އެކަމަށް ހުއްދަ ލިބުމުން އެ ދަރިވަރުން އަނބުރާ ގެންނާނެ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.

ބަންގްލަދޭޝް އިން ރާއްޖެ އަށް މި ދަނޑިވަޅުގައި ވަމުން އަންނަ އެހީ އަކީ ދެ ގައުމު ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ނަތީޖާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަށް ބަންގްލަދޭޝްގެ ސަރުކާރަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

ބަންގްލަދޭޝްގެ އިތުރުން، ޗައިނާ އާއި އިންޑިއާ އިން ވެސް ވަނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަން ރާއްޖެއަށް އެކި ގޮތުން އެހީ ވެފަ އެވެ. މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރަން ބޭނުންވާ ތަފާތު މެޑިކަލް އިކުއިޕްމެންޓް ޗައިނާ އިން ހަދިޔާކޮށްފައި ވާ އިރު، އިންޑިއާ އިން ވަނީ އެކި ބާވަތްތަކުގެ އަސާސީ ބޭސް ހަދިޔާކޮށްފަ އެވެ.

ފަރުވާއެއް ހޯދިފައި ނުވާ މި ބައްޔަށް ދިވެއްސަކު މިއަދު މާލެއިން ޕޮޒިޓިވް ވުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި އެ މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށްޓަކައި ސަރުކާރުން ވަނީ މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު 24 ގަޑިއިރަށް ލޮކްޑައުން ކޮށްފަ އެވެ. މި އަމުރާ ހިލާފަށް އަމަލު ކުރާ މީހުން 1000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިތުރުން ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.