Roadha Mihaaru
ބަންގްލަދޭޝުން އަންނަ ފްލައިޓުން 70 މީހުން ފުރާނެ

ބަންގްލަދޭޝުން އަންނަ ފްލައިޓުން 70 މީހުން ފުރާނެ: ޝާހިދު

19 އެޕްރީލް 2020

ދިވެހިން ގޮވައިގެން އަންނަ ބަންގްލަދޭޝްގެ މަތިންދާބޯޓު ރާއްޖެ އިން ފުރާނީ ރާއްޖޭގައި ތިބި އެ ގައުމުގެ 70 މީހުން ގޮވައިގެން ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދިވެހިން ގޮވައިގެން އަންނަ ބަންގްލަދޭޝްގެ މަތިންދާބޯޓު ރާއްޖެ އިން ފުރާނީ ރާއްޖޭގައި ތިބި އެ ގައުމުގެ 70 މީހުން ގޮވައިގެން ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ގޮވައިގެން މާދަމާ ރާއްޖެ އަންނާނީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް ކަމަށެވެ. އެ ބޯޓް އެނބުރި ބަންގްލަދޭޝްއަށް ދާއިރު ގެންދާނީ ސައްހައް ލިޔެކިއުންތައް ނެތި ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ 70 މީހުން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަންގްލަދޭޭޝާއި ނޭޕާލުގައި ތިބި ދިވެހިން ގެނައުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭ.ކޭ އަބްދުލް މޮމެން ދެއްވި އެއްބާރުލެއްވުމަށް ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

ބަންގްލަދޭޝުން މާދާމާ އަންނަ އަސްކަރީ ބޯޓުގައި އެ ގައުމުގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިން އަދި ރާއްޖެ އިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވާން ބަންގްލަދޭޝް އިން ފޮނުވާ 10 މީހުންގެ މެޑިކަލް ޓީމެއް ވެސް އަންނާނެއެވެ.

ސައްހަ ލިޔެކިއުންތައް ނެތި ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ގެންދިއުމަށް އެހީތެރިވާން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޝާހިދު ވަނީ އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ދެފަހަރެއްގެ މަތިން ފޯނުން ގުޅުއްވި އެވެ.

ސައްހަ ލިޔެކިއުންތައް ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވައިލުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާނެ ކަމަށް ޓްވީޓްގައި ޝާހިދު ވިދާޅުވި އެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރޭ ކޮވިޑް-19 ބަންގްލަދޭޝްގައި ވެސް ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. ބަންގްލަދޭޝްގައި ހުރި ދިވެހި ޑޮކްޓަރަކު ޕީއެސްއެމް ނިއުސް އަށް މިރޭ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެން ވެސް މިހާރު ތިބީ ވެރިރަށް ޑާކާގައި ހުރި ބަންގްލަދޭޝް ސިފައިންގެ މަރުކަޒަކަށް ގެންގޮސްފަ އެވެ.