Roadha Mihaaru

ކޮވިޑް-19: ޑްރޮގްބާގެ ހޮސްޕިޓަލް ސަރުކާރުގެ ބޭނުމަށް ދީފި

އަބިޖާން، އައިވަރީ ކޯސްޓް (އޭޕްރީލް 13) - އައިވަރީ ކޯސްޓާއި ޗެލްސީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ، އޭނާގެ ހޮސްޕިޓަލް ކޮވިޑް-19 ގެ ކަންކަމަށް ބޭނުންކުރަން އެ ގައުމުގެ ސަރުކާރަށް ދީފި އެވެ.

ޑްރޮގްބާގެ ހޮސްޕިޓަލް ސަރުކާރުގެ ބޭނުމަށް ދީފި
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

13 އެޕްރީލް 2020

އަބިޖާން، އައިވަރީ ކޯސްޓް (އޭޕްރީލް 13) - އައިވަރީ ކޯސްޓާއި ޗެލްސީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ، އޭނާގެ ހޮސްޕިޓަލް ކޮވިޑް-19 ގެ ކަންކަމަށް ބޭނުންކުރަން އެ ގައުމުގެ ސަރުކާރަށް ދީފި އެވެ.

އެފްރިކާގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ހިމެނޭ ޑްރޮގްބާގެ ލޯރެންޓް ޕޯކޯ ހޮސްޕިޓަލް ހުންނަނީ އައިވަރީ ކޯސްޓުގެ އަބިޖާން ސަރަހައްދުގަ އެވެ. މި ހޮސްޕިޓަލަކީ މިހާރު ވެސް މަރާމާތުތަކެއް ކުރެވެމުން އަންނަ ތަނެކެވެ. މި އަހަރުގެ ފަހުކޮޅު ހުޅުވަން ތާވަލުކޮށްފައިވާ މި ހޮސްޕިޓަލް ސަރުކާރާ މި ވަގުތަށް ހަވާލުކުރަން ޑްރޮގްބާ ނިންމީ ކޮވިޑް-19 ގެ ކަންތައްތަކުގައި ސަރުކާރަށާއި ގިނަ ބަޔަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ.

އައިވަރީ ކޯސްޓަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދިން ޑްރޮގްބާގެ ފަރާތުން ލިބުނު މި އެހީތެރިކަމަށް އަބިޑްޖާންގެ އަޓެކޫބޭ ޑިސްޓްރިކްޓްގެ ރީޖަނަލް ކައުންސިލްގެ ރައީސް ވިންސެންޓް ޓޯ ބީ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"މިއީ ޑްރޮގްބާގެ ހިތުގައި ގައުމަށްޓަކައި ލޯބި އޮތް މިންވަރު ދައްކުވައިދޭ ކަމެއް. އަހަރެމެން ޑްރޮގްބާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ވިންސެންޓް ބުންޏެވެ.

ޑްރޮގްބާ ފައުންޑޭޝަންގެ ޑިރެކްޓަރު މަރިއަމް ބްރެކާ ބުނީ ކޮވިޑް-19 ގެ ކަންތައްތަކަށް ބޭނުންކުރަން އެ ހޮސްޕިޓަލްގައި ދެން ކުރަން ހުންނާނީ ވަރަށް ކުޑަކުޑަ މަސައްކަތްތަކެއް ކަމަށާއި އެ ކަންތައްތައް ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ސަރުކާރުން މި ހޮސްޕިޓަލް ބޭނުންކުރިޔަސް އެއްވެސް ބަދަލެއް ބޭނުންނުވާ ކަމަށް ބްރެކާ ބުންޏެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ޑްރޮގްބާ ވަނީ ކޮވިޑް-19 އަށް ތައްޔާރުކުރާ ފުރަތަމަ ވެކްސިން އެފްރިކާގައި ޓެސްޓްކުރަން ބާރުއަޅައި ފްރާންސްގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ދެއްކި ވާހަކަ އަށް ވަރުގަދަ ރައްދެއް ދީފަ އެވެ. އެފްރިކާ އަކީ ލެބޯޓަރީ އެއް ނޫން ކަމަށާއި ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ގޮތަށް ޑޮކްޓަރުން ވާހަކަ ނުދައްކަން ޑްރޮގްބާ ގޮވާލި އެވެ. ފްރާންސްގެ އެ ދެ ޑޮކްޓަރުން ވަނީ އެ މީހުން ވާހަކަ ދެއްކީ ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭން ނޫން ކަމަށް ބުނެފަ އެވެ. އެކަމަކު ދެކެވުނު ވާހަކައިން ގޯސް މާނައެއް ދޭހަވާނަމަ އެ ފަރާތްތަކުގެ ކިބައިން ފްރާންސްގެ އެ ދެ ޑޮކްޓަރުން މާފަށް އެދުނެވެ.

އުމުރުން 42 އަހަރުގެ ޑްރޮގްބާގެ ކެރިއަރުގައި އޭނާ އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ޗެލްސީގަ އެވެ. އެ ޓީމުގެ އިތުރުން އޭނާ ވަނީ ފްރާންސާއި ތުރުކީ، ޗައިނާ އަދި އެމެރިކާގެ ކްލަބްތަކަށް ކުޅެފަ އެވެ. އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ މީގެ ދެ އަހަރު ކުރިންނެވެ.

ކޮވިޑް-19 ރޯގާގެ އަސަރު އައިވަރީ ކޯސްޓަށް ވެސް ވަނީ ކޮށްފަ އެވެ. އެ ގޮތުން މިހާތަނަށް އެ ގައުމުން މި ބައްޔަށް 533 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތްކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.