Roadha Mihaaru

ކޮވިޑް-19: އެފްރިކާ ރައްޔިތުންގެ ދިފާއުގައި ޑްރޮގްބާ ތެދުވެއްޖެ

ޕެރިސް (އޭޕްރީލް 5) - ކޮވިޑް-19 އަށް ތައްޔާރުކުރާ ފުރަތަމަ ވެކްސިން އެފްރިކާގައި ޓެސްޓްކުރަން ބާރުއަޅައި ފްރާންސްގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ދެއްކި ވާހަކަ އަށް އެފްރިކާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ ޑުކިޔައިފި އެވެ.

އެފްރިކާ ރައްޔިތުންގެ ދިފާއުގައި ޑްރޮގްބާ ތެދުވެއްޖެ
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

05 އެޕްރީލް 2020

ޕެރިސް (އޭޕްރީލް 5) - ކޮވިޑް-19 އަށް ތައްޔާރުކުރާ ފުރަތަމަ ވެކްސިން އެފްރިކާގައި ޓެސްޓްކުރަން ބާރުއަޅައި ފްރާންސްގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ދެއްކި ވާހަކަ އަށް އެފްރިކާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ ޑުކިޔައިފި އެވެ.

މިދިޔަ ހަފްތާގައި ފްރާންސްގެ މީޑިއާ އަކުން ދެއްކި އިންޓަވިއުއެއްގައި ދެ ޑޮކްޓަރެއް ވަނީ ކޮވިޑް-19 ގެ ވެކްސިން ޓެސްޓްކުރުމުގައި އެފްރިކާގެ ބޭނުން ހިފިދާނެ ކަމަށް ބުނެފަ އެވެ. އެ ދެ ޑޮކްޓަރުންގެ މި ވާހަކަ އަކީ ނަސްލީ ތަފާތުކުރުމަށް ހިތްވަރު ލިބޭ ގޮތަށް ދެއްކި ވާހަކައެއް ކަމަށް ބުނެ އެ ދެ މީހުންނަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުވި އެވެ.

މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ފްރާންސްގެ ޑޮކްޓަރުންނަށް ނުރުހުން އަމާޒުވާން ފެށުމާ އެކު އެ ވާހަކަތައް ދެއްކި ޑޮކްޓަރުން ވަނީ އެ ވާހަކަ އިން ނުރަނގަޅު މެސެޖެއް ދެވޭނަމަ މާފަށް އެދޭ ކަމަށާއި އެއްވެސް ހާލެއްގައި އެ ވާހަކަތައް ދެއްކީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނޫން ކަމަށް ބުނެފަ އެވެ.

އެފްރިކާ މީހުންގެ ދިފާއުގައި ގިނަ ފުޓްބޯޅަ ކުޅުންތެރިންނެއް ވަނީ ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އެ ދެ ޑޮކްޓަރުންނަށް ފާޑުކީ ކުރިން ޗެލްސީ އަށް ކުޅުނު ޑްރޮގްބާ އެވެ. އޭނާ ބުނީ އެ ދެ ޑޮކްޓަރުން އެ ދެއްކި ވާހަކަތަކަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެފްރިކާ އަކީ ލެބޯޓަރީއެއް ނޫން. އަހަރެން ދެކޭ ގޮތުގައި މިއީ ވަރަށް ސީރިއަސް ކަމެއް. މި ފަދަ ގޮތަކަށް ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ ވާހަކަތަކެއް ބުނެވިގެން ނުވާނެ. މަސައްކަތް ކުރަންވީ އަހަރެމެން ފަދަ އެފްރިކާގައި ތިބި މީހުން ވެސް ސަލާމަތްކުރަން. އެ މީހުންނަކީ ލެބޯޓަރީގައި ތަހުލީލު ކުރަން ގެންގުޅޭ ބަޔެއްގެ ގޮތުގައި ދެކިގެނެއް ނުވާނެ،" އެފްރިކާގެ މީޑިއާ އަކަށް ޑްރޮގްބާ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް މަސައްކަތްކުރާ ފްރާންސްގެ ޖަމިއްޔާއެއް ކަމަށްވާ އެސްއޯއެސް އިން ވަނީ އެ ވާހަކަތައް ދެއްކި ޑޮކްޓަރުން ހަމައެކަނި މާފަށް އެދުމުން ނުފުދޭ ކަމަށާއި އާންމުންގެ ކުރިމަތީގައި އިތުރަށް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި ޑޮކްޓަރުންނަކީ ގިނަ ބަޔެއްގެ އިހުތިރާމް ލިބޭ ވަޒީފާއަކަށް ވީހިނދު އެ ފަދަ ބައެއްގެ އަގުވެއްޓޭ ގޮތަށް ކުރެވޭ އަމަލުތަކުގެ މައްސަލަ ރަނގަޅަށް ބެލެވެންޖެހޭނެ ކަމަށާއި މިއީ ރަނގަޅަށް މަސައްކަތްކުރާ ޑޮކްޓަރުންގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ.

އޮންނަ އުސޫލެއްގެ ތެރެއިން ވެކްސިން ޓެސްޓް ކުރުމުގައި އަމިއްލަ އަށް ބައިވެރިވާން ބޭނުންވާ ކަމަށް އެފްރިކާގެ ގައުމެއް ކަމަށްވާ ކޮންގޯ އިން ވަނީ ބުނެފަ އެވެ. ކޮންގޯގެ ނެޝަނަލް ބަޔޮލޮޖިކަލް ރިސާޗް ސެންޓަރުގެ ހެޑް ޖިއާން-ޖެކުއެސް މުއެމްބޭ ބުނީ ވެކްސިން ޓެސްޓްކުރުމުގައި ބައިވެރިވާން އެދެނީ މިއީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ކަމަކަށްވާއިރު، މި ކަމުގައި އެ ގައުމުގެ ބައިވެރިވުމެއް އޮންނަން ބޭނުންވާތީ އެވެ. އަދި ވީ އެންމެ އަވަހަކަށް ވެކްސިނެއް ލިބުމަކީ ގިނަ ބަޔެއް ސަލާމްކުރެވޭނެ ކަމެއްގެ ގޮތުގައި މުއެމްބޭ ދެކެ އެވެ.

ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 އަށް މިހާތަނަށް މުޅި ދުނިޔެ އިން ވަނީ 1.2 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ތެރެއިން 246،703 މީހުން ވަނީ ރަނގަޅުވެފަ އެވެ. މިހާރު މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ ޔޫރަޕްގެ ގައުމުތަކުގެ އިތުރުން އެމެރިކާގަ އެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ދެކުނު އެފްރިކާ އިންނެވެ.