Roadha Mihaaru
ވަގުތީ ހޮސްޕިޓަލް ނިންމަން 24 ގަޑިއިރު މަސައްކަތުގައި

ކޮވިޑް-19: ވަގުތީ ހޮސްޕިޓަލް ނިންމަން 24 ގަޑިއިރު މަސައްކަތުގައި

15 އެޕްރީލް 2020

މަސައްކަތުގައި އެންމެން ތިބީ ހޭބޯނާރަ އެވެ. ކަރަންޓު ވަޔަރު ކުރާ މީހުން ވަޔަރު ކުރަނީ އެވެ. ރާނާ މީހުން، ރޭނުމުގެ މަސައްކަތުގަ އެވެ. އަނެއް ބަޔަކު ދިޔައީ ސީލިންކޮށް އޭސީ ހަރުކުރަމުންނެވެ. ރެ އާއި ދުވާލު ހުއްޓުމެއް ނެތި 24 ގަޑިއިރު، އެއް ފޯރިއެއްގައި، ޖޯޝުގައި ހަދަމުން އެ އަންނަނީ ކޮވިޑް-19 އަށް ފަރުވާދޭން ގާއިމްކުރާ ވަގުތީ ހޮސްޕިޓަލެވެ؛ މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ހަދާ ފުރަތަމަ ހޮސްޕިޓަލް ވެސް މެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމައްޗަށް ވާ ގޮތަށް އޮތް ބޮޑު ބިމެއްގައި މީގެ އެތައް އަހަރެއް ކުރިން ވިޔަފާރިވެރިޔަކު އިމާރާތްކޮށްފައި ހުރި ބޮޑު ތިން އިމާރާތް ހޮސްޕިޓަލަކަށް ބަދަލުކޮށްލުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެމްއެންޑީއެފާއި ފެނަކަ އެވެ. އޭގެ އިތުރުން ވެސް ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ވެމްކޯ، އާރުސީސީ، އެލިއާ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން އަދި ލެއޯ ކޮންސްޓްރަކްޝަން ހިމެނެ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފަރާތުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ކަނޑައަޅާފައިވާ އޮފިޝަލުންގެ ތެރެއިން އެކަކު ވިދާޅުވީ ވަގުތީ ހޮސްޕިޓަލްގެ މަސައްކަތުގައި 350 މީހުން އުޅޭ ކަމަށެވެ. އެ އެންމެންނަށް އޮތް އަމާޒަކީ އަންނަ ހޯމަ ދުވަހުގެ ކުރިން ތަން ނިންމާލުމެވެ.

ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ހަދާ ވަގުތީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ހަދާ ވަގުތީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ދެ ޝިފްޓަކަށް ބަހާލައިގެން، 290 އެނދުގެ ހޮސްޕިޓަލް ތަރައްގީކުރަން ދެ ޝިފްޓަކަށް ކޮންމެ ގްރޫޕަކުން 12 ގަޑިއިރު މަސައްކަތުގައި ހޭދަކުރެ އެވެ. އެ މީހުންގެ ކެއުމާއި ބުއިން ހަމަޖައްސަނީ އެބަޔަކު ނިސްބަތްވާ ކުންފުނިންނެވެ.

ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހޭދަކޮށްގެން ހުޅުމާލެ މެޑިކަލް ފެސިލިޓީ ހަދަނީ އެޓޯލް ޕެރެޑައިސް ނަމަކަށް ކިޔާ ކުންފުންޏަކުން ރަނގަޅު ފެންވަރަކަށް އިމާރާތްކޮށްފައި ހުރި ތިން އިމާރާތުގަ އެވެ. އެކަމަކު އެޓޯލް ޕެރެޑައިސްއިން ނެގި ލޯނެއް ނުދެއްކުމުން އެ އިމާރާތްތަކާއި ބިން އޮތީ ބޭންކަށް ނަގައިފަ އެވެ.

ބަލިމީހުން އެޑްމިޓްކުރާ އެނދުތައް ބަހައްޓަނީ ބޮޑު ދެ އިމާރާތުގަ އެވެ. ދެން ހުރި އިމާރާތް ބޭނުންކުރާނީ ޑޮކްޓަރުންނާއި ނަރުހުންގެ އެކަމޮޑޭޝަނަށެވެ. އެތަނުގައި 35 މީހުންގެ ޖާގަ އޮތް ކަމަށް، އޮފިޝަލް ވިދާޅުވި އެވެ.

އެންއީއޯސީގެ އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އިމާރާތްތަކުގެ ޑިޒައިން ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މަސައްކަތް ފެށުމުގެ ކުރިން ވެސް އެއީ ދިމާވި ވަރަށް ބޮޑު ދައްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ހަދާ ވަގުތީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ހަދާ ވަގުތީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"ކޯލްޑް ސްޓްރޯޖެއް ގޮތަށް އިމާރާތް ހަދާފައި ހުރީ. އެހެންވެ އެތަން ހޮސްޕިޓަލެއް ގޮތަށް ބަދަލުކުރަން ވަރަށް ބޮޑު ދަތިތަކާ ދިމާވި. ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު،" އޮފިޝަލް ވިދާޅުވި އެވެ.

"އޭގެ އިތުރުން ހިއުމަން ރިސޯސަސް މައްސަލަ ވަރަށް ބޮޑަށް ދިމާވި ފުރަތަމަ އެ މަސައްކަތް ފެށިއިރު. މެޑިކަލް ފެސިލިޓީ ހަދަން ބޭނުންވާ ތަކެތި ލިބުން ވެސް ވަރަށް ބޮޑަށް ދަތިވި. އެހެންވެ އަންނަ ހަފުތާއަށް އެތަން ނިންމުން ލަސްވެގެން ދިޔައީ."

ބަލި މީހުންނަށް ފަރުވާ ދޭނީ ބްލޮކް އޭ އާއި ބްލޮކް ބީގަ އެވެ. އެތަނުން ބްލޮކް އޭ ހުންނަނީ ތިން ބުރިއަށެވެ. އެތަނުގައި 222 އެނދު ބަހައްޓަ އެވެ. ބޮޑު ހޯލެއް ގޮތަށް ހަދާފައި ހުރި ބްލޮކް ބީގައި ބަހައްޓަނީ 68 އެނދެވެ. ދެ ބްލޮކުގައި ވެސް އަންހެނުނާއި ފިރިހެނުންނަށް ހާއްސަ ފާހަނާތައް ވަނީ ހަދައިފަ އެވެ.

އޭ ބްލޮކް ކުރިން ވެސް އިމާރާތްކޮށްފައި ހުރީ ކޮޓަރިތަކެއް ހިމަނައިގެންނެވެ. ހޮސްޕިޓަލަކަށް އެތަން ބަދަލުކުރަނީ ވެސް ވަކިވަކި ކޮޓަރިތަކުގައި އެނދުތައް ބަހައްޓާ ގޮތަށެވެ. އެކަމަކު އެނދުތައް ހުންނާނީ ވަކި ދުރުމިނެއްގައި ކަމަށް، އޮފިޝަލް ވިދާޅުވި އެވެ.

ވަގުތީ ހޮސްޕިޓަލްގައި ހަމައެކަނި ކުރިއަށް ދާނީ ބަލިމީހުން އެޑްމިޓްކޮށް، ފަރުވާ ދިނުމުގެ މަސައްކަތެއް ނޫނެވެ. އޭގެ އިތުރުން ކޮވިޑް-19ގެ ޓެސްޓްކުރަން ލެބޯރަޓަރީއެއް ވެސް ހަދަ އެވެ.

ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ހަދާ ވަގުތީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ހަދާ ވަގުތީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ވަގުތީ ހޮސްޕިޓަލްގައި ބައިތިއްބަނީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނެވެ. ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގެ އެހީ ބޭނުންވާ މީހުން ގެންދާނީ ކުރިމަތީގައި ހުރި ޓްރީ ޓޮޕް ހޮސްޕިޓަލެވެ. އެތަނުގައި 200 ވެންޓިލޭޓަރު ބަހައްޓަން ވަނީ ނިންމައިފަ އެވެ.

ވަގުތީ ހޮސްޕިޓަލްގައި މިވަގުތު އެންމެ ބާރަށް ކުރިއަށް ދަނީ ސީލިންކުރުމާއި އޭސީ ބެހެއްޓުން ފަދަ މަސައްކަތްތަކެވެ. އޭގެ އިތުރުން ތިން ބުރިއަށް ހުރި އޭ ބްލޮކްގައި، ބަލިމީހުން އުފުލަން ހާއްސަ ލިފްޓެއް ވެސް ބަހައްޓަ އެވެ.