Roadha Mihaaru
އަގު ހެޔޮކޮށް ތަކެތި ގަންނަން ދާންވީ "އުފަންވެލި"އަށް

ކާބޯތަކެތީގެ ގިނަ ބާވަތްތަކެއްގެ އަގު "އުފަންވެލި"ން ހެޔޮކޮށްފި

10 އެޕްރީލް 2020

ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ، މަޑިހާ ކުންފުނީގެ ފިހާރަތަކުން ހެޔޮ އަގުގައި ތަކެތި ވިއްކަން ފަށައި، އެހެން ވިޔަފާރިތަކަށް ނަމޫނާ ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ، މަޑިހާ ކުންފުނީގެ ފިހާރަތަކުން ހެޔޮ އަގުގައި ތަކެތި ވިއްކަން ފަށައި، އެހެން ވިޔަފާރިތަކަށް ނަމޫނާ ދައްކައިފި އެވެ.

މަޑިހާ ކުންފުނިން މާލޭގައި ތަކެތި ވިއްކަނީ އޯކިޑް މަގު، ސަލްސާ ރޯޔަލް ކައިރީގައި ހުންނަ "އުފަންވެލި ޝޮޕު"ންނެވެ. މަޑިހާ ކުންފުނިން ބުނީ، ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން ރާއްޖެ އަށް ގެންނަ ހުރިހާ ބާވަތެއްގެ އަގު ވެސް ވަރަށް ބޮޑަށް ހެޔޮކޮށްފައިވާ ކަމަށެވެ. އެގޮތުން ފިޔާ ބަސްތާއެއް ނަގާ ނަމަ ކިލޯއެއް ވިއްކަނީ 10ރ. އަށް ކަމަށާއި ވަކިން ކިލޯއެއް ގަންނަ ނަމަ 12ރ. އަށް އަންނަނީ ވިއްކުމުންނެވެ. އެ ފިހާރައިން ބިސް ވިއްކަނީ 1.50ރ. އަށެވެ. އަދި އަލުވި ވިއްކަނީ ކިލޯއެއް 15ރ. އަށެވެ.

އެސްޓީއޯއިން ވެސް ފިޔާ ކިލޯއެއް ވިއްކަނީ 15ރ. އަށެވެ. އެހެންކަމުން މާލޭގައި އެންމެ ހެޔޮ އަގުގައި ފިޔާ ވިއްކާ ފިހާރައަކީ އުފަންވެލި ޝޮޕެވެ. އާންމުކޮށް ކެއުން ބުއިމަށް ބޭނުންވާ ތަކެތީގެ އަގުތައް ކޮންޓްރޯލު ކުރުމަށްޓަކައި ސަރުކާރުން ވެސް ވަނީ އާދަޔާ ހިލާފަށް އަގު ބޮޑުކޮށް ތަކެތި ވިއްކާ ނަމަ ފިޔަވަޅު އަޅަން ނިންމައިފަ އެވެ.

ފިޔާ، އަލުއި އަދި ބިހުގެ އިތުރުން ވެސް އެފިހާރައިން ވިއްކާ ތަރުކާރީގެ އަގު ވެސް ވަރަށް ބޮޑަށް ވަނީ ހެޔޮކޮށްފަ އެވެ. އެގޮތުން ކެރެޓް، ބީންސް، ކެޕްސިކަމް، އަދި ބެލް ޕެޕާ ފަދަ ތަކެތީގެ ކިލޯއެއް ވިއްކަނީ ރީޓެއިލްކޮށް 55ރ. އަށް ހޯލް ސޭލްކޮށް 50ރ. އަށެވެ. މީގެ އިތުރުން އެ ފިހާރައިން ބަޓާނާ ކިލޯއެއް ވިއްކަނީ 26ރ. އަށެވެ. މިތަކެތި އާންމުކޮށް ބާޒާރުގައި އުޅެނީ ކިލޯއެއް 60ރ. އާއި 80ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

މަޑިހާ ފިހާރައިން ބުނީ، މިދުވަސްވަރު ތަކެތި އެންމެ ގިނައިން ގެންނަނީ އިންޑިޔާ އާއި ޕާކިސްތާނުން ކަމަށާއި، ތަކެތި ގެނައުމުގެ ލޮޖިސްޓިކް މަސައްކަތްތައް ކުރުމަށް ޑިލޭތަކެއް ކުރިމަތި ވިއަސް ބޭނުންވާ ސާމާނު ގެނެވޭ ކަމަށެވެ.

"ތަކެތި ގެނަމުގައި އެންމެ އުނދަގޫ ވަނީ ޑޮލަރު ހޯދަން. ބޭނުންވާ ސާމާނު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް. އަދި މިހާރު ރޯދަ އަށް ބޭނުންވާ ސާމާނު ގެނައުމުގެ ތައްޔާރީތައް އެބަ ކުރިއަށްދޭ،" މަޑިހާ ކުންފުނީގެ އިސްވެރިޔަކު ވިދާޅުވި އެވެ.

އެ ފިހާރައިން ބުނީ، ރޯދަ މަހު ވެސް އެ ފިހާރައިން ވިއްކާ ތަކެތީގެ އަގު މިވަރުގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މަޑިހާ ކުންފުނީގެ އިތުރުން ރެޑްވޭވާއި އެސްޓީއޯއިން ވެސް ވަނީ އާންމުކޮށް ކާން ބޭނުން ކުރާ ތަކެތީގެ އަގު ހެޔޮކޮށް ވިއްކަން ފަށައިފަ އެވެ.

މަޑިހާ ކުންފުނިން ރާއްޖެ އަށް ތަކެތި އެތެރެ ކުރާތާ 37 އަހަރުވެފައިވާ އިރު މާލޭގެ އިތުރުން ހުޅުމާލެއިން ވެސް ހެޔޮ އަގުގައި އަންނަނީ ތަކެތި ވިއްކަމުންނެވެ.