Roadha Mihaaru
ޓޮމްގެ އަމާޒު: ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުން

ޓޮމްގެ އަމާޒު: ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުން

31 މެއި 2016

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސަކަށް މިއަދު އިންތިހާބުވި އަހުމަދު ތޯރިގް (ޓޮމް) ފުރަތަމަ ވެސް ފާހަގަކުރެއްވީ ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތުން އެހެން މިސްރާބަކަށް ގެންދިއުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެވެ. ޓޮމް ވިދާޅުވީ ދިވެހި ފުޓްބޯޅަ އަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފުޓްބޯޅަ އާއިލާއާ އެކު މަސައްކަތް ކުރުމަށް ތައްޔާރުވެ ހުންނެވި ވާހަކަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސަކަށް މިއަދު އިންތިހާބުވި އަހުމަދު ތޯރިގް (ޓޮމް) ފުރަތަމަ ވެސް ފާހަގަކުރެއްވީ ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތުން އެހެން މިސްރާބަކަށް ގެންދިއުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެވެ. ޓޮމް ވިދާޅުވީ ދިވެހި ފުޓްބޯޅަ އަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފުޓްބޯޅަ އާއިލާއާ އެކު މަސައްކަތް ކުރުމަށް ތައްޔާރުވެ ހުންނެވި ވާހަކަ އެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރެއްވީ ޓޮމް އެކަންޏެވެ. އެހެންވުމުން އިންތިހާބުގައި ކުރި އަށް ދިޔައީ ޓޮމް އާއި އޭނާގެ ޓީމާ މެދު ފެންނަ ނުފެންނަ ވޯޓެކެވެ. ވޯޓުލި 21 މެންބަރުންގެ ތެރެއިން ޓޮމް ހޮވުނީ 19 ވޯޓާ އެކު އެވެ.

ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ އޭނާގެ ޓީމުގައި ތިބީ ރާއްޖޭގެ ފުޓްބޯޅަ އަށް ބޭނުންވާ ފަދަ ހެޔޮ ބަދަލު ގެނެވޭ ގާބިލު ބޭފުޅުންތަކެއް ކަމަށެވެ.

“އަޅުގަނޑުގެ ޓީމަށް އިތުބާރު އެބައޮތް”

ޓޮމްގެ ނާއިބުންނަކީ 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރިހި މެޑަލް ގެނައި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން މުހައްމަދު ކަލީމާއި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އަލީ އުމަރެވެ.

އެގްޒެކެޓިވް ކޮމިޓީ އަށް އިންތިހާބުވީ ނޯމަލައިޒޭޝަން ކޮމިޓީގެ ނައިބު އަހުމަދު ޝަކީބާއި މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި ނިއު ރޭޑިއަންޓްގެ ކުރީގެ ބޯޑު މެންބަރު އަހުމަޒު ޒަރީރާއި ޓީސީ ސްޕޯޓްސް ކްލަބްގެ މެނޭޖަރު އަހުމަދު އީސަ އާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ކްލަބް އީގަލްސްގެ ޗެއާމަން އަހުމަދު ޝިޔާމް އަދި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އަސްއަދު އަބްދުލް ގަނީ އެވެ.

މިއަދު އިންތިހާބު ކުރެވުނު އެފްއޭމްގެ ރައީސް އަހުމަދު ތޯރިގާއި އެކްސްކޯ މެންބަރުން.-- ފޮޓޯ:ނިޝާން އަލީ/މިހާރު

މިއަދު އިންތިހާބު ކުރެވުނު އެފްއޭމްގެ ރައީސް އަހުމަދު ތޯރިގާއި އެކްސްކޯ މެންބަރުން.-- ފޮޓޯ:ނިޝާން އަލީ/މިހާރު

“އަޅުގަނޑުގެ ޓީމުގައި މި ތިއްބެވީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ބޮޑެތި ކާމިޔާބު ހޯދެއްވި ކެޕްޓަނުން. 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ގެނައި ކެޕްޓަން ކަލީމާއި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށި ގެނައި ކެޕްޓަން އަސްއަދުގެ އިތުރުން ގައުމީ ޓީމުގެ ފޯވާޑް އަލީ އުމަރު އެބަހުރި. މި ޓީމުގައި މި ތިބީ ފުޓްބޯޅަޔާ ގުޅި ލާމެހިފައިވާ ބޭފުޅުން. ފުޓްބޯޅަ އަށް ކުރިއެރުންތައް ގެނެވޭނެ ބޭފުޅުން،” ޓޮމް ވިދާޅުވި އެވެ.

މާސްޓަ ޕެލޭނަކާ އެކު ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުން

ރާއްޖޭގެ ފުޓްބޯޅަ އަށް ފާއިތުވި އަހަރުތަކުގައި ގިނަގުނަ ކަންތައްތަކެއް ދިމާވެއްޖެ ކަމަށާއި މިއީ އެއް ދުވަހުން ދެ ދުވަހުން ރަނގަޅު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ޓޮމް ވިދާޅުވި އެވެ.

"ފުޓްބޯޅަ ދެކެ އަދިވެސް ސަޕޯޓަރުން ލޯބިވޭ. އެއީ އަދިވެސް ރާއްޖޭގެ އެއް ވަނަ ކުޅިވަރު. އެކަމަކު ދިމާވެގެން މި އުޅެނީ ސަޕޯޓަރުން ބޭނުންވާ ގޮތަށް މިކަން ނުކުރެވުމުގެ މައްސަލަ. އެފްއޭއެމް ހިންގުމަށް އައި ފަރާތްތަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރި." ޓޮމް ވިދާޅުވި އެވެ.

އެކަމަކު ނަތީޖާއެއް ނުކުތުމުގައި ދަތިތަކެއް ދިމާވި. އަޅުގަނޑުގެ ވިސްނުމަކީ ފުރަތަމަ އަހަރު ތެރޭގައި ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށް ފަހު ފުރަތަމަ އަހަރު ތެރޭ މާސްޓަ ޕްލޭނެއް އެކުލަވައިލުން. އެ ވެގެންދާނީ ކުރި އަށް އޮތް 10 ނޫނީ 20 އަހަރަށް ޓާގެޓްތަކެއް ކަނޑައަޅައި ފުޓްބޯޅަ އަށް ބޭނުންވާ ބަދަލު ގެންނަން ހެދޭ މާސްޓަ ޕްލޭނަކަށް. އެއީ މިކަން ކުރެވޭނެ ގޮތަކީ."

ކްލަބްތަކަށް ދޭ މާލީ އެހީ އަށް ހީނަރުކަމެއް ނާންނާނެ

ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަކީ މާ ބޮޑަށް ފުދުންތެރި ކްލަބްތަކެއް ނޫން ކަމަށާއި އެ ކްލަބްތަކަށް އެފްއޭއެމް މެދުވެރިކޮށް ދެމުން އައި މާލީ އެހީތެރިކަމާއި އެހެނިހެން އެހީތަކަށް ވެސް ބަދަލެއް ނާންނާނެ ކަމަށް ޓޮމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކްލަބްތައް، މި ދަންނަވަނީ ފުރަތަމަ ޑިވިޝަން ދެވަނަ އަދި ތިން ވަނައިގެ އިތުރުން އަތޮޅު ތަކުގެ ފުޓްބޯޅަ ކްލަބްކަށް ދެމުން އައި އެހީތެރިކަން އަޅުގަނޑުމެން ކުރި އަށް ވުރެ ރަނގަޅަށް ފޯރު ކޮށްދެވޭތޯ މަސައްކަތް ކުރާނަން. މީގެ އެންމެ މުހިއްމު ކަމަކީ ކްލަބްތައް ހިންގުން ވެސް ހަރުދަނާ ކުރުން. މާލީ އެހީ އާއި ޓެކްނިކަލީ ދޭން ޖެހޭ އެހީ ވެސް ފޯރު ކޮށްދޭނަން. ކްލަބްތަކުން ވެސް އެބަޖެހޭ އެފްއޭއެމަށް ވެސް ދޭން ޖެހޭ އެއްބާރުލުން ދީގެން އެންމެ ރަނގަޅަށް މި ކަންތައް ކުރަން،" ޓޮމް ވިދާޅުވި އެވެ.

މިއަދުގެ އިންތިހާބީ ކޮންގްރެސްގެ ތެރެއިން މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަދުގެ އިންތިހާބީ ކޮންގްރެސްގެ ތެރެއިން މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެފްއޭއެމުން މި އަހަރު އެއްވެސް ކްލަބަކަށް ލާރިއެއް ފޯރުކޮށްދެވިފައި ނުވަނީ ބަޖެޓެއް ފާސް ކުރެވިފައި ނުވާތީ ކަމަށާއި ވަރަށް އަވަހަށް އަލަށް އިންތިހާބުވި އެކްސްކޯގެ ބައްދަލުވުންތަކަށް ފަހު ބަޖެޓެއް ފާސްކުރެވި ކުރިއެކޭ އެއްގޮތަށް ކްލަބްތަކަށް ފޯރުކޮށްދޭންޖެހޭ ކަންތައްތައް ފުރިހަމަ ކޮށްދޭނެ ކަމަށް ޓޮމް ވިދާޅުވި އެވެ.

އަތޮޅުތަކުގެ ފުޓްބޯޅަ ކުރިއަރުވަން އިސްކަންދޭނަން

ރާއްޖޭގެ ފުޓްބޯޅަ އަށް އެންމެ ބޮޑު ފޯރިއެއް މިހާރު އޮތީ އަތޮޅުތަކުގެ ފުޓްބޯޅަ އަށް ކަމަށާއި ރަށްރަށުގައި ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޓޮމް ވިދާޅުވި އެވެ.

"އަތޮޅުތަކުގެ ފުޓްބޯޅައިގައި ފޯރި މިއޮތީ. މިދިޔަ އަހަރުގެ މިނިވަން 50 ޗެމްޕިއަންޝިޕުން އެކަން ފެނިގެން ހިނގައްޖެ. އަޅުގަނޑު ބޭނުމީ އެ މުބާރާތް ވެސް އެންމެ ފައިދާ ހުރި ގޮތަކަށް ކުރި އަށް ގެންދާން. އެކަމަށްޓަކައި ހަދަން ޖެހޭ އެސެސްމަންޓްތައް ހަދައި. އެ މުބާރާތް މިހާރަށް ވުރެ ރަނގަޅު ކުރާނަން،” ޓޮމް ވިދާޅުވި އެވެ.

އެފްއޭއެމުން އެންމެ ފަހުން ފާސްކުރެވުނު އަސާސީ ގަވައިދުގައި ނުހިމެނި ނަމަވެސް ކުރި އަށް އޮތް ތަނުގައި ކޮންމެ އަތޮޅަކުން މަންދޫބެއް އެފްއޭއެމް ކޮންގްރެސްގައި ބައިވެރިވެވޭ ގޮތަށް އަސާސީ ގަވައިދަށް ބަދަލު ގެންނަވާނެ ކަމަށް ޓޮމް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ސިޔާސީ އަށް ވުރެ ފުޓްބޯޅައިގެ މީހެއް. ގިނަ މީހުންނަށް އަޅުގަނޑު އެގޭނީ ވެސް ފުޓްބޯޅައިގެ މީހެއްގެ ގޮތުގައި" - ޓޮމް

އުމުރުން 17 އަހަރުގައި ފުޓްބޯޅައިގެ ތެރެއިން ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި ޓޮމް އަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރެވެ. ޓޮމް ވިދާޅުވީ ސީޔާސީ ކަންތައްތަކަށް ވުރެ ބޮޑަށް ގިނަ ބަޔަކަށް އޭނާ ފާހަގަ ކުރެވިފައިވަނީ ފުޓްބޯޅައިގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑަކީ ފުޓްބޯޅައިގެ ތެރޭގައި 17 އަހަރުން ފެށިގެން އުޅެމުން އަންނަ މީހެއް. އަޅުގަނޑުގެ ސިޔާސީ ހަޔާތަށް އަދި މިވީ ގާތްގަނޑަކަށް ދެ އަހަރު. ކޮންމެ ގޮތެއް ވިޔަސް ހަޔާތުގެ ބޮޑު ބައި ފުޓްބޯޅައިގައި މި އުޅެވުނީ. އިރާދަ ކުރެއްވިއްޔާ ސިޔާސީ ނުފޫޒެއް އެފްއޭއެމް ތެރެ އަށް ވަންނަން ޖާގައެއް ނުދޭނަން،" ޓޮމް ވިދާޅުވި އެވެ.

ޓޮމް ވިދާޅުވީ އޭއެފްސީ އާއި ފީފާގެ އެކްސްކޯގައި ވެސް އެކި ގައުމުތަކުގެ އެފްއޭގެ މަގާމުތަކުގައި ތިބޭ މެންބަރުން ތިއްބަވާ ކަމަށާއި އެހެން ކަމުން އެފްއޭއެމްގެ އެކްސްކޯގައި ކްލަބްތަކުގެ މަގާމުތަކުގައި ތިބި މެންބަރުން ތިބުމަކުން އެއީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

މިއަދު ބޭއްވި އިންތިހާބީ ކޮންގްރެސް އަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ބޭއްވި އިންތިހާބީ ކޮންގްރެސް އަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތުގައި ފުޓްބޯޅަ އާއިލާގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓޮމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނުނު ފެނުމުގައި މިއީ 2008 ވަނަ އަހަރު އެފްއޭއެމްގެ އިންތިހާބު ފެށި ފަހުން އެފްއޭއެމްގެ އިންތިހާބެއް މިހާ ސުލްހަވެރިކޮށް ކުރިއަށް ދިޔަ ފަހަރު. އަޅުގަނޑަށް ކްލަބްތަކުން ތި ކުރައްވާ އިތުބާރާ އެއް ގޮތަށް ދިވެހި ފުޓްބޯޅައިގެ މިސްރާބު ބަދަލުކޮށްލަން އެހީތެރިވެދެއްވައިފި ނަމަ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ޓޮމް ވިދާޅުވި އެވެ.

އޭޝިއަން ކަޕް ކޮލިފައިން ޕްލޭ އޮފް ރައުންޑުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ޔަމަނާ ދެކޮޅަށް ކުޅޭ މެޗަކީ ދިވެހި ފުޓްބޯޅަ އަށް ރަނގަޅު ފެށުމަކަށް ހަދަން ބޭނުންވާ ކަމަށް ޓޮމް ވިދާޅުވި އެވެ.