Roadha Mihaaru
ލަންކާގައި ތިބި އާއިލާތަކަށް 8.9 ޓަނުގެ ކާގޯ

ކޮވިޑް-19: ލަންކާގައި ތިބި ދިވެހި އާއިލާތަކަށް ފޮނުވަން 8.9 ޓަނުގެ ތަކެތި

05 އެޕްރީލް 2020

ސްރީ ލަންކާގައި ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ވަކި މުއްދަތެއް ނެތި ބައެއް ސަރަހައްދުތަކުގައި ކާފިއު އިއުލާން ކޮށްފައި ވާތީ، އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ފޮނުވަން 8.9 ޓަނުގެ ތަކެތި އެ އެއާލައިނާ ހަވާލު ކޮށްފައިވާ ކަމަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނީ މުދާ ހިފައިގެން ކޮލޮމްބޯ އަށް ކުރާ ފުރަތަމަ ދަތުރުގައި 12.8 ޓަނުގެ ކާގޯ ތައްޔާރަށް ހުރި އިރު، އޭގެ ތެރެއިން 8.9 ޓަނަކީ، އެ ގައުމުގައި ތިބި ދިވެހި އާއިލާތަކަށް ތަކެތި ފޮނުވަން ހުޅުވައިލި ފުރުސަތުގައި ލިބުނު ތަކެތި ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ ކޮންމެ އާދިއްތަ ދުވަހަކު ބާއްވާ މޯލްޑިއަންގެ ކާގޯ ދަތުރުގައި، ލަންކާގައި ތިބި ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ތަކެތި ފޮނުވޭ ގޮތަށެވެ. އެ ގައުމުގަިއ ދިރިއުޅޭ ދިވެހި ކޮންމެ އާއިލާއަކަށް 15 ކިލޯގެ ތަކެތި ހިލޭ ގެންގޮސްދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ފުރަތަމަ ދަތުރުގައި ތަކެތި ފޮނުވުމަށް ދިގު ކިއުއެއް އިއްޔެ ހެދި އެވެ.

ކާގޯގެ ގޮތުގައި ފޮނުވޭ ތަކެތި:

- ލަންކާ އިން ލިބެން ނެތް ބޭސް (ޕްރިސްކްރިޕްޝަން ސިޓީ އޮންނަން ޖެހޭ.) - މަސް ދަޅު ކޭސް

- ނޫޑްލްސް

- ރަނގަޅަށް ބަންދުކޮށްފައި ހުންނަ ރިހާކުރު ފުޅި

- މަސް ފެކެޓު، ފަތް ޕެކެޓު

ލަންކާގައި 15،000 އެއްހާ ދިވެހިން އުޅެ އެވެ. އެ ގައުމުގަިއ މިހާރު އިއުލާން ކޮށްފައިވާ ކާފިއުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދިވެހިންނަށް ވެސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ލަންކާ އަށް ފޮނުވާ ތަކެއްޗާ ދިވެހި އެމްބަސީން ހަވާލުވެ، އާއިލާތަކަށް އެ ތަކެތި ފޯރުކޮށްދޭނީ އެ ތަނުންނެވެ. އެހީގެ ތަކެތި ފޮނުވާއިރު ލިބެންވާ ފަރާތުގެ ވެސް މައުލޫމާތު ތަފްސީލްކޮށް ލިޔުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ.