Roadha Mihaaru
ރާއްޖޭން ނުލިބޭ ބޭސް އެސްޓީއޯ އިން ގެނެސްދެނީ

ރާއްޖޭން ބޭރުން ގެންނަންޖެހޭ ބޭސް އެސްޓީއޯ ހެންވޭރު ފާމަސީން ގެނެސްދޭނެ

03 އެޕްރީލް 2020

ދިގުމުއްދަތަށް ބޭސްކުރާ މީހުންގެ ތެރެއިން ރާއްޖޭން ބޭރުން ބޭސް ގެންނަން ޖެހޭ މީހުންނަށް މިހާލަތުގައި އެސްޓީއޯ އިން އެކަން ކޮށްދޭ ގޮތް ހަމަޖައްސައިދީފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ދިގުމުއްދަތަށް ބޭސްކުރާ މީހުންގެ ތެރެއިން ރާއްޖޭން ބޭރުން ބޭސް ގެންނަން ޖެހޭ މީހުންނަށް މިހާލަތުގައި އެސްޓީއޯ އިން އެކަން ކޮށްދޭ ގޮތް ހަމަޖައްސައިދީފި އެވެ.

ކޮވިޑް-19އާ ބެހޭ ގޮތުން މައުލޫމާތު ދޭން ދަރުބާރުގޭގައި ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭން ބޭރުން ބޭސް ގެންނަން ޖެހޭ މީހުންނަށް މި ވަގުތު ދަތިކަން ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ދަތުރުފަތުރު ވަނީ ހުއްޓިފަ އެވެ.

ބޭސް ނުލިބުމުގެ މައްސަލަ އަށް ހައްލު ހޯދުމަށް އެސްޓީއޯ އިން ބޭސް ގެނައުމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ބޭސް ހޯދަން ބޭނުން ނަމަ، މީގެ ކުރިން ޑޮކްޓަރު ދީފައިވާ ބޭސް ސިޓީ ހިފައިގެން، މަޖީދީމަގުގައި ހުންނަ އެސްޓީއޯގެ ހެންވޭރު ފާމަސީ އަށް ދިއުމުން އެކަން ހަމަޖެހޭނެ ކަމަށާއި އެސްޓީއޯ މެދުވެރިކޮށް އެ ބޭހެއް ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެ ބޭހަކީ އާސަންދަ ނުވަތަ އެންސްޕާގެ ދަށުން ލިބޭ ބޭހެއް ނަމަ އެސްޓީއޯ އިން ދޭ ކޯޓޭޝަން ހިފައިގެން އެތަނަށް ގޮސް ފައިސާ ހަމަޖެއްްސުމުން އެ ބޭސް ގެނެވޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ.

ދިގު މުއްދަތަށް ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް މި ދުވަސްވަރު ޑޮކްޓަރަށް ދައްކައި ބޭސް ސިޓީ އާކުރުމަށް ފަސޭހަކޮށްދޭން އައިޖީއެމްއެޗުން ވެސް ވަނީ އިންތިޒާމުތަކެއް ހަމަޖައްސައިފަ އެވެ.