Roadha Mihaaru
މަގުތައް ޕެޓްރޯލް ކުރަން މިއަދު ނުކުންނެވީ ސީޕީ ހަމީދު

ކޮވިޑް-19: މަގުތައް ޕެޓްރޯލް ކުރަން މިއަދު ނުކުންނެވީ ސީޕީ ހަމީދު

02 އެޕްރީލް 2020

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މިއަދު ފުރަތަމަ ފަހަރަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކާފިއު ހިންގި އިރު، އެ ވަގުތުގައި މާލެތެރެ ބެލެހެއްޓުމަށް، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ނުކުމެވަޑައިގެން އަމަލީ ގޮތުން ޑިއުޓީ އަދާކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މިއަދު ފުރަތަމަ ފަހަރަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކާފިއު ހިންގި އިރު، އެ ވަގުތުގައި މާލެތެރެ ބެލެހެއްޓުމަށް، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ނުކުމެވަޑައިގެން އަމަލީ ގޮތުން ޑިއުޓީ އަދާކުރައްވައިފި އެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މިއަދު ހަވީރު 5-8 އަށް ކާފިއު ހިންގާފައިވާއިރު، އެ ވަގުތުގައި ބޭރުގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން، މަގުތަކުގައި އުޅޭ މީހުންނަށް ފުރަތަމަ ނަސޭހަތްދީ، އަދި 1،000ރ. އިން ޖޫރިމަނާ ކުރަން ވަނީ ނިންމައިފަ އެވެ.

ހަވީރު ފަހެއް ޖެހިއިރު ކާފިއު ހިންގަން ފެށުމާ އެކު، މަގުތައް ޕެޓްރޯލް ކުރުމަށް ސީޕީ ހަމީދު ނުކުމެވަޑައިގަތީ ބައެއް ޖޫނިއާ ފުލުހުންނާ އެކުގަ އެވެ އަދި އެ ވަގުތު ބޭރުގައި އުޅުނު މީހުންނާ ސުވާލު ކުރައްވައި، ކާފިއު ހިންގާފައިވާ ގަޑީގައި ބޭރަށް ނުނިކުތުމަށް ސީޕީ ހަމިދު އިރުޝާދު ދެއްވި އެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކާފިއު ކުރިއަށް ގެންދިޔައިރު، މަގުތަކަށް މީހުން ނުކުތުމުގެ ބަދަލުގައި ފުލުހުންގެ އަމުރަށް ކިޔަމަންވިކަން ފާހަގަ ކުރެވުނެވެ. އަދި މާލެތެރެ ބެލެހެއްޓުމުގައި އެކި ރޭންކްތަކުގެ ފުލުހުން ހުރިހާ ސަރަހައްދެއްގައި ކަހަލަ ގޮތަކަށް ހަރަކާތްތެރިވެ އެވެ.

އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން މި ކާފިއު ކުރިއަށް ގެންދާނެ އެވެ.

ރާއްޖޭން ވެސް މިހާތަނަށް 18 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، މި ވައިރަސް ފެތުރުން ކޮންޓްރޯލްކުރަން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް، ބޭރުގައި މީހުން އުޅުން މަދުކުރުމާއި ރާއްޖޭން ބޭރުން އަންނަ މީހުން މަދުކޮށް ކަރަންޓީނުކުރުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެގޮތުން މާލޭގެ ސަރަހައްދުގައި މިއަދުން ފެށިގެން ވަކި ވަގުތެއްގައި ބޭރަށް ނުކުތުން މަނާކޮށް، އެ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުމާއި ބަހާއި ފެރީ ވެސް ހިމެނޭ ގޮތުން ޕަބްލިކް ޓްރާންސްޕޯޓް ވެސް ވަނީ ހުއްޓާލާފަ އެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ކޮރޯނާވައިރަސް ފެތުރޭ މައިގަނޑު އެއް ސަބަބަކީ ގިނަ ބަޔަކު އެއް ވަގުތެއްގައި ތަންތަނަށް އެއްވެ ގައިގޯޅިވުން ކަމަށް ވާތީ އެ ކަން ހުއްޓުވުމެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގާ ވަގުތު މަގުތަކުގައި މީހުން އުޅުމާއި އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށެވެ. އަދި އެހެން ވަގުތުތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ އިތުރަށް މަގުމަތީގައި އުޅޭ ނަމަ ނަސޭހަތްތެރިވާނެ ކަމަށާއި އެކަން ތަކުރާރުވާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ބުންޏެވެ.

އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްވާފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، ކަރަންޓީނުކޮށް ނުވަތަ އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ ނަމަ 5،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.