Roadha Mihaaru
އެފްލެކްގެ އާ ބައިވެރިއަކީ އެނާ

ބެން އެފްލެކްގެ އާ ބައިވެރިއަކީ އެނާ ޑި އާމަސް

01 އެޕްރީލް 2020

ބަތަލާ ޖެނިފާ ގާނާއާ ކައިވެނިކޮށްގެން ތިން ދަރިން ވެސް ލިބިފައި ވަނިކޮށް ކައިވެނި ރޫޅިފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބެން އެފްލެކްގެ ހަޔާތަށް އަނެއްކާ ވެސް އާ ބައިވެރިއަކު އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ޖެނިފާ ގާނާއާ ކައިވެނިކޮށްގެން ތިން ދަރިން ވެސް ލިބިފައި ވަނިކޮށް ކައިވެނި ރޫޅިފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބެން އެފްލެކްގެ ހަޔާތަށް އަނެއްކާ ވެސް އާ ބައިވެރިއަކު އަތުވެއްޖެ އެވެ.

އެކި ދުވަސްވަރު އެކި މީހުންނާ އެކު ސީރިއަސް ލޯބީގެ ގުޅުންތަކެއް ބޭއްވި 47 އަހަރުގެ އެކްޓަރުގެ މިހާރުގެ ބައިވެރިޔަކީ ދާދި ފަހުން ރިލީޒްކުރި ކާމިޔާބު ފިލްމު "ނައިވްސް އައުޓް" ގެ ބަތަލާ އެނާ ޑި އާމިސް، 31، އެވެ. އޭނާ އަކީ ވެސް ކުރީގެ ކައިވެނި ރޫޅިފައިވާ ބަތަލާއެކެވެ. އެނާ އާއި ސްޕެއިންގެ އެކްޓަރު މާކް ކްލޮޓެޓް 2011 ގައި ކުރި ކައިވެނި ރޫޅިފައި ވަނީ 2013 ގަ އެވެ.

މީޑިއާތަކުން ބުނީ އެފްލެކާއި އެނާގެ ގުޅުން މިހާރު ވަރަށް ސީރިއަސް ކަމަށާއި އެ ދެ މީހުން ގުޅިގެން އުޅޭތާ މިހާރު ދުވަސްކޮޅެއްޖެ އެވެ. މި ހަފުތާގެ ކުރީކޮޅު ބައެއް މީޑިއާތަކުން ވަނީ އެ ދެ މީހުން ވަރަށް ގައިގޯޅިކޮށް ކެލިފޯނިއާގެ މަގެއްމަތީގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ފޮޓޯތަކުގައި ވަރަށް ގައިގޯޅިކޮށް ފެނެ އެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެފްލެކާއި އަނާގެ ގުޅުން ސީރިއަސްވީ ދެ މީހުން އެކީގައި ކުޅެމުން އަންނަ ފިލްމު "ޑީޕް ވޯޓާ" ގެ ސެޓުންނެވެ. މި ސައިކޮލޮޖިކަލް ތުރިލާ ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ނޮވެމްބަރު މަހުގެ 13 ގަ އެވެ.

އެފްލެކް ލޯބީގެ ގޮތުން ގުޅުނު ތަރިންގެ ތެރެއިން އެންމެ މަޝްހޫރު އެކަކީ ލަވަކިޔުންތެރިޔާ/ބަތަލާ ޖެނިފާ ލޮޕޭޒެވެ.

ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އެފްލެކް ވަނީ އޭނާގެ ހަޔާތުގައި މިހާތަނަށް ހެދުނު އެންމެ ބޮޑު ގޯހަކީ ކުދިންގެ މަންމަ ގާނާއާ ވަކިވުން ކަމަށާއި އެކަމާ އަބަދު ވެސް ހިމާތަކުރާނެ ކަމަށް ބުނެފަ އެވެ.