Roadha Mihaaru
ނަފްސާނީ ބަލީގެ ބޭސް ސިޓީތައް ފޯނުން އާކޮށްދެނީ

އައިޖީއެމްއެޗުން ނަފްސާނީ ބަލީގެ ބޭސް ސިޓީތައް ފޯނުން އާކޮށްދެނީ

30 މާޗް 2020

ނަފްސާނީ ބައްޔަށް އައިޖީއެމްއެޗްގައި ހާއްސަކޮށްފައިވާ ސެންޓަ ފޮ މެންޓަލް ހެލްތު (ސީއެމްއެޗް) ކްލިނިކުން ދޫކުރަމުން އައި ބޭސް ސިޓީތައް، ފޯނު ކޯލް މެދުވެރިކޮށް އާ ކުރުމުގެ ހިދުމަތް އެ ހޮސްޕިޓަލުން މިއަދު ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ނަފްސާނީ ބައްޔަށް އައިޖީއެމްއެޗްގައި ހާއްސަކޮށްފައިވާ ސެންޓަ ފޮ މެންޓަލް ހެލްތު (ސީއެމްއެޗް) ކްލިނިކުން ދޫކުރަމުން އައި ބޭސް ސިޓީތައް، ފޯނު ކޯލް މެދުވެރިކޮށް އާ ކުރުމުގެ ހިދުމަތް އެ ހޮސްޕިޓަލުން މިއަދު ފަށައިފި އެވެ.

މިއީ މި ދުވަސްވަރު ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގައި މީހުން އެއްވެ އުޅުން މަދުކުރުމާއި ހޮސްޕިޓަލްތަކަށް މީހުން ދިއުން މަދުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެތަނުން ބުންޏެވެ.

އައިޖީއެމްއެޗް އިން މިއަދު ކުރި ޓްވީޓެއް

އައިޖީއެމްއެޗުން ބުނީ، ސީއެމްއެޗްގެ ޑޮކްޓަރަކަށް މީގެ ކުރިން ދައްކާފައިވާ ޕޭޝަންޓުންނަށް ފޯން ކޯލް މެދުވެރިކޮށް، އައިޑީކާޑު ނަންބަރު ދިނުމުން ބޭސް ސިޓީ އާކުރެވޭނެ ކަމަށެވެ. އެތަނުން ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 2:00 އާ ދެމެދު 3335245 އަށް ގުޅުމުން، މި ހިދުމަތް ލިބޭނެ ކަމަށެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ކޮރޯނާވައިރަސް ރާއްޖެއިން ފެނުމުން، ރާއްޖޭގައި ވަނީސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް ވަރަށް ގިނަ ކަންކަން ކޮންޓްރޯލްކޮށްފަ އެެވެ.

ކޮރޯނާވައިރަހަށް ރާއްޖޭން 17 މީހަކު ޕޮޒިޓިވްވެފައި ވާއިރު، 13 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔަށް އަދިވެސް ޕޮޒިޓިވްވެފައިވާ ހަތަރު މީހުންގެ ތެރެއިން ރާއްޖޭގައި ފަރުވާދެމުން އަންނަނީ، އިނގިރޭސި ވިލާތުން ރާއްޖެއަށް އައި ދެ ދިވެއްސަކަށެވެ. އަނެއް ދެ މީހުން ވަނީ ޓެސްޓުގެ ނަތީޖާ ލިބުނުމުގެ ކުރިން ރާއްޖޭން ފުރައިފަ އެވެ.