Roadha Mihaaru
ނަފްސާނީ ބައްޔަށް އައިޖީއެމްއެޗްގައި ހާއްސަ ވޯޑެއް

ނަފްސާނީ ބަލީގެ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ވޯޑެއް

29 ޖޫން 2022

ނަފްސާނީ ބަލީގެ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ހާއްސަ ވޯޑެއް އައިޖީއެމްއެޗްގައި އިއްޔެ ހުޅުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަފްސާނީ ބަލީގެ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ހާއްސަ ވޯޑެއް އައިޖީއެމްއެޗްގައި އިއްޔެ ހުޅުވައިފި އެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ ނަފްސާނީ އެކި މައްސަލަތައް ހުންނަ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ނުވަ އެނދުގެ ވޯޑުގައި ޑީއެސްކްލޭޝަން ކޮޓަރިއަކާއި ބޭރަށް ނުކުމެވޭ ގޮތަށް ހަދާފައިވާ ޓެރަސްއެއް ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ބަލި މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތުކުރާ މެޝިންތަކެއް ވެސް އެ ވޯޑުގައި ބަހައްޓާފައިވާ ކަމަށް ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ބަލި މީހުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ އެ ހޮސްޕިޓަލުން އަބަދު ވެސް މަސައްކަތްކުރަމުން އަންނަ ކަމެއް ކަމަށެވެ.

ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ވޯޑެއް މީގެ ކުރިން ނެތް ނަމަވެސް އެ ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް އެޑްމިޓްކުރެ އެވެ.

ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހާއްސަ ވޯޑެއް ހުޅުވިއިރު، އެ ހޮސްޕިޓަލްގެ މެންޓަލް ހެލްތު ސެންޓަރުން ފަރުވާ ހޯދަން މިހާރު ވެސް ކިއުގައި އެތައް ބަޔަކު އެބަތިއްބެވެ. އެހެންވެ، އެ ކިއު ކުޑަކުރުމަށް އިތުރު ބަޔަކާ ގުޅިގެން ޖޮއިންޓް ވެންޗާއެއް ހެދުމަށް މަޝްވަރާކުރުމަށް އަންނަ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗްގައި މާޗު 2019 ގައި ހުޅުވި ސެންޓަރުގައި މިދިޔަ މާޗު މަހާ ހަމައަށް ވެއިޓްލިސްޓުގައި 3،276 މީހުން ތިއްބެވެ.

އެ ސެންޓަރުގައި މިހާރު މަސައްކަތް ކުރަނީ ފަސް ސައިކޭޓްރިސްޓުންނާއި ހަ މެޑިކަލް އޮފިސަރުންނާއި ފަސް ސައިކޮލޮޖިސްޓުން އަދި ސޯޝަލް ދެ ވޯކަރުންނެވެ.