Roadha Mihaaru
ޝައްކުވާ މީހަކަށް ފަރުވާދިން މީހުން އެކަހެރިވެއްޖެ

ކޮވިޑް-19: އައްޑޫގައި ޝައްކުވާ މީހަކަށް ފަރުވާ ދިން ޑޮކްޓަރަކާއި ދެ ނަރުހަކު އެކަހެރިވެއްޖެ

29 މާޗް 2020

ކޮރޯނާވައިރަސް ހުންނަ މީހުންގެ ކިބައިން ފެންނަ ބައެއް އަލާމަތްތައް ހުރި މީހަކަށް ފަރުވާ ދިން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ދެ ނަރުހެއް އަމިއްލަ އަށް އެކަހެރިވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮރޯނާވައިރަސް ހުންނަ މީހުންގެ ކިބައިން ފެންނަ ބައެއް އަލާމަތްތައް ހުރި މީހަކަށް ފަރުވާ ދިން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ދެ ނަރުހެއް އަމިއްލަ އަށް އެކަހެރިވެއްޖެ އެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "މިހާރު" އަށް ވިދާޅުވީ ވަރަށް ބޮޑަށް ހުން އައިސް ރޯގާ ޖެހިފައި ހުރި މީހަކު ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ދިޔަ ކަމަށާއި އެއީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއްކަން ކުރިން އެނގިފައި ނުވާތީ ފަރުވާ ދިނީ އާންމު މީހަކަށް ފަރުވާ ދޭ އުސޫލުން ކަމަށެވެ.

އޭނާ އަކީ މި މަހުގެ 15 ވަނަ ދުވަހު ކޮޗިން އިން ރާއްޖެ އައި މީހެއްކަން އެނގުނީ ފަރުވާ ދީ ނިމުނު ފަހުން ކަމަށާއި އެކަން އެނގުނު ހިސާބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓުކޮށްފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ލޯ ރިސްކް ކޭސްއަކަށް ވާތީ ޓެސްޓު ވެސް ނުކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ނަމަވެސް މިއީ ކަންބޮޑުވުން އިންތިހާ އަށް އޮތް ކޭސްއެއް ކަމަށާއި މިހާރު އެ މީހާ ހޮސްޕިޓަލުގައި އެކަހެރިކޮށް ބަހައްޓައިގެން ހުމަށާއި ރޯގާ އަށް ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ ޑޮކްޓަރު އަމިއްލަ އަށް ގޭގައި އެކަހެރިވެފައިވާ ކަމަށާއި ދެ ނަރުހުން ވެސް އެކަހެރިވެފައިވާ ކަމަށެވެ.

ރާއްޖޭން ބޭރުން އަންނަ އެންމެން ކަރަންޓީނުކުރަން ސަރުކާރުން ފެށީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. މާލެ އާއި އަތޮޅުތެރޭގައި އައްޑޫގައި ވެސް ފްލޫ ކްލިނިކްތައް ގާއިމްކޮށްފައިވާއިރު އެއްވެސް ކަހަލަ ރޯގާއެއް ނުވަތަ ހުމެއްގެ އަސަރެއް ހުރި ނަމަ ހޮސްޕިޓަލަށް ނުގޮސް އެ ކްލިނިކްތަކަށް ދާން ސަރުކާރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މުޅި ދުނިޔެ އިން 700،000 އާ ގާތްވެފައި ވާއިރު ރާއްޖޭން 17 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ދެ ދިވެއްސަކު ވެސް ހިމެނެ އެވެ.