Roadha Mihaaru
މުވައްޒަފުން ވަކިކުރާތީ ގޯޑަން ރަމްޒީ އަށް ފާޑުކިޔުން

މުވައްޒަފުން ވަކިކުރާތީ ގޯޑަން ރަމްޒީ އަށް ފާޑުކިޔުންތަކެއް

27 މާޗް 2020

ކޮރޯނާވައިރަހާ ހެދި ރެސްޓޯރަންޓްތަކެއް ބަންދުކުރަން ޖެހުމުން، އެމެރިކާ އަށް އުފަން އިނގިރޭސި މަޝްހޫރު ޝެފް ގޯޑަން ރަމްޒީ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލިދާނެކަމުގެ އިންޒާރު ދިނުމުން އެތައް ބައެއްގެ ފާޑުކިޔުންތަކެއް އަމާވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ހެދި ރެސްޓޯރަންޓްތަކެއް ބަންދުކުރަން ޖެހުމުން، އެމެރިކާ އަށް އުފަން އިނގިރޭސި މަޝްހޫރު ޝެފް ގޯޑަން ރަމްޒީ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލިދާނެކަމުގެ އިންޒާރު ދިނުމުން އެތައް ބައެއްގެ ފާޑުކިޔުންތަކެއް އަމާވެއްޖެ އެވެ.

މަޝްހޫރު ކައްކާ ޝޯތައް ކަމަށްވާ "މާސްޓަ ޝެފް" އާއި "ހެލްސް ކިޗެން" ގެ އިތުރުން "ކިޗެންސް ނައިޓްމެއާ" ފަދަ ޝޯތައް ހޯސްޓްކޮށްފައިވާ ގޯޑަންގެ ހުރިހާ ރެސްޓޯރަންޓްތަކެއްހެން ބަންދުކުރަން ޖެހުމުން 500 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމަށް ބުނެފައިވެ އެވެ. މީޑިއާތަކުން ބުނީ އޭނާ އީމެއިލުން މުވައްޒަފުންނަށް ފޮނުވި ނޯޓިހުގައި ބުނެފައި ވަނީ އަންނަ މަހުގެ 17 އާ ހަމައަށް މުވައްފުންނަށް މުސާރަ ދޭނެ ކަމަށާއި ނަމަވެސް އަލުން ރެސްޓޯރަންޓްތައް ހުޅުވާ އިރު، އެ މީހުންގެ ވަޒީފާ ކަށަވަރުކޮށް ނުދެވޭނެ ކަމަށެވެ.

ވަޒީފާ ގެއްލިދާނެ ކަމުގެ އިންޒާރު ލިބުނު މުވައްޒަފުންގެ ތެރޭގައި ކައްކާއިންނާއި ވެއިޓަރުންނާއި ރެސްޓޯރަންޓްގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުން ވެސް ހިމެނެ އެވެ. މިކަމާ ގުޅިގެން ގޯޑަން އަށް ފާޑުކިޔައި ވަރަށް ގިނަ މުވައްޒަފުން ވެސް އޭނާއާ ދެކޮޅަށް ވާހަކަ ދައްކާފައިވެ އެވެ.

ގޯޑަންގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއްވި އަންހެން ކައްކާއެއް ކަމަށްވާ އަންޝާ ޓޫޕަކް މެއިލް އޮންލައިނަށް ބުނީ އެ މީހުން އެންމެ ބޮޑަށް އެހީ އަށް ޖެހުނު ވަގުތު ގޯޑަން އެ މީހުން ދޫކޮށްލުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

"އަހަރެމެން އެންމެންނަކީ ވެސް ވަރަށް ބުރަކޮށް އޭނާގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރި ބައެއް. އެކަމަކު މިފަދަ ހާލަތެއްގައި އަހަރެމެން ދޫކޮށްލަން ނިންމުމަކީ އަހަރެމެންނާއި އަހަރެމެންގެ އާއިލާތަކަށް ދިން ވަރަށް ބޮޑު އަނިޔާއެއް. އަދި މިއީ އިންސާނިއްޔަތު ކަމެއް ނެތް ކަމުގެ މިސާލެއް." ގޯޑަންގެ ބްރެޑް ސްޓްރީޓް ކިޗެންގެ އައުޓްލެޓެއްގައި މަސައްކަތްކުރަމުން ދިޔަ އަންޝާ ބުންޏެވެ. "ކުއްލިއަކަށް މިފަދަ ފިޔަވަޅެއް އަޅަން ނިންމީމަ އަހަރެމެން މިތިބީ ހަދާނެ ގޮތް ހުސްވެ، ފެންކަޅިވެފައި."

ބައެއް މުވައްޒަފުން ބުނިގޮތުގައި ވަޒީފާ ގެއްލިދާނެކަމުގެ އިންޒާރު ގޯޑަން އެންމެ ފުރަތަމަ ހިއްސާކުރީ ލަންޑަންގައި ހިންގާ ހެޑޮން ސްޓްރީޓް ކިޗެންގައި މަސައްކަތްކުރާ މުވައްޒަފުންނާ އެވެ. އޭގެ ފަހުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ ރެސްޓޯރަންޓަކުގެ މުވައްޒަފުންނަށް އެކަން އެންގީ މެއިލުންނެވެ. އަދި ކޮރޯނާވައިރަހާ ގުޅިގެން ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުނު ވާހަކަ ގޯޑަން އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައޮވެ އެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޝެފުންގެ ތެރޭގައި ހިމެނޭ ގޯޑަން 35 ރެސްޓޯރަންޓެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަ އެވެ. އޭގެ ތެރޭގައި އުފަން ގައުމު އިނގިރޭސިވިލާތާއި އިޓަލީ އާއި އަޔަލޭންޑާއި ފްރާންސާއި އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިއާ އާއި ޔޫއޭއީ އާއި ހޮންކޮންގާއި ދެކުނު އެފްރިކާ އާއި ޖަޕާނާއި ސިންގަޕޫރް ހިމެނެ އެވެ.

ފަސް ކުދިންގެ ބައްޕަ އަދި މިހާރު އުމުރުން 53 އަހަރުގެ ގޯޑަންގެ މިލްކިއްޔާތު 140 މިލިއަން ޑޮލަރަށް އަރަ އެވެ.