Roadha Mihaaru
ހަކުރާހުރާ ކޭހާ ގުޅިގެން ގިނަ ބަޔަކު އައިސޮލޭޓްކޮށްފި

ކޮވިޑް 19: ހަކުރާހުރާ ކޭހާ ގުޅިގެން ގިނަ ބަޔަކު އައިސޮލޭޓްކޮށްފި

23 މާޗް 2020

ކޮވިޑް-19 އަށް ޝައްކުކުރެވިގެން ސިނަމަން ހަކުރާހުރާ މޯލްޑިވްސް އިން އެކަހެރިކޮށްފައިވާ ބިދޭސީ މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި އެއާޕޯޓުގެ ގިނަ މުވައްޒަފުންތަކެއް އައިސޮލޭޓްކޮށްފި އެވެ.

ކޮވިޑް-19 އަށް ޝައްކުކުރެވިގެން ސިނަމަން ހަކުރާހުރާ މޯލްޑިވްސް އިން އެކަހެރިކޮށްފައިވާ ބިދޭސީ މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި އެއާޕޯޓުގެ ގިނަ މުވައްޒަފުންތަކެއް އައިސޮލޭޓްކޮށްފި އެވެ.

ނޭޝަނަލް އިމަޖެންސީ ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ހަކުރާހުރާ އިން ޝައްކުވި މީހާގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ. އެހެންނަމަވެސް އެ ކޭސްއާ ގުޅިގެން ގިނަ ބަޔަކަށް އައިސޮލޭޝަނަށް ދާން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ކަސްޓަމްސްގެ 17 މުވައްޒަފުންނާއި އެމްއޭސީއެލްގެ 41 މުވައްޒަފަކާއި އިމިގްރޭޝަންގެ އެކަކާއި ޓީއެމްއޭގެ ތިން މުވައްޒަފެއް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މީހާގެ ނަތީޖާ އަދި ލިބިފައިނުވި ނަމަވެސް މި އެންމެނަކީވެސް އެއާޕޯޓް މުވައްޒަފުން ކަމަށްވުމުން އެ މީހުންނަށް އައިސޮލޭޓްވާން އަންގާފައިވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާފައި ކަމަށެވެ.

މީގެ އިތުރަށް މި މަހު 20 ވަނަ ދުވަހު މާލެ އައި ދިވެއްސަކު ވަނީ އައިސޮލޭޓް ކޮށްފައިވާ ކަމަށާއި އެ މީހާއާ ބައްދަލުވި މީހުން ހޯދަން މާލޭގައި އިތުރު ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގައި މިހާރު ކަރަންޓީންގައި ޖުމްލަ 496 މީހުން ތިބި އިރު، 19 މީހުން ވަނީ އައިސޮލޭޓްކޮށްފަ އެވެ. މީގެ އިތުރަށް މޮނިޓަރިންގައި ވެސް ބައެއް ރިސޯޓުތައް އޮތް އިރު މާލޭގެ ދެ ގެއެއް ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ރާއްޖެ އިން މިހާތަނަށް މި ބައްޔަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު ފަސް މީހުން ވަނީ މުޅިން ރަނގަޅުވެފަ އެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދެތިން ހަފްތާއަކީ މިބަލި އެންމެ ޕީކްވާނެ ދުވަސްތައް ކަމަށް ބެލެވޭތީ އެންމެންވެސް ފަރުވާ ކުޑަ ނުކުރުމަށް ސަރުކާރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.