Roadha Mihaaru
ރާއްޖޭގައި ކޮވިޑަށް ކުރަނީ ޔަގީންކަން ބޮޑު ޓެސްޓެއް

ކޮވިޑް-19 އަށް ރާއްޖޭގައި ކުރަނީ ޔަގީންކަން ބޮޑު ޓެސްޓެއް!

23 މާޗް 2020

ކޮވިޑް-19 އަށް ޓެސްޓްކުރަން ރާއްޖޭން ބޭނުން ކުރަނީ ވަރަށް ޔަގީންކަން ބޮޑު މެތަޑެއް ކަމަށް އައިޖީއެމްއެޗުން ރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ޓެސްޓްކުރަން ރާއްޖޭން ބޭނުން ކުރަނީ ވަރަށް ޔަގީންކަން ބޮޑު މެތަޑެއް ކަމަށް އައިޖީއެމްއެޗުން ރޭ ބުނެފި އެވެ.

ކޮވިޑަށް ޓެސްޓްކުރުުގައި އައިޖީއެމްއެޗްގައި އިސްކޮށް އުޅުއްވާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް އާމިނަތު ނަޒްފާ، ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވިދާޅުވީ އެ ބައްޔަށް ޓެސްޓްކުރަން ނަގާ ސާމްޕަލްތަކުގައި ކިތަންމެ މަދު އަދަދަކަށް ވައިރަސް ހުރި ނަމަވެސް އައިޖީއެމްއެޗްގައި ޓެސްޓްކުރާ މެތަޑްގައި ބަލި ހުރިކަން ނުވަތަ ނޫންކަން ދެެނެގަނެވޭނެ ކަަމަށެވެ. އެ މެތަޑްގައި ފުރަތަމަ ކުރާ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ވައިރަސް ގިނަކޮށްލުމެވެ. ހުރީ ކޮރޯނާވައިރަސްކަން ދެނެގަންނަނީ އެއަށް ފަހުގަ އެވެ.

ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހުންގެ ގައިން ނަގާ ސާމްޕަލްތައް ޓެސްޓްކުރުމުގައި ފުރަތަމަ ބަލަނީ ފުޅާ ދާއިރާއެއްގައި ކޮރޯނާ ވައިރަސް ހުރިތޯ އެވެ. ކޮރޯނާ ވައިރަހަކީ އެތައް ބާވަތެއް ހިމެނޭ "ވައިރަހުގެ އާއިލާ" އެކެވެ. މީގެ ކުރިން އައި ސާސް އަދި މާސް އަކީ ވެސް އެ އާއިލާގެ ވައިރަސްތަކުން ޖެހޭ ބަލިތަކެވެ. ކޮވިޑް-19 ކަން ނުވަތަ ނޫންކަން ކަށަވަރުކުރަނީ އެއަށް ފަހުގަ އެވެ.

ނަޒްފާ ވިދާޅުވި ގޮތުގައި ޓެސްޓް ކުރުމަށް ޓަކައި ފުރަތަމަ ކުރާ ކަަމަކީ ސާމްޕަލް އިން އާރްއެންއޭ ނެގުމެވެ. އެއަށް ފަހު އެ އާރްއެންއޭ އާއި ރިއޭޖެންޓް އެެއްކޮށްފައި ލަނީ ތާމަލް ސައިކްލާއަކަށެވެ.

"ދެން އެ ތާމަލް ސައިކްލާއިން މިކުރާ ކަމަކީ އަސްލުގައި، އެއްވެސް ވަރަކަށް އާރްއެންއޭ ހުރި ނަމަ އޭތި މަލްޓިޕްލައި ކުރާނެ އެތައް ގުނައަކަށް. އެއީ އަސްލުގައި އެ ވިދާޅުވާ ސަބަބަކީ އެންމެ އާލީ ސްޓޭޖްގައި ވެސް މި ޑިޓެކްޓް ކުރެވޭނޭ މި މެތަޑްގައި،" ނަޒްފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސާމްްޕަލްގައި ކިތަންމެ މަދުން ވައިރަސް ހުއްޓަސް، ޓެސްޓް ކުރެވޭ މިންވަރަކަށް ވައިރަސް ގިނަކޮށްލަނީ އެ މަރުހަލާގައި ކަމަށެވެ.

"އެެހެންވީމާ ކިތަންމެ ލޯ ވައިރަލް ލޯޑެެއް ހުއްޓަސް ހަމަ ޑިޓެކްޓްކުރާނެ މި މެތަޑްގައި،" އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ޓެސްޓް ނެގެޓިވް ވުމުން ދެވަނަ ޓެސްޓެއް ހަދަނީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޒްފާ ވިދާޅުވީ ދެވަނައަށް ހަދަނީ "ކޮންފޮމޭޓަަރީ ޓެސްޓެއް" ކަމަށެވެ.

"ކޮންމެ ޕޭޝަންޓެއްގެ ވެސް އިންނާނެ އިންކިއުބޭޝަން ޕީރިއަޑެއް. ހަމަ ހަށިގަނޑަށް ވައިރަސް ވަންނަ އިރަކަށް އައި އޭތި ޑިޓެކްޓެއް ނުކުރާނެ، ގާތްގަނޑަކަށް 24 އަވާސް ޓު 48 އަވާސް ނަގާނެ އެ ވައިރަސް ހަށިގަނޑު ތެރޭ ގިނަވެލަން،" އޭނާ ވިދާޅުވި އެވެ.

ނަޒްފާ ވިދާޅުވި ގޮތުގައި އައިޖީއެމްއެޗްގައި ކޮވިޑް-19 އަށް ހަދާ ޓެސްޓްގެ ނަތީޖާ ހަ ގަޑިއިރާއި ހަތް ގަޑި އިރާ ދެެމެދުގެ ވަގުތެެއްގެ ތެރޭގައި ލިބެ އެވެ. އަދި ކޮންފޮމޭޓަރީ ޓެސްޓްގެ ނަތީޖާ ތިން ހަތަރު ގަޑިއިރެއްގެ ތެރޭގައި ލިބެ އެވެ.

އެކަމަކު އެކަން ބިނާވާނީ ލިބޭ ސާމްޕަލްގެ އަދަދަށެވެ.

"ވަރަށް ގިނަ ސާމްޕަލް އެއްފަހަރާ އަތުވެއްޖެއްޔާ، މިހެން ދެންނެވިޔަސް ކުޑަ ޑިލޭއެއް އަތުދާނެ."

ސާމްޕަލް ނަަގަނީ ކިހިނެއް؟

ކޮވިޑް-19 އަކީ ނޭވާލާ ނިޒާމަށް ޖެހޭ ބަައްޔަަކަށް ވާތީ، ވައިރަހުގެ ބޮޑު ބައެއް ހުންނަނީ ބަލި ޖެހޭ މީހުންގެ ނޭފަތާއި އަނގަޔާއި ކަރުތެރޭގަ އެވެ. އެހެންވެ އެ އެބައްޔަށް ޓެސްޓްކުރަން ސާމްޕަލެއްގެ ގޮތުގައި ނަގަނީ އެ ތަންތަނުގައިވާ ތެތްކަމެވެ. ބަލީގެ އަލާމާތްތައް ހުރި މީހެއްގެ ނޭވާނާ ނިޒާމުގެ ތެތްކަން، ނަގަނީ އަރީޝާ ވިދާޅުވި ގޮތުގައި ކަފަބުރެއް ބޭނުންކޮށްގެންނެވެ.

"މިއަށް އަސްލު މި ނަގަނީ އަޅުގަނޑުމެން ތުރޯޓާ ނޭސޯ ފެރެންޖަލް ސުވޯބް، ނޭސަލް ފެރެންޖަލް އޭ މިބުނަނީ އަސްލުގައި ނޭފަތުގެ ތަންކޮޅެއް އެތެރެއަށް ކަފަބުރު ވައްދާލާފައި ނަގާ ސްވޯބް އެއް އެއީ. ތަންކޮޅެއް އެތެރެއަށް، ދެން ކުޑަ އުނދަގުލެއް ވެސް ހުންނާނެ އޭތި ނަގާއިރު. އެކަމަކު އެއީ އެންމެ ރަނގަޅު ސާމްޕަލް އަކީ މި ޓެސްޓް ހަދަން،" އޭނާ ވި އެވެ.

ސާމްޕަލް ނެގޭ މީހާ އަށް ވެސް އުނދަގޫ އެ މަރުހަލާ ފުރިހަމަ ކުރަނީ ޑޮކްޓަރުންނާއި ނަރުހުން އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކަމަށް ތަމްރީނުކޮށްފައިވާ އެހެން ހެލްތު ޕްރޮފެޝަނަލުުންނެވެ.

"އަޅުގަނޑުމެން ސާމްޕަލެއް ނުއެއް ނަގަން. އަޅުގަނޑުމެންނަށް ސާމްޕަލް މި ލިބެނީ ވަނީ އެކޮޅުން."

މިހާރު އަމަލުކުރަމުން އަންނަ އުސޫލުގައި އަޖީއެމްއެޗްގެ ލެބޯޓްރީ އަށް މީހުން ގެންގޮސްގެން ސާމްޕަލް ނެގުމެއް ނޯވެ އެވެ. އެ މަރުހަލާ ފުރިހަމަ ކުރަނީ ބައްޔަށް ޝައްކުކުރެވޭ މީހާ ގޭގައި އެކަހެރިކޮށްފައި ނޫނީ ކަރަންޓީނު ފެސިލިޓީއެއްްގައި ބަހަައްޓައިގެންނެވެ.