Roadha Mihaaru
ކޮވިޑް ބަލި މީހުންނަށް އެހީވާން 36 ނަރުހުން ހޯދަނީ

ކޮވިޑް ބަލީގެ މީހުންނަށް އެހީވާން 36 ވަގުތީ ނަރުހުން ހޯދަނީ

24 ޖުލައި 2021

ކޮވިޑް-19 އަށް ފަރުވާ ހޯދާ މީހުންނަށް އެހީވާން ވަގުތީ ގޮތުން 36 ނަރުހުން ހޯދަން އައިޖީއެމްއެޗުން މިއަދު އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އަށް ފަރުވާ ހޯދާ މީހުންނަށް އެހީވާން ވަގުތީ ގޮތުން 36 ނަރުހުން ހޯދަން އައިޖީއެމްއެޗުން މިއަދު އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ ކޮވިޑްގެ ބަލި މީހުންނަށް ހާއްސަ ކޮށްފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި އެ ބައްޔަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި ވަގުތީ ގޮތުން މަސައްކަތް ކުރާނެ ނަރުހުން ބޭނުންވާ ކަމަށެވެ.

އެއް އަހަރުގެ މުއްދަތަށް މި ނަރުހުން މަސައްކަތް ކުރަން ޖެހޭނީ ހަފުތާއަކު ފަަސް ދުވަހު މަދުވެގެން ދުވާލަކު އަށް ގަޑިއިރެވެ. މަހު މުސާރައިގެ ގޮތުގައި 9،060ރ. ދޭނެ ކަމަށާއި ސާވިސް އެލަވަންސްގެ ގޮތުގައި ކޮންމެ ދުވަހަކަށް 188ރ. ދޭން ނިންމާފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.

ކޮވިޑް ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުވައިލާފައިވާ މި ފުރުސަތަށް ޝައުގުވެރިވާ މީހުން އެ ކަމަށް އެދި ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ފަހެއްގެ ކުރިންނެވެ. މި ފުރުސަތަށް އެދި ހުށަހެޅޭނީ ރަޖިސްޓަރީ ކޮށްފައިވާ ނަރުހުންނަށެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އަދި ސަރުކާރުގެ ސިއްހީ އިދާރާތަކުގެ މެޑިކަލް ގިނަ އޮފިސަރުން މިހާރު ވެސް ތިބެނީ ކޮވިޑް ބަލި މީހުންނަށް ޚާއްސަ ކޮށްފަ އެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު އެކި ޑިޕާޓްމެންޓުތަކުގެ 45 ޕަސެންޓް ނަރުހުންނާއި އޯޕީޑީގެ ސްޕެޝަލިސްޓުން ވެސް ކޮވިޑްގެ ބަލި މީހުންނަށް ހިދުމަތް ދޭ ގޮތަށް ބަދަލުކުރި އެވެ.