Roadha Mihaaru
މެކޭނިކަލް ޕާކިން ސިސްޓަމް އަންނަ މަހު ގެންނަނީ

މެކޭނިކަލް ޕާކިން ސިސްޓަމްތައް އަންނަ މަހު ގެންނަން ފަށަނީ

10 އޮކްޓޯބަރ 2016

މާލޭގައި ކާރާއި ސައިކަލް ޕާކް ކުރެވޭ މެކޭނިކަލް ޕާކިން ސިސްޓަމްތައް އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ގެންނަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި ކާރާއި ސައިކަލް ޕާކް ކުރެވޭ މެކޭނިކަލް ޕާކިން ސިސްޓަމްތައް އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ގެންނަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާ ހަވާލު ކުރީ ކާރު ޕާކް ކުރާނެ 10 ސިސްޓަމާއި ސައިކަލް ޕާކް ކުރަން 10 ސިސްޓަމް ރާއްޖޭން ބޭރުން ގެނައުމަށެވެ. އެ ގޮތުން ކޮންމެ މަހަކު އެކެއް ނޫނީ ދޭތި ގެނައުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެކަމަކު މިކަމަށް ހޭދަވާ ހަރަދެއް ހައުސިން މިނިސްޓްރީން ނުބުނެ އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ވެލާނާގޭ ސަރަހައްދުގައި ކާރު ޕާކް ކުރާނެ ސިސްޓަމަކާއި ސައިކަލް ޕާކް ކުރާނެ ސިސްޓަމެއް ބަހައްޓާނެ އެވެ. އަދި ތޮއްޖެހިފައި އޮންނަ އެހެން ސަރަހައްދުތަކުގައި ވެސް އިތުރު ސިސްޓަމްތައް ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލާނާގޭ ކައިރި ފިޔަވައި ދެން ގެންނަ ސިސްޓަމްތައް ބަހައްޓާނެ ތަންތަން އޭނާ ވިދާޅެއް ނުވެ އެވެ.

މިނިސްޓަރު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފުރަތަމަ ސިސްޓަމް ރާއްޖެ ގެންނާނެ ކަމަށް އޭނާ ވިދާޅުވި.. - ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފުރަތަމަ ސިސްޓަމް ރާއްޖެ ގެންނާނެ ކަމަށް އޭނާ ވިދާޅުވި.. - ފޮޓޯ: ނިޝާން އަލީ/ މިހާރު

މެކޭނިކަލް ޕާކިން ސިސްޓަމް:

- ކޮންމެ ސިސްޓަމެއްގައި 10 ކާރު ޕާކް ކުރެވޭނެ

- ކޮންމެ ސައިކަލް ސިސްޓަމެއްގައި 100 ސައިކަލް ޕާކް ކުރެވޭނެ

- މިއީ އޮޓޮމޭޓަޑް ސިސްޓަމްތަކެއް، އިންސްޓޯލް ކުރާނީ އެސްޓީއޯ އިން

މުއިއްޒު ވިދާޅުވީ މި ސިސްޓަމްތަކާ ގުޅޭ ގަވާއިދު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ މީހުންގެ އެއްބާރުލުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

"މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. (ސިސްޓަމްތައް ބަހައްޓާ ސަރަހައްދުތަކަށް) ކޮންމެވެސް ވަރެއްގެ ލުޔެއް ގެނެވޭނެ ކަމެއް މިކަމަކީ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މެދުނުކެނޑި ކޮންމެ މަހަކު އެކަތި ނޫނީ ދެ ސިސްޓަމް ގެނެސް، އަންނަ އަހަރުގެ މާޗް މަސް ނިމެންވާ އިރަށް ހުރިހާ ސިސްޓަމްތަކެއް އިންސްޓޯލްކޮށް ނިމޭނެ ކަމަށެވެ. އަދި ހުރިހާ ސިސްޓަމްތައް ބެހެއްޓުމަށް ފައުންޑޭޝަން މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ އެއްގަމު އުޅަނދުން ތޮއްޖެހިފައިވާ މާލެ އަށް ދިމާވެފައިވާ ޕާކް ކުރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މި ސިސްޓަމްތައް ޑިޒައިން ކުރީ ޗައިނާގެ ކުންފުންޏަކުންނެވެ. މެކޭނިކަލް ޕާކިން ސިސްޓަމް ގާއިމު ކުރަން މި އަހަރު ބަޖެޓް ވެސް ހަމަޖެހިފައިވާ ކަމަށާއި އެކަމަކު އެއީ ފުރަތަމަ 10 ސިސްޓަމަށް ކަމަށް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތައް ބަހައްޓާފައި ހުންނަނީ ހޮސްޕިޓަލް، ޝޮޕިން މޯލް، އޮފީސް އިމާރާތްތައް ހުންނަ ކާރޫބާރު ބޮޑު ސަރަހައްދުތަކުގަ އެވެ. މިއީ ޒަމާނާ އެއްގޮތަށް ހުރިހާ އުޅަނދަކަށް ރައްކާތެރިކަން ލިބޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ސިސްޓަމްތަކެކެވެ.