Roadha Mihaaru
"އިސްކަން ދޭންވީ ކޮވިޑް-19 އިން އަރައިގަންނަން"

އިސްކަން ދޭންވީ ކޮވިޑް-19 އިން އަރައިގަންނަން، އެނދުތައް ފުރާނީ އޭގެ ފަހުން: އަލީ ވަހީދު

19 މާޗް 2020

ރާއްޖޭގެ ޓޫރިސްޓް އެނދުތައް ފުރާލުމުގެ ބަދަލުގައި މި ދުވަސްވަރު އިސްކަންދޭންވީ ކޮވިޑް-19 އިން އަރައިގަންނަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގެ ޓޫރިސްޓް އެނދުތައް ފުރާލުމުގެ ބަދަލުގައި މި ދުވަސްވަރު އިސްކަންދޭންވީ ކޮވިޑް-19 އިން އަރައިގަންނަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިިޔޭގެ ޓޫރިޒަމް ޖަމިއްޔާ (ޑަބްލިއުޓީއޯ) އިން ކުރިއަށް ގެންދިޔަ "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓީން" ގައި މިނިސްޓަރު ވަނީ، ވަރުގަދަ ފިޔަވަޅުތައް އަޅައިގެން ނަމަވެސް، ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައިގަންނަން ގޮވާލައްވައިފަ އެވެ. އަދި ރާއްޖޭގެ ޓޫރިސްޓް އެނދުތައް ފުރާލާނީ މި ކަމުން ސަލާމަތްވުމަށް ފަހު ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި މިއަދު ޓްވީޓެއް

ހަލުވިކަމާ އެކު މުޅި ދުނިޔެއަށް ފެތުރެމުންދާ މި ބަލިން ސަލާމަތްވުމަށް ޕޮޒިޓިވް ވިސްނުމެއް ގެންގުޅެން ޖެހޭނެ ކަމަށް މިނިސްޓަރު މި ބައްދަލުވުމުގައި ވިދާޅުވި އެވެ. އަދި މި ބަލި ފެތުރުމުގައި ގައުމެއް، މުޖުމައެއް ތަފާތު ނުވާ ކަމަށާއި މި ކަމުން ސަލާމަތް ވާން ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ރައްކާތެރިވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން މަސައްކަތްކުރަނީ އެހެން ގައުމުތަކާ ގުޅިގެން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި މި ގޮތުގައި ދެމި ތިބެއްޖެ ނަމަ، މި ކާރިސާ އިން އަރައިގަނެވޭނެ ކަމަށާއި އޭރުން ދުރު ނޫން މުސްތަގްބަލެއްގައި ރާއްޖެ އަށް އަނެއްކާ ވެސް ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުން ނިންމާލުމަށް ފަހު "ކްރައިސިސް ޓީމް" އެއް އެކުލަވާލާ، ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ މި ގޮންޖެހުންތަކުން ސަލާމަތްވާން ކުރު އަދި ދިގު ރާސްތާގެ "ރެސްކިއު ޕްލޭނެއް" އެކުލަވާލަން ވަނީ ނިންމައިފަ އެވެ.

ޑަބްލިއުޓީއޯ އިން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ) އަދި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ) ގެ އިސްވެރިން ވެސް ބައިވެރިވަޑައިގަތެވެ.

މިހާތަނަށް ހައްލެއް ހޯދިފައި ނުވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގިނަ ގައުމުތަކަކުން ދަނީ، އެ ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުުރަން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވެފައި ވާ އިރު، އެ އެންމެންނަކީ ވެސް ބިދޭސީން ނުވަތަ ޓޫރިސްޓުންނެވެ. މި ބައްޔަށް އެއްވެސް މީހަކު ރާއްޖެ އިން ޕޮޒިޓިވް ނުވާތާ މިހާރު ހަތަރު ދުވަސް ވެއްޖެ އެވެ.