Roadha Mihaaru
އެއާ އިންޑިޔާގެ ރާއްޖޭގެ ދަަތުރުތައް މަދުކޮށްފި

ކޮވިޑް-19: އެއާ އިންޑިޔާގެ ރާއްޖޭގެ ދަަތުރުތައް މަދުކޮށްފި

19 މާޗް 2020

ކޮވިޑް-19 އާ ގުޅިގެން، އެއާ އިންޑިޔާ އިން ރާއްޖެ އަށް ކުރާ ދަތުރުތައް މަދުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން، އެއާ އިންޑިޔާ އިން ރާއްޖެ އަށް ކުރާ ދަތުރުތައް މަދުކޮށްފި އެވެ.

މީގެ ކުރިން ހަފްތާއަކު ކޮންމެ ދުވަހަކު ޓްރިވެންޑްރަމް އިން ރާއްޖެ އަށް ދަތުރުކުރާ އެއާ އިންޑިޔާ އިން މިހާރު ދަތުރު ކުރާނީ ހަފްތާގެ ދެ ދުވަހު އެވެ. އެއީ ކޮންމެ ހަފްތާއެއްގެ އަންގާރަ އާއި ހޮނިހިރު ދުވަހު އެވެ.

މި ބަދަލުތަކަށް މާދަމާ އިން ފެށިގެން އަމަލު ކުރާ އިރު އަންނަ މަހުގެ 30 ގެ ނިޔަލަށް އެއާ އިންޑިޔާގެ ދަތުރުތައް އޮންނާނީ ހަފްތާގެ ދެ ދުވަހު އެވެ. މި މުއްދަތުގައި އެއާ އިންޑިޔާ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓްރިވެންޑްރަމަށް ފުރާނީ ހަވީރު 4:35 ގަ އެވެ. އަދި ފްލައިޓްތައް އެނބުރި އަންނާނީ އަންގާރަ އާއި ހޮނިހިރު ދުވަހުގެ 3:45 ގަ އެވެ.

އެއާ އިންޑިއާ އިން ބެންގަލޫރުން ރާއްޖެ އަށް ކުރާ ހުރިހާ ދަތުރުތަކެއް މި ވަގުތަށް ވަނީ ހުއްޓާލައިފަ އެވެ.

އެއާ އިންޑިޔާ އިން ރާއްޖެ އަށް ކުރާ ދަތުރުތައް މަދުކޮށްފައިވާ އިރު އެހެން ބައެއް އެއާލައިންތައް ކަމަށްވާ ސިންގަޕޯ އެއާލައިންގެ 50 ޕަސެންޓް ދަތުރުތައް ވަނީ މަދުކޮށްފަ އެވެ. މި ފިޔަވަޅު އެޅީ އެ ކުންފުންޏަށް މިދުވަސްވަރު ވަމުންދާ ގެންލުންތައް ކުޑަ ކުރުމުގެ ބޭނުމުގަ އެވެ.

އެއާ އިންޑިއާގެ ފްލައިޓު ތަކުން ބުކިން އާއި ޓިކެޓު ނެގުން، ވިލާ ޓްރެވެލްސަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

މުޅި ދުނިޔޭގައި ދެ ލައްކައެއްހާ މީހުންނަށް ކޮވިޑް-19 ޖެހިފައިވެ އެވެ. ރާއްޖޭން ވެސް ވަނީ 13 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް-19 ފެތުރޭތީ ދުނިޔޭގެ އެއާލައިން އިންޑަސްޓްރީ އަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މިވަގުތަށް ވެސް ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން އިން ބުނެފައިވެ އެވެ. އެ އެސޯސިއޭޝަނުން 290 އެއާލައިން ރިޕްރެޒެންޓް ކުރާ އިރު އެއާލައިންތަކުގެ ގާތްގަނޑަކަށް 113 ބިލިއަން ޑޮލަރުގެ އާމްދަނީ މަދުވާނެ ކަމަށް އަންދާޒާކުރެ އެވެ.