Roadha Mihaaru
އާ ރަންވޭއަށް ޖެއްސި ބޯޓުގެ ޕައިލެޓުން ސަސްޕެންޑްކޮށްފި

ވެލާނާ އެއާޕޯޓުގެ އާ ރަންވޭއަށް ޖެއްސި އެއާ އިންޑިއާގެ ޕައިލެޓުން ސަސްޕެންޑްކޮށްފި

08 ސެޕްޓެމްބަރ 2018

އިންޑިއާގެ ޓްރިވެންޑްރަމުން 136 ޕަސިންޖަރުންނާ އެކު އައިސް، ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި "އޮޅިގެން" އިއްޔެ މެންދުރު ޖެއްސި އެއާ އިންޑިއާ ބޯޓު ޕައިލެޓުން ސަސްޕެންޑްކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އިންޑިއާގެ ޓްރިވެންޑްރަމުން 136 ޕަސިންޖަރުންނާ އެކު އައިސް، ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި "އޮޅިގެން" އިއްޔެ މެންދުރު ޖެއްސި އެއާ އިންޑިއާ ބޯޓު ޕައިލެޓުން ސަސްޕެންޑްކޮށްފި އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ އަލަށް ހަދަމުން އަންނަ ރަންވޭއަކަށް އެ ބޯޓު ޖެއްސި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި އެ ބޯޓުގައި އެވަގުތު ތިބި ދެ ޕައިލެޓުން ވެސް ސަސްޕެންޑްކޮށް، ފްލައިން ޑިއުޓީސްތަކުން އުނިކޮށްފައިވާ ކަމަށް މީޑިއާ އިން ބުނެފައިވެ އެވެ.

އެއާ އިންޑިއާގެ މުޅިން އާ އޭ-320 ނިއޯ، މަތިންދާބޯޓު އާ ރަންވޭގައި ޖެއްސީ ކީއްވެގެން ކަމެއް ކަމާ ބެހޭ އިދާރާތަކުން ނުބުނެ އެވެ.

އިންޑިއާގެ މަޝްހޫރު އެންޑީޓީވީން ބުނީ އެ ރަންވޭގައި ޖެއްސުމުން ބޯޓުގެ ދެ ފުރޮޅު ފެޅި، ބޯޓުގެ ދުވެލި ހުއްޓުވާ ނިޒާމަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އާ ރަންވޭ އިން އެ ބޯޓު އޭޕްރަންއަށް ގެންދިޔައީ ޓޯކޮށްގެން ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެ އެވެ.

އެއާ އިންޑިއާގެ ބޯޓުގެ މައި ދެ ފުރޮޅު ފެޅި ބްރޭކް ސިސްޓަމަށް ގެއްލުންވީ، ބޯޓު ޖެއްސީ ނުބައި ރަންވޭއަކަށް ކަމަށް ޓަވަރުން އެންގުމާ އެކު، ކުއްލިއަކަށް މަޑުކުރަން ހަދައިގެން ކަމަށްވެ އެވެ.

އެމްއޭސީއެލް އިން އިއްޔެ ބުނީ އެ ހާދިސާ ހިނގީ އެއާ ޓްރެފިކް ކޮންޓްރޯލްގެ މައްސަލައަކުން ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެމްއޭސީއެލްގެ އޮފިޝަލުން ބުނަނީ އާ ރަންވޭ ސާފުކޮށްފައި އޮތް ނަމަވެސް އެއީ ބޭނުންނުކުރާ ތަނެއްކަން އެނގޭ ގޮތަށް ރަންވޭ މަތީގައި ރަސްގެ ޖަހާފައި ހުރި ފޮތިތައް ވެސް ފެންނާނެ ކަމަށެވެ.

އިންޑިއާގެ ގައުމީ އެއާލައިންގެ ބޯޓު އަދިވެސް އޮތީ ގެއްލުންތައް މަރާމާތުކުރުމަށާއި ތަހުގީގަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.