Roadha Mihaaru
ވަސީލަތް ހުރިނަމަ ވީޑިއޯކޮށް ޝަރީއަތް ގެންދަން އެދެފި

ވަސީލަތްތައް ހުރި ނަމަ، ވީޑިއޯ ނުވަތަ އޯޑިއޯކޮށް ޝަރީއަތްތައް ގެންދަން ސުޕްރީމް ކޯޓުން އަންގައިފި

17 މާޗް 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކޯޓުތަކުން އެގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކޯޓުތަކުން އެގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ކޮވިޑް-19 ހުރި 13 މީހަކު ރާއްޖެއިން މިހާތަނަށް ފެނިފައިވާއިރު، ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، ޚާއްސަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެކަމަކު މިހާތަނަށް އެ ވައިރަސް ހުރި އެއްވެސް ދިވެއްސަކު ފެނިފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާގައިވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ނިމެންދެން، ގިނަ މީހުން އެއްފަހަރާ ކޯޓުތަކަށް ހާޒިރު ނުކޮށް، ޝަރީއަތްތައް ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށާއި އަދި އެއް ވަގުތަކު ގިނަ ބަޔަކު ކޯޓުގައި ބައިތިއްބަން ނުޖެހޭ ގޮތަށް އަޑުއެހުންތައް ތާވަލް ކުރަން ޖެހޭނެ ކަމަށެވެ. އަދި ވަސީލަތްތައް ލިބެން ހުރި ނަމަ، ކޮންމެހެން ބާއްވަން ޖެހޭ އަޑުއެހުންތައް ވީޑިއޯ ނުވަތަ އޯޑިއޯ ކޮންފަރެންސްކޮށް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށާއި ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް ކުރިއަށް ގެންދާ ގޮތަށް ވެސް ހަމަޖެއްސިދާނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

އުމުރުން 55 އަހަރު ވެފައިވާ މީހަކު ނުވަތަ ރިސްކް ކެޓަގަރީގައި ހިމެނޭ މީހަކު ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާ ނަމަ އަދި އެ މީހަކީ އެފަދަ ކެޓަގަރީއެއްގައި ހިމެނޭ މީހެއްކަން އެނގޭނެ ލިޔުމަކާ އެކު ހުށަހެޅުމުން އެއީ މަގުބޫލު އުޒުރެއް ކަމަށް ބަލަންވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވައި، ނެރުއްވި އެ ސާކިއުލާގައިވެ އެވެ.

މީގެ އިތުރުން އެލާޓް ލެވެލް އޮރެންޖަށް ބަދަލުކޮށްފި ނަމަ، ފަނޑިޔާރުން މަސައްކަތް ކުރާނެ ގޮތުގެ ޑިއުޓީ ތާވަލެއް އެކުލަވާލުމަށާއި ބަންދާ މެދު ގޮތެއް ނިންމުމާއި އަވަސް ފިޔަވަޅުތައް އަޅަންޖެހޭ މައްސަލަތައް ފިޔަވައި، މީހުން ހާޒިރު ކޮށްގެން ގެންދަންޖެހޭ އެހެން ހުރިހާ މައްސަލަތަކެއް މަޑުޖައްސާލަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ. އަދި އެ ހާލަތުގައި އީމެއިލް މެދުވެެރިކޮށް ހުށަހަޅާ ލިޔުންތައް ބަލައިގަތުމަށް އެ ސާކިއުލާގައި އަންގާފައިވެ އެވެ

އެ ސާކިއުލާގައިވާ ގޮތުން އެލާޓް ލެވެލް ރަތަށް ބަދަލުކޮށްފި ނަމަ، ކޯޓުތަކުން ކުރިއަށް ގެންދަން ޖެހޭނީ ބަންދާ މެދު ގޮތެއް ނިންމުމާއި ކޮންމެހެން ނެރެންޖެހޭ އަމުރުތައް އެކަންޏެވެ.

މިއަދުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން އެ ސާކިއުލާގެ އުސޫލުތަކަށް އަމަލު ކުރަމުން ގެންދިއުމަށް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އެންގިއިރު، ސިވިލް ކޯޓާއި ފެމިލީ ކޯޓުން ވެސް މިހާރު ވަނީ ބައެއް ޚިދުމަތްތައް ދިނުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފަ އެވެ. އަދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވެސް އޮތީ ޚާއްސަ ފިޔަވަޅުތަކެއް އަޅަން އަންގައިފަ އެވެ.