Roadha Mihaaru
ފޯނުން ގުޅާލުމުން މުއިއްޒުއާ ބައްދަލުކުރެވޭ ގޮތް ހަދައިފި

ފޯނުން ގުޅާލުމުން މުއިއްޒުއާ މިހާރު ބައްދަލު ކުރެވޭނެ

16 މާޗް 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދީފި އެވެ.

މުއިއްޒުގެ ކެމްޕޭން ޓީމުން ބުނީ ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް 19އާ ހެދި، އެ ޓީމުން ގޭގެ އަަށް ޒިޔާރަތްކޮށްގެން ކުރިއަށް ގެންދާ ކެމްޕޭން މަޑުޖައްސާލާފައިވާ ކަމަށެވެ. އެކަމަކު، މުއިއްޒުއާ ބައްދަލު ކުރަން ބޭނުންވާ މީހުން، ކެމްޕޭން ޓީމަށް ގުޅުމުން އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ.

"މިއީ ހަމަ ކޮންމެ މީހަކަށް ވެސް އޮތް ފުރުސަތެއް. ޝަކުވާއެއް ނުވަތަ ކަންބޮޑުވާ ކަމެއް އޮތް ނަމަ އަޅުގަނޑުމެންނާ ގުޅުމުން ބައްދަލު ކުރެވޭނެ ގޮތް ހަދައިދޭނެ،" ކެމްޕޭން ޓީމުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މުއިއްޒުގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ.

ކުރިން އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި އިންތިޚާބު، ކޮވިޑް-19އާ ގުޅިގެން ފަސް ކުރުމާ ގުޅިގެން، ގިނަ ކެންޑިޑޭޓުންގެ ކެމްޕޭން ވަނީ މަޑުޖައްސާލައިފަ އެވެ. އެގޮތުން ޕާޓީތަކުން އިންތިޒާމް ކުރި ކެމްޕޭން ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.

ރޯގާގެ ހާލަތު ރަނގަޅު ވަންދެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އީސީން ހައި ކޯޓުގައި އެދުނީ އެޗްޕީއޭ އިން ރާއްޖޭގެ ހާލަތު ރަނގަޅުވެއްޖެ ކަމަށް އިއުލާން ކުރާ ދުވަހުން ފެށިގެން އިންތިޚާބު ބާއްވަން 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.