Roadha Mihaaru
ގޭޓްސް މައިކްރޮސޮފްޓްގެ ބޯޑުން ވަކިވަނީ

ބިލް ގޭޓްސް މައިކްރޮސޮފްޓްގެ ބޯޑުން ވަކިވާން ނިންމައިފި

15 މާޗް 2020

އެމެރިކާގެ މަޝްހޫރު ކުންފުނި މައިކްރޮފްސޮފްޓްގެ ބާނީ ބިލް ގޭޓްސް އެ ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވަން ނިންމާފައިވާކަން ހުކުރު ދުވަހު އިއުލާންކުރައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ކުންފުނި މައިކްރޮފްސޮފްޓްގެ ބާނީ ބިލް ގޭޓްސް އެ ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވަން ނިންމާފައިވާކަން ހުކުރު ދުވަހު އިއުލާންކުރައްވައިފި އެވެ.

ދުނިޔޭގެ ދެވަނަ އަށް އެންމެ މުއްސަނދި މީހާ ކަމަށްވް ގޭޓްސް ވިދާޅުވީ ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވަނީ އިޖުތިމާއީ ރޮނގުން ޚައިރާތަށް ކުރައްވާ މަސައްކަތްތަކަށް މިހާރަށް ވުރެ ބޮޑަށް ވަގުތު ހުސްކުރައްވަން ބޭނުންވާތީ ކަމަށެވެ. އެގޮތުން މައިކްރޮސޮފްޓް ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވުމުން ތައުލީމާއި ސިއްހަތާއި ކްލައިމެޓް ޗޭންޖް ފަދަ ދާއިރާތަކުން އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކުރިއަށް ވުރެ ބޮޑަށް ވަގުތު ދެއްވޭނެ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އަދިވެސް އަހަރެންގެ ހަޔާތުގެ ވަރަށް މުހިއްމު ބައެއް މައިކްރޮސޮފްޓަކީ،" ގޭޓްސް، 64، ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔެ އަށް މި ވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރައްވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށާއި އެފަދަ މަސައްކަތްތަކުގައި އަބަދު ވެސް ހިއްސާވެވަޑައިގަންނަން ބޭނުންވާ ކަމަށެވެ. އަދި ދުނިޔެ ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާ ދެކޮޅަށް ނުކުންނަވައި މަސައްކަތްކުރެއްވުމަކީ އަބަދު ވެސް އެންމެ ލޯބިކުރައްވާ ކަންކައްތަ ކަމަށް ވިދާޅުވި އެވެ.

ގޭޓްސް އަކީ ދުނިޔޭގެ މަހުޖަނުންގެ ތެރެއިން ޚައިރާތަށް އެންމެ ބޮޑަށް ހޭދައެއްކުރައްވާ ބޭފުޅާ ވެސް މެ އެވެ. އެގޮތުން އެކަމަށް ހާއްސަކޮށްގެން އަނބިކަނބަލުން މެލިންޑާ ގޭޓްސްއާ އެކު "ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން" ގެ ނަމުގައި 2000 ވަނަ އަހަރު ފައުންޑޭޝަނެއް ވެސް ވުޖޫދަށް ގެނެސްފައިވެ އެވެ. އޭގެ ދަށުން މިހާތަނަށް އެކި ދާއިރާތަކަށް 46.8 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

މިލްކިއްޔާތު މި ވަގުތު 112.8 ބިލިއަން ޑޮލަރަށް އަރާ ގޭޓްސްގެ އެންމެ ޒުވާން އުމުރުގައި ހިއްސާވެގެން ވުޖޫދަށް ގެނައި މައިކްރޮސޮފްޓް ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވި އިރު، އޭނާ ވަނީ ޖޫން 27، 2008 ގައި ކުންފުނީގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތަކާ ވެސް ދުރުވެވަޑައިގެންފަ އެވެ. އަދި އޭނާ ކުންފުނީގެ ބޯޑްގެ ޗެއާމަންގެ މަގާމުން ވަކިވަޑައިގެންފައި ވަނީ 2014 ގަ އެވެ. އޭގެ ފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ބޯޑް މެމްބަރެއްގެ ގޮތުގަ އެވެ.

ގޭޓްސް ބޯޑުން ވަކިވުމުން މައިކްރޮސޮފްޓްގެ ބޯޑްގައި މިހާރު ތިއްބަވާނީ 12 މެމްބަރުންނެވެ.

މައިކްރޮސޮފްޓަކީ އެޕްރީލް 4، 1975 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ.