Roadha Mihaaru
ގޭޓްސް ޕޯޝާ ކާރެއް ގަތުމުން އީލޮން އަށް ކަމަކުނުދިޔަ

ބިލް ގޭޓްސް ޕޯޝާ މަރުކާގެ ކާރެއް ގަތުމުން އީލޮން މަސްކަށް ކަމަކުނުދިޔަ

20 ފެބުރުއަރީ 2020

ޓެސްލާގެ އުފެއްދުންތަކަށް ތައުރީފުކުރެއްވުމަށް ފަހު، އަމިއްލަ އަށް ކާރެއް ބައްލަވައިގަތް އިރު ޕޯޝާ މަރުކާގެ ކާރެއް ބައްލަވައިގަތުމުން ޓެސްލާގެ ވެރިޔާ އީލޮން މަސްކް، ބިލް ގޭޓްސް އަށް ފާޑު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓެސްލާގެ އުފެއްދުންތަކަށް ތައުރީފުކުރެއްވުމަށް ފަހު، އަމިއްލަ އަށް ކާރެއް ބައްލަވައިގަތް އިރު ޕޯޝާ މަރުކާގެ ކާރެއް ބައްލަވައިގަތުމުން ޓެސްލާގެ ވެރިޔާ އީލޮން މަސްކް، ބިލް ގޭޓްސް އަށް ފާޑު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މައިކްރޮސޮފްޓް ކުންފުނީގެ ވެރިޔާ އަދި ދުނިޔޭގައި ދެވަނަ އެންމެ މުއްސަނދި މީހާ ބައްލަވައިގަތީ ޖަރުމަނުގެ ޕޯޝާ މަރުކާގެ އިލެޓްރިކް ޓޭކަން ސްޕޯޓްސް ކާރެކެވެ. އަދި އެ ބްރޭންޑްގެ ކާރެއް ބައްލަވައިގަތްކަން އޭނާ ވަނީ ޔޫޓިއުބް ތަރި މާކްއެޒް ބްރައުންލީ އަށް ދެއްވި އިންޓަވިއެއްގައި ކަށަވަރުކޮށް ދެއްވައިފަ އެވެ.

މިކަމާ ހިތްހަމަނުޖެހިގެން އީލޮން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ގޭޓްސްގެ އެ އަމަލުން މާޔޫސްވެއްޖެ ކަމަށެވެ. އަދި އޭނާ އާއި ގޭޓްސްއާ ދެމެދު ދެކެވުނު ވާހަކަތަކުން ނުކުތް އެއްވެސް ރަނގަޅެއް ނެތް ކަމަށް ބުންޏެވެ.

އީލޮން ވިދާޅުވި ގޮތުގައި ކާރުތައް އުފައްދާ ބްރޭންޑަކަށް މި ވަގުތު އެންމެ ބޮޑަށް އިތުބާރުކުރެވެނީ ޓެސްލާގެ އުފެއްދުންތައް ކަމަށް ވިދާޅުވުމަށް ފަހު، އެހެން ބްރޭންޑެއް ގޭޓްސް އިހުތިޔާރުކުރެއްވުމަކީ ބަހާއި އަމަލާ ވެސް ދިމާނުވާ ކަމުގެ ހެއްކެކެވެ. އަދި ގޭޓްސްގެ އެ އަމަލަށް މީހަކު ޖޯކް ޖަހާފައި ޓްވީޓްކުރި ޖިފް އަކަށް އޭނާ ރިޕްލައި ވެސްކޮށްފައިވެ އެވެ. އޭގައި ފެންނަނީ ގޮނޑިއެއްގެ މަތިން މީހަކު ފުންމައިގަންނަ ތަނެވެ. އެ މަންޒަރު އީލޮން ސިފަކުރެއްވީ "އެއްފުޅައް މަތިން ފުންމައިލި ބަކަރި އަނެއް ފުޅައްމަތިން ވެސް ފުންމައިލުން" ގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވަގުތު އެހެން ބްރޭންޑްތަަކުގެ އިލެކްޓްރިކް ކާރުތައް ޓެސްލާގެ އުފެއްދުންތަކަށް ވުރެ އަގު ވެސް ބޮޑުވެފައި، އެފަދަ އުފެއްދުންތަކަށް ދިމާވާ މައްސަލަތައް ވެސް ގިނަ އެވެ.