Roadha Mihaaru
ބިލް ގޭޓްސް އަލުން އެންމެ މުއްސަނދި މީހާގެ މަގާމަށް

ބިލް ގޭޓްސް އަލުން އެންމެ މުއްސަނދި މީހާގެ މަގާމަށް

17 ނޮވެމްބަރ 2019

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް، އެމެރިކާގެ މައިކްރޮސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސް މިދިޔަ ޖުލައި މަހުގެ ތެރޭގައި، ތިން ވަނަ އަށް އެންމެ މުއްސަނދި މަގާމަށް ވެއްޓުމަށް ފަހު އަނެއްކާވެސް އެންމެ މުއްސަނދި މީހާ އަށް ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް، އެމެރިކާގެ މައިކްރޮސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސް މިދިޔަ ޖުލައި މަހުގެ ތެރޭގައި، ތިން ވަނަ އަށް އެންމެ މުއްސަނދި މަގާމަށް ވެއްޓުމަށް ފަހު އަނެއްކާވެސް އެންމެ މުއްސަނދި މީހާ އަށް ވެއްޖެ އެވެ.

ބްލޫމްބާގް ބިލިއާނާޒް އިންޑެކްސް އިން ދައްކާ ގޮތުގައި ގޭޓްސް، 64، އެންމެ މުއްސަނދި މީހުންގެ ކުރި އަތުލީ އެ މަގާމުގައި ކުރިން އޮތް އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް ދެވަނަ އަށް ވެއްޓުމުންނެވެ. ގޭޓްސްގެ މިހާރުގެ މިލްކިއްޔާތު 110 ބިލިއަން ޑޮލަރަށް އަރަ އެވެ.

ޖެފްގެ މިލްކިއްޔާތުގައި މިހާރު 108.7 ބިލިއަން ޑޮލަރު ހުރިއިރު، ތިން ވަނައިގައި އޮތީ ފްރާންސްގެ ލަގްޒަރީ ބްރޭންޑް އެލްވީއެމްއެޗްގެ ސީއީއޯ ބާނާޑް އާނޯލްޓް، 70، އެވެ. އޭނާގެ މިލްކިއްޔާތަކީ 104 ބިލިއަން ޑޮލަރެވެ.

ޖެފާއި ކުރީގެ އަންހެނުން މެކެންޒީ.

ޖެފާއި ކުރީގެ އަންހެނުން މެކެންޒީ.

ބްލޫމްބާގުން ބުނިގޮތުގައި ޖެފަށް މަގާމު ގެއްލުނީ މި އަހަރުގެ ކުރީކޮޅު އޭނާގެ 25 އަހަރުވީ ކައިވެނި ރޫޅާލައި، ކުރީގެ އަންހެނުންނަށް އެމެޒޯންގެ ހިއްސާ އިން 37 ބިލިއަން ޑޮލަރު ދިނުމާއި މިދިޔަ ސެޕްޓެމްބަރާ ހަމައަށް އެމެޒޯނަށް ލިބުނު އާމްދަނީ 28 ޕަސަންޓަށް ދަށްވުމާ ވެސް ގުޅިގެންނެވެ.

ޖެފް އާއި އަންހެނުން މެކެންޒީ ބެޒޯސް ވަކިވި އިރު، ޖެފްގެ މިލްކިއްޔާތު 125 ބިލިއަން ޑޮލަރަށް އަރަ އެވެ.

އެންމެ މުއްސަނދި މީހާގެ މަގާމު އަލުން ގޭޓަށް ލިބުނު އިރު އޭނާ އަކީ ހައިރާތަށް އެންމެ ބޮޑު ހޭދައެއް ކުރާ މަހުޖަނު ވެސް މެ އެވެ. އެގޮތުން އަންހެނުން މެލިންޑާ އާއި ބިލް ގޭޓްސް ފައުންޑޭޝަނުން މިހާތަނަށް 35 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހަދިޔާކޮށްފައިވެ އެވެ. އަދި މައިކްރޯސޮފްގެ ހިއްސާގެ އަގު ވެސް މި އަހަރު ވަނީ 48 ޕަސަންޓަށް އުފުލިފަ އެވެ.

މީގެ އިތުރުން މައިކްރޮސޮފްޓް މި އަހަރު ވަނީ އެމެޒޯން ބަލިކޮށް ޕެންޓަގަންގެ 10 ބިލިއަން ޑޮލަރުގެ ކްލައުޑް ކޮމްޕިއުޓިން ކޮންޓްރެކްޓް ވެސް ކާމިޔާބުކޮށްފަ އެވެ.