Roadha Mihaaru
"އަނދިރިކަން" ގެ ޝޯތައް ވަގުތީ ގޮތުން ހުއްޓާލައިފި

ކޮވިޑް-19އާ ހެދި "އަނދިރިކަން" ގެ ޝޯތައް މެދުކަނޑާލައިފި

10 މާޗް 2020

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކަން ފެށި އަހަރުގެ ފުރަތަމަ ފިލްމު "އަނދިރިކަން" ދެއްކުން ރެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކަން ފެށި އަހަރުގެ ފުރަތަމަ ފިލްމު "އަނދިރިކަން" ދެއްކުން ރެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެ ފިލްމުގެ ޓީމުން ބުނިގޮތުގައި ފިލްމު ދެއްކުން ވަގުތީ ގޮތުން މެދުކަނޑައިލީ މިދުވަސްކޮޅު ކޮވިޑް-19 އާ ހެދި، ގިނަ ބަޔަކު އެއްތާކަށް ޖަމާވުމަކީ އެންމެ ރައްކާތެރި ގޮތަކަށް ނުވާނެތީ، އާންމު ސިއްހީ ރައްކާތެރިކަމަށްޓަކަ އެވެ.

"އަނދިރިކަން" ދެއްކުން މެދުކަނޑާލި ނަމަވެސް ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު، ފިލްމު އަލުން ދައްކަން ފަށާނެ ތާރީހެއް ފަހުން އިއުލާންކުރަން ވަނީ ނިންމައިފަ އެވެ.

މި ފިލްމަކީ އަލީ ސީޒަން، ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅެފައިވާ ފެމިލީ ޑްރާމާއެކެވެ. "އަނދިރިކަން" ގެ ބަތަލާއިންނަކީ ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ އެވެ.

އޮލިމްޕަހުގައި އެޅުވިތާ ހަފުތާއެއް ވެސް ނުވަނީސް ފިލްމު ދެއްކުން މެދުކަނޑާލަން ޖެހުނު އިރު، މި ފިލްމަކީ ކުރިން މިދިޔަ އޮކްޓޯބަރު މަހުގެ 2 ގައި ސިނަމާ އަށް ގެންނަން ނިންމި ފިލްމެކެވެ. އެކަމަކު އޭރު ފިލްމުގެ ޓިކެޓް ވެސް ވިއްކަމުން ދަނިކޮށް، ފިލްމުގެ މާސްޓަރިން ފައިލަށް ދިމާވި މައްސަލައަކާ ގުޅިގެން މި އަހަރަށް ފަސްކުރީ އެވެ.

"އަނދިރިކަން" ގެ ޝޯތައް އޮލިމްޕަހުގައި މެދުކަނޑާލި އިރު، ރަށްރަށުގައި ވެސް ފިލްމު ދެއްކުން މި ވަގުތަށް ވަނީ ކުރިއަށް ނުގެންދަން ނިންމައިފި އެވެ.

ކޮރޯނާވައިރަހުގެ ހާސްކަން ރާއްޖޭގައި ވެސް ބޮޑުވަމުންދާ އިރު، އަންނަ މަހު ވެސް އޮލިމްޕަހަށް ފިލްމަށް ގެންނަން ތާވަލުކޮށްފައި އެބައޮތެވެ. އެއީ އެޕްރީލް 2 ގައި އަޅުވާ މަދޮށިޕް ސްޓޫޑިއޯގެ "ފަރީ" އެވެ.