Roadha Mihaaru
"އަނދިރިކަން" ގެ ޕްރިމިއާ މިރޭ

އަހަރުގެ ފުރަތަމަ ފިލްމު "އަނދިރިކަން" ގެ ޕްރިމިއާ މިރޭ

04 މާޗް 2020

މި އަހަރު އޮލިމްޕަހުގައި އަޅުވާ ފުރަތަމަ އާ ފިލްމު "އަނދިރިކަން" މިރޭ ޕްރިމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު އޮލިމްޕަހުގައި އަޅުވާ ފުރަތަމަ އާ ފިލްމު "އަނދިރިކަން" މިރޭ ޕްރިމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމަކީ އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނާއި ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ) ގެ ކުންފުނި މާސްކޭ ސްޓޫޑިއޯސް އިން ގެނެސްދޭ ފިލްމެކެވެ. އަސަރު ގަދަ ވާހަކައެއް ކިޔައިދޭ "އަނދިރިކަން" އަކީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅެފައިވާ ފިލްމެކެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމުގެ ބަތަލާއިންނަކީ ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ އެވެ. މ. މަޑުއްވަރީގައި މަންޒަރުތައް ނަގާފައިވާ "އަނދިރިކަން" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު ރަޝީދު (ދަރާ) ހިމެނެ އެވެ.

މާސްކޭ ބުނި ގޮތުގައި "އަނދިރިކަން" މިރޭ އަޅުވާ އިރު، ފުރަތަމަ ޝޯ އެއްކޮށް، ފިލްމުގެ ބާކީ ހުރި ޝޯތަކުގެ ޓިކެޓް އަންނަނީ ވަރަށް ބާރަށް ވިކެމުންނެވެ. އޭނާ ބުނީ ފިލްމު ޕްރިމިއާކުރާނީ ކުޑަވަރެއްގެ އިވެންޓަކާ ވެސް އެކީގައި ކަމަށެވެ.

އޮލިމްޕަހުގައި މިރޭ "އަނދިރިކަން" ޕްރިމިއާކުރުމާ އެކު ރަށްރަށުގައި ވެސް ފިލްމު އެޅުވުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.

"އަނދިރިކަން" ބަލަންވީ ކީއްވެ؟

މި ފިލްމު ބަލަން ޖެހޭ އެންމެ ހާއްސަ އެއް ސަބަބަކީ ވަރަށް ސެންސިޓިވް އިޝޫއަކަށް ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮތުމެވެ. ކައިވެނީގެ ގުޅުންތަކެއްގެ ތެރެއިން ދިމާވާ ކަންތައްގަނޑެއް ދައްކުވައިދޭ "އަނދިރިކަން" އަކީ ފެމިލީ ޑްރާމާއެކެވެ.

ސީޒަން ބުނެފައިވާ ގޮތުގައި މީގައި ކިޔައިދޭނީ މުޖުތައުގައި ތެރޭގައި އޮތް ބޮޑު އެކަމަކު އެހާ ބޮޑަށް ވާހަކަ ނުދެކެވޭ ކަމެއްގެ ވާހަކަ އެވެ. އެހެންވެ އެއީ ސީދާ ކޮން ކަމެއްކަން ކަށަވަރުވާނީ ފިލްމު ބަލާލީމަ އެވެ. ސީޒަންދޭ ޔަގީން ކަމަކީ އަސަރު ގަދަ ފިލްމުތަކަށް ލޯބިކުރާ އޯޑިއަންސަށް "އަނދިރިކަން" ވަރަށް ކަމުދާނެ ކަމެވެ. އަދި މިއީ ބެލުންތެރިންނަށް ވަރަށް މުހިއްމު މެސެޖްތަކެއް ދޭނެ ފިލްމެކެވެ.

މި ފިލްމުގެ ހާއްސަ އަނެއް ކަމަކީ ފިލްމުގެ މައިގަނޑު ކާސްޓްގައި މުޅިން ވެސް މަޝްހޫރު އަދި ތަޖުރިބާކާރު ތަރިން ހިމެނުމެވެ. އޭގެ ތެރޭގައި ގިނައިން ތިބީ އެވޯޑްތައް ހޯދާފައިވާ ފަންނާނުންނެވެ. އެހެންވެ "އަނދިރިކަން" ގެ މުޅި ކާސްޓަށް ބަލައިފި ނަމަ، ކޮންމެ ތަރިއެއްގެ ފަރާތުން ވެސް މޮޅު އެކްޓިންއެއް ފެންނާނެ ކަމަށް ގަބޫލުކުރަން ޖެހެ އެވެ. ދެން އޮތީ ސީޒަންގެ ޑައިރެކްޝަނުގެ ވާހަކަ އެވެ. އޭނާ ކުރިން ވެސް ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާތީ، "އަނދިރިކަން" ޕްރެޒެންޓްކޮށް ދީފައި އޮތް ގޮތް ބެލުންތެރިންނަށް ކަމުދާނެ ކަމަށް ގަބޫލުކުރަން ޖެހެ އެވެ. ޓްރެއިލާ އިން ވެސް ސީޒަން ފިލްމަށްކޮށްފައި ހުރި މަސައްކަތްތައް ވަޒަންކޮށްލެވޭނެ އެވެ.

"އަނދިރިކަން" ބަލަން ޖެހޭ އަނެއް ސަބަބަކީ ސީޒަނާއި ޝީލާގެ ޖޯޑު ވެސް އަހަރުތަކެއް ފަހުން އަލުން ސްކްރީނަށް އައުމެވެ. މި ދެ ތަރިންނަކީ ކުރިން ވެސް އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނެވެ. އަދި ބެލުންތެރިންގެ މަގުބޫލުކަން ވެސް ހޯދާފައިވާ ޖޯޑެކެވެ.

"އަނދިރިކަން" ވެގެންދާނީ މިހާރު ބުރުގާ ވެސް އަޅައިގެން ހުރި ޝީލާ ބުރުގާ ނާޅައި ހުއްޓައި ބޮޑު ސްކްރީނުން ފެންނާނެ ފަހު ފިލްމަށެވެ. އެހެންވެ އެ ތަފާތު ވެސް މި ފަހަރު ތަޖުރިބާކޮށްލެވޭނެ އެވެ.

ދެން އޮތީ ސީޒަނާއި ރިޝްފާގެ ޖޯޑުގެ ވާހަކަ އެވެ. މި ދެ ތަރިން އަދި މިހާތަނަށް އެކީގައި މާ ގިނަ މަސައްކަތެއްކޮށްފައެއް ނެތެވެ. އެކަމަކު އެކީގައި ފުރަތަމަ ކުޅުނު ފިލްމު "އަހްޝަމް" އަކީ ސީޒަނާއި ރިޝްފާގެ ޖޯޑު ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެކެވެ. މި ފަހަރު "އަނދިރިކަން" ގެ ތެރެއިން ވެސް އެ ކެމިސްޓްރީ ފެންނާނެ ކަމަށް ގަބޫލުކުރެވެ އެވެ.

ފިލްމު ބަލަން ޖެހޭ އަނެއް ސަބަބަކީ މާސްކޭގެ ސިނަމަޓޯގްފަރީ އެވެ. އޭނާ އަކީ ރާއްޖޭގައި މި ވަގުތު ތިބި ކެމެރާމަނުންގެ ތެރެއިން އެންމެ އެންމެ ގިނަ ބަޔަކު އެންމެ އިތުބާރުކުރާ އެކެކެވެ. އެހެންވެ މާސްކޭގެ ލެންސުން ނަގާފައިވާ މަންޒަރުތަކާ އެކު "އަނދިރިކަން" ގެ މަންޒަރުތައް ވަރަށް ޗާލުކޮށް، ބަލައިލަން ފަސޭހަކޮށް ގެނެސް ދީފައި ހުންނާނެ ކަމަށް އުންމީދުކުރެވެ އެވެ.

"އަނދިރިކަން" ހަގީގަތުގައި ބަލަން ޖެހޭ އެންމެ މުހިއްމު ސަބަބަކީ އަހަރުގެ ފުރަތަމަ ފިލްމަށްވުމެވެ. މީގެ ހުރި ފެންވަރެއް ތަޖުރިބާކޮށްލުމަކީ މި އަހަރުގެ ދެން ހުރި ފިލްމުތަކާ ދޭތެރޭ ވެސް ބެލުންތެރިންނަށް ކޮންމެވެސް ވަރެއްގެ ތަސައްވުރެއްކޮށްލަން ފަސޭހަ ކަމަކަށް ވާނެ އެވެ. ފިލްމުތައް މިހާރު އޯޑިއަންސް ބަލައިގަންނަނީ ޓެކްނިކަލް ގޮތުން ވެސް މަސައްކަތްތައް ރަނގަޅުވުމުން ކަމަށްވާތީ ސީޒަނާއި މާސްކޭގެ ޓީމުން އެބައި ބެލުންތެރިން އުންމީދުކުރާ ވަރު ކޮށްދީފައި ހުންނާނެ ކަމަށް ބަލަން ޖެހެ އެވެ.